11 މާޗް 2025: ފަނޑިޔާރު އަޒްމިރަލްދާ، ވަކީލު ޝާމިލާއެކު ޖޭއެސްސީއަށް ހާޒިރުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖޭއެސްސީގެ އަޑުއެހުންތަކުގައި ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތެއް ނުދިން

އަޒްމިރަލްދާ ޒާހިރުގެ ވަކީލު ޝަމީލް ވިދާޅުވީ ވަކީލަށް އެއްވެސް ވާހަކައެއް ދައްކަވަން ފުރުސަތު ނުދެވޭނެ ކަމަށް އެންގި ކަމަށް؛ މަހާޒުގެ ވަކީލު ފައިސަލް ވެސް ކުރިން ވިދާޅުވެފައިވަނީ މަހާޒު އަމިއްލައަށް ޖަވާބުދާރީވާން އެންގެވި ކަމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި އަޑުއެހުންތަކުގައި ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް އެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި އަޒްމިރަލްދާގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތުކުރެ އެވެ. ޖޭއެސްސީން މިއަދު ހެނދުނު އަޒްމިރަލްދާ ހާޒިރު ކުރި އިރު، މަހާޒު ހާޒިރު ކުރީ މިދިޔަ އާދީއްތަ ދުވަހު މެންދުރުފަހު އެވެ.

ތަފްސީލް - އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު 'ދައުރު'އަށް ވިދާޅުވީ ކޮމިޝަނުން ނަގާފައިވާ ތަހުގީގު ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަތީ ސީދާ ފަނޑިޔާރު ކަމަށެވެ. ފަނޑިޔާރުގެ ދިފާއުގައި ވަކީލަށް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނީ ފަނޑިޔާރު އަޒްމިރަލްދާ ކަމަށް އެންގެވީ. އަޅުގަނޑަކަށް ފުރުސަތެއް ނުދިން އެއްވެސް ވާހަކައެއް ދައްކާކަށް،" ޝަމީލް ވިދާޅުވި އެވެ.

މަހާޒުގެ ވަކީލު މުހައްމަދު ފައިސަލް ވެސް މިދިޔަ އާދީއްތަ ދުވަހު 'ދައުރު'އަށް ވިދާޅުވީ ޖަވާބުދާރީވާން ޖެހިވަޑައިގަތީ މަހާޒު އަމިއްލަފުޅަށް ކަމަށެވެ. އަޑުއެހުމުގައި ހުރިހާ ސުވާލަކަށް ވެސް މަހާޒު ޖަވާބުދާރީވެވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

މަހާޒު އާއި އަޒްމިރަލްދާ ވެސް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

9 މާޗް 2025: ފަނޑިޔާރު މަހާޒް، ވަކީލު ފައިސަލްއާއެކު ޖޭއެސްސީއަށް ހާޒިރުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް (2)

ރަދުން

11 މާރިޗު 2025
ތަޙްޤީޤު މަރުޙަލާގައި ވަކީލުންނަށް ވާހަކަ ދައްކާކަށް ފުރުޞަތެއް ނުދޭނެ.
1 2

ތެފައާސާ.

11 މާރިޗު 2025
ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް. މިހާ ސާފުކޮށް އޮތްކަމެއްގައި ގާނޫނީ ވަކީލަށް އެއްވެސް ވާހަކައެއް ދައްކަން ފުރުސަތު ނުދީ އެ ހައްގު ހިފެހެއްޓޭތަ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް