ކަނާތުން ވާތަށް: ސުއޫދު، މަހާޒު އަލީ ޒާހިރު، އަޒްމިރަލްދާ ޒާހިރު - (ފޮޓޯ/ ރައީސް އޮފީސް)

ތަހުގީގު ކޮމިޓީއަށް ފެނުނީ އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން؛ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނަށް ފޮނުވަން ނިންމައިފި

އަޒްމިރަލްދާއާއި މަހާޒު ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަ ކަމަށް ތަހުގީގު ކޮމިޓީގެ ރިޕޯޓްގައި ލިޔުނު އިރު، އެ ރިޕޯޓް ފަނޑިޔާރުންނަށް ފޮނުވަން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާޥިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން ނިންމައިފި އެވެ.

ވީކިހިނެއް؟ - އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީން މިރޭ ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވި އެވެ.

ތަފްސީލް - ކޮމިޝަނުގެ ބައްދަލުވުމުގައި އޮތީ، އެ މައްސަލަ އެކުލަވާލި ތަހުގީގު ކޮމިޓީން ތައްޔާރުކުރި ފަހު ރިޕޯޓް ޖަވާބުދާރީވުމަށް ފަނޑިޔާރަށް ފޮނުވުމަށް ގޮތެއް ނިންމުމެވެ. އެނގިފައިވާ ގޮތުގައި:

  • ރިޕޯޓްގައި ހިމަނާފައިވަނީ މަހާޒު އަދި އަޒްމިރަލްދާ ވެސް ވަކިކުރުމަށް

  • ތަހުގީގު ކޮމިޓީގެ ރިޕޯޓް ރަނގަޅު ކަމަށް ނިންމައި ކޮމިޝަނުން ނިންމީ ރިޕޯޓް ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށް ފޮނުވުމަށް

  • އިޖުރާއަތް ބުނާ ގޮތުން ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށް ހަތް ދުވަސް ދޭން ޖެހޭ

  • ކޮމިޝަނުން ވަކި ގޮތެއް ނިންމާނީ ފަނޑިޔާރުން، ތަހުގީގު ކޮމިޓީގެ ފަހު ރިޕޯޓަށް ޖަވާބު އެރުވުމުން

ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ.

އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.  އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި އެވެ.

ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި އެވެ. އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތެވެ.

އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ކޮމިޝަނުން ދެން ބަލާ މައްސަލަތަކަކީ:

  • ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް

  • ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި

އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ. އޭގެ ފަހުގައި ވެސް ގޮނޑި ގެއްލޭ އިސްލާހުގެ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ކޯޓުން ތާވަލުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް (3)

ކޮސް

18 އޭޕްރީލު 2025
ތިޔައީ މާކުރިންވެސް ނިންމިކަމެެއްކަން ނުދަންނަ މީހަކުނެތް. ތަހުޤީޤަކީ ގޮތްދައްކަން ޖެހި ސަކަރާތެއް. ފަނޑިޔާރުންގެ ކުށަކީ ރައީސް ބޭނުންފުޅުވާގޮތަށް ކަމެއް ނިންމާނުދިނުން. އެކަމަކު ފަނޑިޔާރުގެއަށް އަތްބޭނުން " މިނިމުނީ ، މިނިމުނީ. " !!!!!!!!
3 0

ތެފައާސާ.

17 އޭޕްރީލު 2025
ވަޒީފާއެއްގެ އިންތިޒާރުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރެއްވިފަހުން ރައީސް ޖޭއެސްސީއަށް އައްޔަންކުރެއްވި އެކައުންޓެންޓު އިސްވެހުންނަވައިގެން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ތިނޫން ގޮތަކަށް ނިންމަން ފެންނަކަމަށް ލިޔުނުނަމަ އަނެއްކާވެސް ވަޒީފާއެއްގެ އިންތިޒާރުގައި އެކައުންޓެންޓު ހުންނަވަން ޖެހިދާނެއެވެ. އ ހ
6 1

ތޮޅި

17 އޭޕްރީލު 2025
ތިއީ ރޭވިގެން ޕްލޭން ކުރެވިގެން ހިނގާ ކަމަކަށްވާތީ ތިކަމާ ހައިރާނެއް ނުވޭ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް