ޖުޑީޝަރީގެ އިވެންޓެއްގައި ފަނޑިޔާރު އަޒްމިރަލްދާ

އަޒްމިރަލްދާ ހާޒިރުކުރުން އަނެއްކާ ވެސް ފަސްކޮށްފި

ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުވާން އެންގީ ފަނޑިޔާރުގެ ފިރިކަލުން ބަންދުނުކުރަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އަޒްރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެ މައްސަލާގައި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން ޖެހެނީ މާދަމާ ކަމަށް އިއްޔެ އެ ކޮމިޝަނުން ގުޅާފައި އެންގި އެވެ. އޭރު ވެސް ގަޑިއެއް ނާންގަ އެވެ.

ތަފްސީލް - އަޑުއެހުން މާދަމާ ނުބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް 'ދައުރު' އަށް ވަނީ އެނގިފަ އެވެ. އަޑުއެހުން ދެން އޮންނާނެ ދުވަހެއް ނޭނގެ އެވެ.

އަޒްމިރަލްދާގެ ފަރާތްޕުޅުން އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް މިއަދު ކޮމިޝަނުން ވަނީ އަޑުއެހުން ހުޅުވާނުލަން ނިންމައިފަ އެވެ.

މި މައްސަލާގައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ކުރެ އެވެ. މަހާޒު ވަނީ މިއަދު ކޮމިޝަނަށް ހާޒިރުވެވަޑައިގެން ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.

ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. 

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް (1)

ބުހުތާނު

9 މާރިޗު 2025
ސްޕްރީމް ކޯޓުގެ ތަޅުއަޅުވާ އެތަނުގެ މަސައްކަތް ހުއްޓުވީ ޖުޑިޝަރީއަތް އަތްބޭނުން ނިންމުން ތަންފީޒު ނުކުރެވި އޮތުމުން. ކޮންމެ ބަހެއް އަމަލެއް ދިމާ އިދިކޮޅަށް ނޫނީ ނުކުރަން ނިޔަތް ގަނެގެން ހުރިކަހަލައެވެ. އަބަދުމެ ކުރިން ބުނިއެތި ކެންސަލް އެވެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް