11 މާޗް 2025: އަޒްމިރަލްޑާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އަޒްމިރަލްދާ ޖޭއެސްްސީއަށް ހާޒިރުކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުކުރީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ. އޭނާ ވަޑައިގަތީ އޭނާގެ ވަކީލު އިބްރާހީމް ޝަމީލާ އެކުގަ އެވެ.
ތަފްސީލް - އަޒްމިރަލްދާގެ ފަރާތްޕުޅުން އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް އިއްޔެ ކޮމިޝަނުން ވަނީ އަޑުއެހުން ހުޅުވާނުލަން ނިންމައިފަ އެވެ. ގާތްގަނޑަކަށް އެއް ގަޑިއިރަށް އަޑުއެހުން ގެންދިޔައީ ސިއްރުކޮށްގެނެވެ.
މި މައްސަލާގައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ކުރެ އެވެ. މަހާޒު ވަނީ މިދިޔަ އާދީއްތަ ދުވަހު މެންދުރު ފަހު ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
ބުނީ ކީކޭ؟ - "މި މައްސަލަތަކަކީ އަސްލެއް އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ދެކެން،" އަޒުމިރަލްދާގެ ފަރާތުން މީގެ ކުރިން ނެރުނު ބަޔާނުގައިވެ އެވެ.
އޭނާގެ ފަރާތުން މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާ މައުލޫމާތު ނުލިބޭތީ އާއި ހުށަހަޅުއްވާފައިވާ ޝަކުވާތަކާ ގުޅިގެން އެއްވެސް ޒިންމާއެއް އަދާކޮށްފައި ނުވާތީ އަޒްމިރަލްދާއަށް އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.