ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ސްކްރީންޝޮޓް)

ތުހުމަތުތައް ދޮގުކޮށް އަޒްމިރަލްދާގެ ބަޔާނެއް: 'އެއީ ނުފޫޒު ފޯރުވަން އުފައްދާފައިވާ މައްސަލަތަކެއް'

އަޒްމިރަލްދާ ތަމްސީލްކުރާ ލޯ ފާމުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އޭސީސީއިން އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީއިން ބުނި ނަމަވެސް ކުޑަމިނުން އެއީ ކޮން މައްސަލައެއް ކަމެއް ވެސް ނާންގާ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަަލަމުން ދަނީ އަސްލެއް ނެތް އުފައްދާފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވެ އަޒްމިރަލްދާގެ ފަރާތުން މިއަދު ބަޔާނެއް ނެރެފި އެވެ.

އަޒްމިރަލްދާ ސަސްޕެންޑް ކުރުމާ ގުޅިގެން ބަޔާނެއް ނެރުއްވީ އޭނާ ތަމްސީލްކުރާ ލޯ ފާމް، ޝަމީލް އެންޑް ކޯ އެލްއެލްޕީ މެދުވެރިކޮށެވެ.

ތަފްސީލް - ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައި، އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގައި ފާހަގަކޮށްފައި ވަނީ:

  • އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީއަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތު އަޒްމިރަލްދާ ދޮގުކުރައްވާފައިވޭ؛ ޖޭއެސްސީން ދަނީ އެ މައްސަލަ ބަލަމުން

  • ޖޭއެސްސީން ބަލާ މައްސަލައާ ގުޅިގެން، ދިފާއުގައި އަޒްމިރަލްދާ ވަނީ ވަރަށް ތަފުސީލީ ސިޓީއެއް އެ ކޮމިޝަނަށް ފޮނުއްވާފައި

އަޒްމިރަލްދާ ސަސްޕެންޑްކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައެއް އޮތް ކަމަށް ޖޭއެސްސީއަށް އެންގުމުން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ނުލިބޭ ކަމަށް ބުނެ ބަޔާނުގައި ފާހަގަކޮށްފައިވަނީ:

  • އޭސީސީން ހިންގާ ޖިނާއީ ތަހުގީގުގެ އެއްވެސް މައުލޫމާތެއް ނުލިބޭ؛ ބަލަނީ ކޮން ބާވަތެއްގެ ކުށެއްގެ މައްސަލައެއްކަން ވެސް ކުޑަމިނުން ނުބުނޭ

  • އޭސީސީން މައުލޫމާތު ހޯދުމަށް ލިޔުމުން އެދުނު ނަމަވެސް އެ ކޮޮމިޝަނަކުން އަދި އެއްވެސް މައުލޫމާތެއް ނުލިބޭ

  • އަޒްމިރަލްދާ ސަސްޕެންޑްކުރަން ޖޭއެސްސީން ބޭއްވި ބައްދަލުވުމުގެ މައުލޫމާތާއި އޭސީސީން ފޮނުވި ސިޓީގެ ކޮޕީއެއް ދިނުމަށް އެދުމުން އެ ކޮމިޝަނުން ދީފައެއް ނުވޭ

  • ޖޭއެސްސީން ބަލާ ސުލޫކީ މައްސަލާގައި ވެސް އޭސީސީން ބަލާ ޒާތުގެ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ފާހަގައެއް ނުވޭ

ބުނީ ކީކޭ؟ - "މި މައްސަލަތަކަކީ އަސްލެއް އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ދެކެން،" އަޒުމިރަލްދާގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.

އޭނާގެ ފަރާތުން މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާ މައުލޫމާތު ނުލިބޭތީ އާއި ހުށަހަޅުއްވާފައިވާ ޝަކުވާތަކާ ގުޅިގެން އެއްވެސް ޒިންމާއެއް އަދާކޮށްފައި ނުވާތީ އަޒްމިރަލްދާއަށް އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މިދިޔަ މަހުގެ 26ގައި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭސީސީން މި ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ޖޭއެސްސީން އެ ދުވަހު ބުނެފައިވެ އެވެ.

އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތު މަހާޒުގެ މައްޗަށް ވެސް ކުރެ އެވެ. ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ދަނީ މަހާޒުގެ މައްސަލަ ވެސް ބަަލަމުންނެވެ.

ފަނޑިޔާރުކަމުން މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވިއިރު ސުއޫދުގެ ސުލޫކީ ގިނަ މައްސަލަތަކެއް ބެލުމަށް ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ.

އެނގުން މުހިންމު - މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑްކުރަން ނިންމީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ފަށަން ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ.

ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވަނީ ރައީސް މުހައްމަދު މުއިއްޒު އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ކޮމެންޓް (1)

ޢަހްމަދު

7 މާރިޗު 2025
މިވަރުގެ ދެރަވަރު ހާލަތަކަށް ގައުމު ވެއްޓިފައެއް އަދި ނުވޭ. ގައުމުގެ (ދައުލަތުގެ) ތިން ބާރުގެ ތެރެއިން އެއްވަރުވެ ވެރިން ހަދާނެ ނަހަދާނެއެއް ނޭގި ތިބެންޖެހޭ ހާލަތަކަށް ވެއްޓިފައިވާ ކަން ސިފަކުރެވެނީ ގައުމަށް ކުރިމަތިވެފައިވާ މުސިބާތެއްގެ ގޮތުގައި. މިހާލަތުގައި ދައުލަތެއްގެ ވެރިން ތިބެންޖެހޭ ނަމަ އާދައިގެ ރައްޔިތަކަށް ކަންކަން ދިމާވެދާނެ ގޮތަކާމެދު ނިހާޔަތަށް ކަންތައް ބޮޑުވޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް