ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު - (ފޮޓޯ/ ރައީސް އޮފީސް)

އަޒްމިރަލްދާގެ އަޑުއެހުންތައް ހުޅުވާނުލަން ނިންމައިފި

ޖޭއެސްސީން ބަލަމުން ދަނީ އަޒްރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލަން ކޮމިޝަނުގެ ބައްދަލުވުމުގައި މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަޒްރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެ މައްސަލާގައި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން ޖެހެނީ މާދަމަ އެވެ. އަޒްމިރަލްދާ އެދިވަޑައިގެންފައި ވަނީ އެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށެވެ.

ތަފްސީލް - މިއަދު މެންދުރު 12 ޖަހާއިރު ކޮމިޝަނުން ބޭއްވި ބައްދަލުވުމަށް، އަޒްމިރަލްދާގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ މެދު ކޮމިޝަނުން ގޮތެއް ނިންމުމަށް ތަހުގީގު ކޮމިޓީން ފޮނުވި މައްސަލަ އެޖެންޑާކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ އަޑުއެހުންތައް ހުޅުވާނުލާ ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލާގައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ކުރެ އެވެ. މަހާޒު ވެސް ހާޒިރުވުމަށް ޖޭއެސްސީން އަންގާފައިވެ އެވެ. މިއަދު މެންދުރު ފަހު 1 ޖެހިއިރު އޭނާ ވަނީ ހާޒިރެވެފަ އެވެ.

ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. 

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް