ޖުޑީޝަލް ސާވިސް ކޮމިޝަން - (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
ޖޭއެސްސީގެ އަޑުއެހުން ސިއްރުކުރުމުން ފާޑުކިޔަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހާޒިރުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބާއްވާ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް އެދިވަޑައިގަތް ނަމަވެސް ހުޅުވާނުލަން ކޮމިޝަނުން ނިންމުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ވީކިިހިނެއް؟ - ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުކުރަން އެންގީ އޭނާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.
އަޒްމިރަލްދާ ހާޒިރުކުރުން ފަސްކޮށްފައިވާއިރު، އަޑުއެހުންތައް ހުޅުވާނުލަން ކޮމިޝަނުން ނިންމި ނިންމުމަށް ފާޑުކިޔަމުންދާ މީހުންގެ ތެރޭގައި ވަރުގަދަ ބައެއް ގާނޫނީ ވަކީލުން ވެސް ހިމެނެ އެވެ.
ތަފްސީލް - ކުރީގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދު 'އެކްސް'ގައި ލިޔުއްވީ ޖުޑީޝަލް މިސްކޮންޑަކްޓް ނުވަތަ ފަނޑިޔާރަކު ހެދި ގޯހެއްގެ މައްސަލައެއްގެ އަޑުއެހުންތައް ކެމެރާގެ ކުރިމަތީގައި ބާއްވަނީ ވެސް ތަހުގީގު ނިސްބަތްވާ ފަނޑިޔާރުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް އެދިވަޑައިގަންނަވާނީ ހައްގު ހިމާޔަތްކުރުމަށް ބޭނުންވާތީ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ބޭއިންސާފުން، އިޖުރާއަތްތައް ފުރިހަމަނުކޮށް މައްސަލަ ގެންގޮސްދާނެތީ އެ ފުރުސަތު ދޭން ބޭނުންނުވެގެން ކަމަށް ބަލަން ޖެހޭ ކަމަށް ސަވާދު ވިދާޅުވި އެވެ.
އޭގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެފައި، އާންމު ރައްޔިތުންގެ މަސްލަހަތު އޮތް ބޮޑު މައްސަލައެއް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް ހިނގި ކަމަކަށް ވާތީ މި އަޑުއެހުމުގައި ފަނޑިޔާރު ޖަވާބުދާރީކުރުވާ ގޮތާއި ފަނޑިޔާރު ޖަވާބުދާރީވާ ގޮތް ރައްޔިތުންނަށް ވެސް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަވާދު އިޝާރާތް ކުރެއްވީ، ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށެވެ.
"ދައުލަތުން މި ދައްކަނީ ގާނޫނީ ވެރިކަމާ މެދު އިހުމާލުވާ މަންޒަރެއް. ހާއްސަކޮށް މި ދަނޑިވަޅުގައި ފަނޑިޔާރުން ސަސްޕެންޑްކުރީ ދައުލަތުގެ ހެޔޮ ނިޔަތެއް އޮވެގެން ކަމާމެދު ސުވާލު އުފެދޭ. ފަނޑިޔާރުން ސަސްޕެންޑްކުރުމުގައި އިންސާފުން ކަން ކުރަމުންދޭތޯ ސުވާލު އުފެދޭ،" ސަވާދު ލިޔުއްވާފައިވެ އެވެ.
SCގެ ފަނޑިޔާރެއް މަޤާމުން ވަކިކުރަން ކުރާ ތަޙްޤީޤެއް ސިއްރުކުރަނީ ޢާންމު މަޞްލަޙަތަށޭ ބުނުމަކުން އަދި ނުފުދޭ.
— ahmad ali sawad (@DrSawad) March 9, 2025
JSCގަ 3 ފަނޑިޔާރުންގެ މައްސަލަ ހިނގާ ގޮތް އެނގުމަކީ ކޮންމެ ރައްޔިތެއްގެ ސީދާ މަޞްލަޙަތު ހިމެނޭ ކަމެއް.
ރައްޔިތުންގެ މަޞްލަޙަތަށްޓަކައި މި މައްސަލަ ޢާންމުކުރައްވާ!
ސަވާދުގެ ޕޯސްޓް ވަރަށް ގިނަ ވަކީލުންނާއި އާންމުން ރީޕޯސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބާ ކައުންސިލްގެ ކުރީގެ ރައީސް މައުމޫން ހަމީދު ވެސް ހިމެނެ އެވެ.
މައުމޫން ހަމީދު ވެސް ވަނީ ޖޭއެސްސީން އިޖުރާއަތްތައް ގެންދާ ގޮތާ މެދު ފާޑުވިދާޅުވެ ޕޯސްޓެއް ކުރައްވައިފަ އެވެ.
"އާބިޓްރަރީ ސަސްޕެންޝަނާއި، ދޮގު ތުހުމަތުތައް، އަވަސް ތަހުގީގެއް، ރޭގަނޑު ސުވާލުކުރުމާއި، ކުއްލިއަކަށް ހާޒިރުވާން އެންގުމާއި، މަރުހަލާތަކާއި އިޖުރާއަތްތައް އަވަސް އަރުވާލައިގެން ބައިޕާސްކުރުމާއި، މިއީ ސީދާ ވަކި ކަމަކަށް އަމާޒުކޮށް ހިންގާ ކަމެއް،" މައުމޫން ލިޔުއްވާފައިވެ އެވެ.
އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝިޔާމް ވެސް ޕޯސްޓް ކުރެއްވި އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އަޑުއެހުންތައް ސިއްރުކުރަން ޖޭއެސްސީން ނިންމީ އާންމު މަސްލަހަތަށް ބަލާފައި ކަމަށް އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
"ޖޭއެސްސީއަށް ފެނުނީ އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ގެންގޮސްފި ނަމަ މުޖުތަމައުގެ އާއްމު މަސްލަހަތަށް ގެއްލުން ވެދާނެކަމަށް. އަސްލެއް ނެތް ކަމެއްގައި އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް ކޯޓު ހުއްޓުވާލިއިރު އާއްްމު މަސްލަހަތަށް ވާނެ ގެއްލުން ޖޭއެސްސީއަކަށް ނޭނގުނު،" ޝިޔާމް ލިޔުއްވާފައިވެ އެވެ.
It is a case against Azmiralda. If she wants it to be an open hearing, what is the issue?
— Fathun (@fathuns) March 9, 2025
What is JSC wanting to hide? https://t.co/uBIDxOiS33
ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށެވެ. އޭގެ ސަބަބުން މުއައްސަސާތަކާއި ޖުޑީޝަރީއަށް އޮތް އިތުބާރު ދާނީ ކުޑަވަމުން ކަމަށް އަލީ ވިދާޅުވި އެވެ.
"ކެންޕޭނު ތެރޭގައި [ރައީސް] މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް. ރައީސްގެ ސީދާ ބާރު އޮންނަ ޖޭއުސްސީގެ އަޑުއެހުންތައް ހުޅުވާނުލައި ސިއްރު ކުރަން ޖެހެނީ ކީއްވެ؟،" ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އަލީ ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ވެސް ގިނަ އާންމުން ވެސް ދަނީ އަޑުއެހުން ސިއްރުކުރަން ނިންމީތީ އެ ކަމަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.
There’s no valid reason for closed hearings. This undermines the core of Rule of Law.
— Visham (@vichalhey) March 9, 2025
And here I am, questioning as if Rule of Law ever even existed here. 😬 https://t.co/TOrpUtzRz9
އެނގުން މުހިންމު - އަޒްމިރަލްދާގެ އިތުރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ކުރެ އެވެ. މަހާޒު އިއްޔެ ޖޭއެސްސީއަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. މަހާޒު ވަނީ އޭނާއަށް ކުރާ ތުހުމަތަށް އިންކާރު ވެސް ކޮށްފަ އެވެ.
ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ މައްސަލަ ބަލަމުންނެވެ. އޭސީސީއަށް ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ހާޒިރުކޮށް ބަޔާން ވެސް ނަގާފައިވެ އެވެ. އިއްޔެ އާއި މިދިޔަ ހޮނިހިރު ދުވަހު ބަޔާންތަކުގައި ސޮއިކުރަން ވެސް ހާޒިރުކޮށްފައިވެ އެވެ.
މަހާޒާއި އަޒްމިރަލްދާގެ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި ކަމަށް ބުނާ މައްސަލައެކެވެ.
ކޮމެންޓް (2)
ސިކުނޑި
ތެފައާސާ.