ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން - (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އދ

ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން: އދ.ގެ ރެޕަޓުއާ

މަހާޒާއި އަޒްމިރަލްދާ ވަކިކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ މިރޭ ނިންމާފައި
18 އޭޕްރީލު 2025
1

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މިހާރު އެ ކޯޓުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އދ.ގެ ހާއްސަ ރެޕަޓުއާ މާގްރެޓް ސެޓަތުވެއިޓް މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެނގުން މުހިންމު - މަހާޒާއި އަޒްމިރަލްދާ ވަކިކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ މިރޭ ނިންމާފަ އެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީން މިރޭ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.

ވީ ކިހިނެއް؟ - ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ ރެޕަޓުއާ މާގްރެޓް ވަނީ، އިންސާނީ ހައްގުތަކާ ގުޅޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް މިރޭ ބަޔާނެއް ނެރުއްވާފަ އެވެ.

މި ބަޔާން ނެރުނުއިރު، ސުއޫދާއި އަޒްމިރަލްދާ ވަނީ އެ ބޭފުޅުން ސަސްޕެންޑުކުރި މައްސަލަ އދ.އަށް ހުށަހަޅުއްވާފަ އެވެ. އދ. އިން ވަނީ އެކަމާ ގުޅޭ ގޮތުން ޖަވާބު ދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި މާގްރެޓް ވިދާޅުވީ ފަނޑިޔާރުންގެ ޒިންމާތަކުން ދުރުކުރުމާއި އެއާ ގުޅިފައިވާ އެހެން ފިޔަވަޅުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބެލުން ހުއްޓުވުމަށް ކަމަށެވެ.

އޭގެ ތެރޭގައި މާގްރެޓް ކަންބޮޑުވުން ފާޅުކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި:

  • 1-

    ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށް، ވަކިކުރަން ބޭނުންވާ ދެ ފަނޑިޔާރެއްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީއަށް ލާޒިމުކުރާ ގޮތަށް މިދިޔަ ފެބްރުއަރީގައި ގާނޫނަށް ގެނައި އިސްލާހު؛ ވެރިކަން ކުރާ ޕީއެންސީން ވެސް ބޭނުންވެގެން ގެނައި އެ އިސްލާހު އަވަހަށް ފާސްކުރުމަށް ފަހު ރައީސް މުހައްމަދު މުއިއްޒަށް ފޮނުވުމުން، ގިނަ ދުވަސްތަކަކަށް ފަހު އެ މަނިކުފާނު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައި

  • 2-

    ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ބޭއްވި ޝަރީއަތުގެ މަޖިލިސްތަކުގައި އެއާ ސުވާލު އުފެއްދެވި އެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް މައްސަލައެއް ބަލަން ފެށުން

"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ހިންގި އިޖުރާއީ ފިޔަވަޅުތަކަކީ، ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ހަމައެކަނި ބޮޑެތި ސުލޫކީ މައްސަލަތަކުގައި ނުވަތަ ގާބިލުކަން ނެތް ހާލަތުގައި، އިންސާފުވެރި އަދި ވަކި ފަރާތަކަށް ނުޖެހޭ އުސޫލުތަކެއްގެ ދަށުން މެނުވީ ފަނޑިޔާރުން ވަކިނުކުރެވޭނެ އުސޫލާ ހިލާފު ކަމެއް ކަމަށް ދެކެން،" މާގްރެޓް ވިދާޅުވި އެވެ.

"ސަސްޕެންޝަންތަކާއި އިޖުރާއީ ފިޔަވަޅުތަކާއި ތަހުގީގުތަކުގެ ޕްރެޝަރަކީ މި މުއައްސަސާގެ މިނިވަންކަމަށް އަރައިގަތުމަކަށް ވެދާނެ."

މީގެ އިތުރުން، މަހާޒާއި އަޒްމިރަލްދާގެ ވަކީލުންނަށް ޖޭއެސްސީގެ އަޑުއެހުންތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާއި އެ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ނުބެލުމާ ގުޅޭ ގޮތުން ވެސް މާގްރެޓް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ކޮމެންޓް (1)

ތެފައާސާ.

18 އޭޕްރީލު 2025
އ.ދ ގެ ރެޕަޓުއާރ އަށްވެސް އެނގެންޖެހޭނެ މިއަކީ ކުރީގެ ދިވެހިރާއްޖެއެއް ނޫންކަން. މިއީ ދިވެހީންގެ ރާއްޖެ. މި ރާއްޖޭގައި ޑްރޯނާއި މަނަވަރާއި މިސައިލްވެސް އެބަހުރި. ތިޔަހެން ބުލީ ނުކުރެވޭނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް