މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ. (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް: ކައުންސެލް ޖެނެރަލް

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އެ މައްސަލަ ދިރާސާކުރި ކޮމިޓީއަށް ފޮނުއްވި ލަފާގައި ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ކުރިން އެކަމާމެދު ގޮތެއް ކަނޑައެޅުމަށް ފޮނުވަންޖެހޭ ކޮމިޓީއަށް ޖޭއެސްސީން ފޮނުވާފައި ނުވާ ކަމަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، އެ މައްސަލަ ދިރާސާކުރާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ލަފާ ދެއްވައިފި އެވެ. އެކަމަކު ކޮމިޓީން މިއަދު ވަނީ އެ ލަފާއަށް ބެލުމެއް ނެތި ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ، އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

މި މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން މިހާރު ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފަ އެވެ. 

ތަފްސީލް - އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ މައްސަލަ ތަހުގީގުކުރިއިރު ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ފިލްޒާ އެ ކޮމިޓީއަށް ފޮނުއްވި ލަފާގައި ވިދާޅުވީ މައްސަލަ ބަލަން ނިންމުމުގައި ގާނޫނު ބުނާ އިޖުރާއަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

ފިލްޒާގެ ލަފައާމެދު ގޮތެއް ނިންމުމަށް އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ކައުންސެލް ޖެނެރަލްގެ ލަފާ އެހެން އޮތް ނަމަވެސް، ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް އޭނާގެ ލަފާ ރިޕޯޓުގައި ހިމެނުމަށް ފަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ރިޕޯޓު ތަޅުމަށް ފޮނުވުމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެކަމާ ދެކޮޅު ހެއްދެވި އެވެ. އޭނާ ހުށަހެޅުއްވީ ފިލްޒާގެ ލަފާގައި ފާހަަގަކޮށްފައިވާ ކަންކަން އިތުރަށް ކޮމިޓީން ދިރާސާކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. އެކަމަކު އެކަމަށް އެއްވެސް މެމްބަރަކު ތާއީދު ނުކުރެއްވުމުން އެގޮތަކަށް ފާހެއްނުވި އެވެ.

ފިލްޒާގެ ލަފާ - އެ މައްސަލަ ޖޭއެސްސީން ބެލުމުގައި ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކޮށްފައިނުވާ ކަމަށް ފިލްޒާގެ ލަފާގައި ފާހަގަކުރައްވާފައިވާ ސަބަބަކީ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން ފެށީ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ހުށަނާޅައި، އެ ކޮމިޓީގެ ބައިވެރިވުމެއް ނެތި ކަމަށް ވާތީ އެވެ.

ފިލްޒާގެ ލަފާގައި ވިދާޅުވިގޮތުގައި:

  • ޖޭއެސްސީގެ ރިޕޯޓުގެ ތައާރަފުގައި އެ މައްސަލަ ހުށަހެޅި ކަމަށް އޮންނަނީ ޖޭއެސްސީގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށް

  • ނަމަވެސް މައްސަލައިގެ ހުލާސާގައި އޮންނަނީ އެއީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ކަމަށް

  • އެކަން ސާފުކުރުމުން ޖޭއެސްސީން ބުނެފައިވަނީ އެގޮތަށް ބަޔާންކޮށްފައިވަނީ އެއީ އާންމު ފަރާތަކުން ޖޭއެސްސީގެ ރައީސްއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއަކުން ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނައުމުން ކަމަށް 

  • އެ ސިޓީއާ ގުޅިގެން ކޮމިޝަނުގެ ޖަލްސާއެއްގައި މަޝްވަރާކުރުމަށް ފަހު ކޮމިޝަނުގެ އިސްނެގުމަށް އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމީ ކަމަށް

  • ކޮމިޝަނަށް ފޮނުވާ މައްސަލަތައް ބަލަން ކަނޑައެޅުމަށްޓަކައި 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ' އަށް މައްސަލަ ފޮނުވަންވާނެ ކަމަށް ޖޭއެސްސީގެ ގާނޫނު ބުނޭ

  • މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް އެ ކޮމިޓީއަށް ޖޭއެސްސީން ފޮނުވާފައެއްނުވޭ

ކޮމެންޓް (2)

ތެފައާސާ.

13 މޭ 2025
އެހެންވީމާ ޖޭއެސްސީއިން ބެލި ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ތެރެއަށް ފިލްޒާވެސް ވައްދައި، ކުރިމިނަލް ކޯޓުން ނިންމާފައިއޮތް މައްސަލައެއް ނިންމިފަހުން އެކަމަކު އެނިންމުމަށް ނުފޫޒު ފޯރުވަން ފަނޑިޔާރު އަޒްމިރަލްދާ ބުނެގެން ފަނޑިޔާރު މަހާޒު ގުޅީ ފިލްޒާގެ ފޯނުންކަމަށް މައްސަލަ ބެލި ކުޑަކޮމިޓީގެ މެމްބަރުންނަށް ހީވާތީ އެކަން އެގޮތަށް ސާބިތުވާކަމަށް ނިންމައި 2 ފަނޑިޔާރުންނާއެކު ފިލްޒާވެސް މަގާމުން ވަކިކުރަން އުޅެގަންނަމާ؟؟
5 1

ޞަރީހަ

13 މޭ 2025
@ތެފައާސާ. ހެޔޮކޮށް ތިޔަބުނީ. ފިޒްލާވެސް ކުއްވެރި
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް