13 އޭޕްރިލް 2025: އަޒްމެރަލްދާ ޖޭއްސްސީއަށް ހާޒިރު ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދިވަޑައިގެންފި
ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެދިވަޑައިގެންފި އެވެ.
ވީކިހިނެއް؟ - އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ކޮމިޝަނުން އިއްޔެ މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުން މަޖިލީހަށް އިއްޔެ ފޮނުވުމުން، އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރައީސް އިއުލާންކުރެއްވުމަށް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި އަޒްމިރަލްދާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިއަށް ގާނޫނީ ވަކީލަކާއެކު ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތެއް ދެއްވުމަށެވެ.
އަޒްމިރަލްދާގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަމަކީ:
-
ޖޭއެސްސީން ހިންގި ތަހުގީގަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކުގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް
-
އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރު ކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރެއްގެ ޝަކުވާތައް އަޑުއެހުމަކީ ކޮމިޓީން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ގޮތުގައި ދެކޭ ވާހަކަ
ފަނޑިޔާރު ކަމުން ވަކިކުރުމަށް އިޖުރާއަތް އޮންނަ ގޮތަކީ:
-
ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ޖޭއެސްސީގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
-
ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރުން
-
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފަނޑިޔާރު ވަކިކުރަން ފާސްކުރުން
-
ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން
ފާހަގަކޮށްލެވޭ - އަޒްމިރަލްދާ ކުރިން ވެސް ވަނީ އިންސާފުން ބޭރުން މައްސަލަ ހިންގާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވައިފަ އެވެ. އެ މައްސަލަ ބެލުމަށް ވެސް ކޮމިޓީން ނިންމި އެވެ. ނަމަވެސް ފަހުން އޭގެ މަސައްކަތެއް ނުހިނގާ ކަމެއް ނޭނގެ އެވެ.
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން:
-
މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް
-
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި
-
ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް
އަޒްމިރަލްދާގެ ފިރިކަލުންނަށް ތުހުމަތު ކުރި މައްސަލަ ހިނގި ގޮތް
އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ބަލަން ފެށި އެވެ. އެ މައްސަލަތަކަކީ:
-
ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
-
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އެއީ:
-
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
-
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
-
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
ކޮމެންޓް (2)
ފީލިންގ
ތެފައާސާ.