މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަހާޒު ޖޭއެސްސީއަށް ހާޒިރުކޮށްފި

ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތަކީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ބަންދުނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހާޒިރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީން ބަލަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.

އެ މައްސަލާގައި އަޒްމިރަލްދާގެ އިތުރުން މަހާޒުގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ. މަހާޒު ކޮމިޝަނަށް މިއަދު ހާޒިރުކުރީ މެންދުރުފަހު 1 ޖަހާއިރަށެވެ. އޭނާ ހާޒިރުވީ ގާނޫނީ ވަކީލު ފައިސަލް މުހައްމަދާ އެކު އެވެ.

އަޒްމިރަލްދާ ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތަކަށެވެ. އަޒްމިރަލްދާގެ ފަަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަން ވެގެން އުފައްދައިގެން އުޅޭ މައްސަލައެކެވެ.

ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

މަހާޒް އަދި އޭނާގެ ވަކީލު ފައިސަލް ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. 

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

9 މާރިޗު 2025
މަހާޒު ފަދަ އިލްމީ އަދި އިންޓެގްރިޓީ ހުރި ފަނޑިޔާރަކާއި ދެކޮޅަށް މައްސަލައެއް އުފައްދައިގެން ހާޒިރުކޮށްގެން ތިޔަ ޖަހާ ސަކަރާތާއިމެދު ޖޭއެސްސީގައި ތިބި ސިޔާސީ ލަޓޯފަޓޯއިން ލަދުގަންނަން ޖެހޭނެ. މިއަދު ބާރު އޮތީމާ ބޭނުން އެއްޗެއް ހެދިދާނެ!!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް