ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން - (ފޮޓޯ/ ރައީސް އޮފީސް)

ސުއޫދާއި އަޒުމިރަލްދާގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީން ބަލަނީ

އަޒްމިރަލްދާގެ ބަލަމުންދަނީ އޭނާގެ ފިރިމީހާގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ؛ ސުއޫދުގެ ބަލަނީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލަ
26 ފެބްރުއަރީ 2025
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ވެސް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމާފައިވާކަން އެނގިއްޖެ އެވެ.

ވީ ކިހިިނެއް؟ - އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަޒްމިރަލްދާ އާއި ސުއޫދު ސަސްޕެންޑްކޮށްފައިވާއިރު، ޖޭއެސްސީން ބަލަމުންދަނީ އޭސީސީން ބަލަމުންދާ މައްސަލައާ ގުޅުމެއް ނެތް މައްސަލައެކެވެ.

ތަފްސީލް - އަޒްމިރަލްދާ އާއި ސުއޫދުގެ މައްސަލައެއް ބަލާކަން އަންގައި އެ ފަނޑިޔާރުންނަށް ނޯޓިސް ފޮނުވާފައިވެ އެވެ. އެ ދެ ނޯޓިސްގެ ކޮޕީ ވެސް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ސުއޫދާއި އަޒްމިރަލްދާއަށް ފޮނުވާފައިވާ ނޯޓިސްގައިވާ ގޮތުން އެއީ ކޮމިޝަނުން އިސް ނަގައިގެން ބަލާ މައްސަލައެކެވެ. އެގޮތުން:

  • އަޒްމިރަލްދާގެ ބަލަމުންދަނީ އޭނާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ

  • ސުއޫދުގެ ބަލަނީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލަ

އަޒްމިރަލްދާ އާއި ސުއޫދުގެ އިތުރުން މިއަދު ސަސްޕެންޑްކުރީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. މަހާޒުގެ މައްޗަށް ވެސް އޭސީސީން ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށެވެ.

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އަޑުއެހުމަށް ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ. އެއާ އެކު، އެ މައްސަލަ ވަނީ ހުއްޓިފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވާއިރު ސަސްޕެންޝަންގައި ނެތީ ހަތަރު ފަނޑިޔާރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލެނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފަ އެވެ.

ކޮމެންޓް (2)

ހިތްވަރު

27 ފެބްރުއަރީ 2025
ޑރ. މުއިއްޒުގެ މައްސަލަތައް ބަލައިފިއްޔާ ސަލާމަތް ނުވާނެ. އިރާދަކުރެއްވިޔާ އެތައް ބަޔަކަށް ނާ އިންސާފުން ކުރާ ކަންތަކުގެ ހިތި އޭނާ ދެކޭހުށި.
1 0

ކޮސް

26 ފެބްރުއަރީ 2025
ކީކޭ ދެން ބުނާނީ . 2022 ގެ މައްސަލައެއް ކުއްލިއަކަށް މިއަދު . ޗައިނާ - މޯލްޑިވްސް ފުރެންޑްޝިޕް ބުރިޖުން 2 ލޭން ގެއްލުނު މައްސަލައިގާ އޭރުގެ މިނިސްޓަރު މުއިއްޒަށް ދައުވާކުރެވި ، އެކަން ސާބިތު ކުރެވި ސަސްޕެންޑު ނުކުރެވެންވީ ސަބަބެއްނެތްތާ!!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް