ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ފިރިމީހާ އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް
އަޒްމިރަލްދާގެ ފިރިކަލުންގެ މައްސަލަ ހެކި ނެތިގެން ޕީޖީން ފައިލްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި ދައުވާކުރުމާ މެދު ގޮތެއް ނުނިންމައި ޕާކްކޮށްފައި އެތައް ދުވަހަކު ބޭއްވުމަށް ފަހު އެންމެ ފަހުން އެ މައްސަލަ ފައިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސާޖު ޕާލާއެއްގައި ހުންނެވި ކަމަށް ބުނެ ލަތީފް ހައްޔަރުކުރިކަން ފެންމަތިވީ މިދިޔަ ހަފުތާ ތެރޭގަ އެވެ. އެއީ އަޒްމިރަލްދާ ވެސް އިންނަވައިގެން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން، ގާނޫނުއަސާސީ އިސްލާހުކުރި ގޮތުގެ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލަން ފަށާފައި ވަނިކޮށެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލާގައި ހެކި ހުރި ވަރުން ދައުވާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ނިންމުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާތައް ފަށައި ދެ މަހެއްހާ ދުވަސް ވަންދެން، އެ އޮފީހުގެ ލަފާގެ މަތީން ޕާކްކޮށްފައި ބޭއްވި އެވެ. މައްސަލަ ފައިލްކުރަން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.
ތަފްސީލް - އިސްމާއީލް ލަތީފަށް ފުލުހުން ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި، މައްސަލަ ފައިލްކުރީ އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ދައުވާނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާތީ އެވެ.
ބުނީ ކީކޭ؟ - ސޯޝަލް މީޑިއާގައި ލަތީފް ހައްޔަރުކުރި ކަމާއި އޭނާ ބަންދު ނުކުރުމަށް އެދި އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ތުހުމަތުކޮށް އެކި ވާހަކަތައް ފެތުރެމުންދާތީވެ، ލަތީފް މިދިޔަ އަންގާރަ ދުވަހު 'އެކްސް'ގައި ޕޯސްޓެއް ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އާންމުކޮށް ވެސް މަސާޖުކުރައްވާ ކަމަށެވެ. އަދި ހައްޔަކުރި ވާހަކަ އަކީ ވެސް ތެދެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ އަނބިކަނބަލުން އަޒުމިރަލްދާ އޭނާ ދޫކޮށްލަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި އަޒްމިރަލްދާއަށް އެކަން އެނގިވަޑައިގަންނަވާނީ ވެސް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި ފަހުން ކަމަށް ލިޔުއްވާފައިވެ އެވެ.
ލަތީފް ވިދާޅުވެފައިވާ ގޮތުގައި، އޭނާ ދޫކޮށްލީ ހެކި ނެތިގެން އެ ކަމަށް ފުލުހުން ކޯޓުގައި އިއުތިރާފުވެފައިވާތީ އެވެ.
"ކޯޓުގައި ފުލުހުން އިއުތިރާފުވެފައި ވަނީ މަ ކުށެއް ކުރިކަން ނުދެކޭ ކަމަށް. މީހަކު މީހަކަށް ނުފޫޒު ފޯރުވާކަށް ވަގުތެއް ނުވެސް ލިބޭ. އަދި ނުފޫޒެއް ފޯރުވާކަށް ނުވެސް ޖެހޭ،" ލަތީފްގެ ޕޯސްޓްގައިވެ އެވެ.
ފާހަގަކޮށްލެވޭ - މި ކަމާ ގުޅޭ ގޮތުން ފުލުހުން އަދި ޕީޖީ އޮފީހުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.