9 މާޗް 2025: ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް މަހާޒު އިންކާރު ކުރައްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރަން އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް މިއަދު އޭނާ އިންކާރު ކުރައްވައިފި އެވެ.
ވީކިހިނެއް؟ - އެ މައްސަލާގައި ޖަވާބުދާރީވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މަހާޒު ހާޒިރުކުރީ މިއަދު މެންދުރު ފަހު 1 ޖެހިއިރު އެވެ. މަހާޒާ އެކު، އޭނާގެ ވަކީލެއްގެ ހައިސިއްޔަތުން ވަކީލު މުހައްމަދު ފައިސަލް ވެސް ވަޑައިގަތެވެ.
ތަފްސީލް - ފައިސަލް 'ދައުރު'އަށް ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލާގައި ކުރާ ތުހުމަތުތަކަށް ފަނޑިޔާރު މަހާޒު އިންކާރު ކުރައްވާފައިވާ ކަމަށެވެ. އެ ގޮތުން ކޮމިޝަނުގެ އަޑުއެހުމުގައި މަހާޒު ފާހަގަ ކުރެއްވި ކަންކަމަކީ:
-
އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމީ 5 ޑިސެމްބަރުގެ ހެނދުނު ގާތްގަނޑަކަށް 10:30 ގައި؛ އަމުރު ނެރުނީ 10:55ގައި
-
މަހާޒަށް އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކޮށް ބަންދަށް ހާޒިރުކުރިކަން ވެސް އެނގިވަޑައިގަތީ ހެނދުނު 11:30ވި ފަހުން
-
އޭގެ ފަހުން ވެސް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް، ނުވަތަ މުވައްޒަފަކަށް ވެސް ގުޅުއްވާފައި ނުވޭ
"ކްރިމިނަލް ކޯޓުގެ އެއްވެސް ބޭފުޅަކަށް ގުޅުއްވާފައެއް ވެސް ނުވޭ. މެސެޖެއް ވެސް ނުކުރައްވާ. ލިޔުމަކުން ވެސް ނުފޮނުއްވާ. ބައްދަލުކުރައްވާފަައެއް ވެސް ނުވޭ. އިޝާރާތް މި ކުރެވޭ ބަންދުގެ އަމުރާ ގުޅޭ ގޮތުން ވަކި ގޮތަކަށް އަަމަލުކުރުމަށް އަންގަވާ،" ވަކީލު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ނިންމާ ކަމެއް އެއީ ސުޕްރީމް ކޯޓާ ހަމައަށް ވެސް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަކަށް ވާތީވެ، އެ ދުވަސްވަރު މަހާޒު ވެސް ބޭނުންފުޅުވީ ފަނޑިޔާރު އަޒްމިރަލްދާއާ ވެސް ވީހާ ދުރުން މަސައްކަތް ކުރެއްވުމަށްކަމަށް ވިދާޅުވި އެވެ.
"އާހިރުގައި އެ މައްސަލަ އަތުވެދާނެ ސުޕްރީމް ކޯޓަށް ވެސް. އެ މައްސަލައިގެ މަސްލަހަތު އޮތް ފަރާތަކާ އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަކީ ވެސް ކުރަން ޖެހޭނެ ކަމެއް. ފަނޑިޔާރު މަހާޒު ވެސް ބޭނުންފުޅުވީ އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ އާއިލާ ބޭފުޅެއްގެ މިފަދަ ކަމެއް އުޅޭތީ ވީހާ ވެސް އެ ފަނޑިޔާރަކާ ވެސް ދުރުގައި އިހަށް މަޑުކޮށްލެއްވުމަށް،" ވަކީލު ވިދާޅުވި އެވެ.
މި މައްސަލާގައި މާދަމާ އަޒްމިރަލްދާ ވެސް ޖޭއެސްސީއަށް ހާޒިރު ކުރުމަށް ނިންމާފަައިވެ އެވެ. ނުފޫޒު ފޯރުވުމުގެ ތެރޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ.
ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓް (2)
ކޮސް
ތެފައާސާ.