އޭސީސީގެ ރައީސް ޝާމިލު އަދި ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ (ފައިލް ފޮޓޯ)
ޝާމިލު ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ބުނެ މައްސަލަ ބަލައިދޭން އަޒްމިރަލްްދާ އެދިވަޑައިގެންފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލު ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް އޭނާއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް، ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އެ ކޮމިޝަންގައި މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިވަޑައިގެން، ފަނޑިޔާރު އަޒްމިރަލްދާ އޭސީސީއަށް ފޮނުއްވި ސިޓީ އޭނާގެ ގާނޫނީ ވަކީލުން މިރޭ ވަނީ 'ދައުރު'އާ ހިއްސާކުރައްވައިފަ އެވެ.
ތަފްސީލު - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރު އަޒްމިރަލްދާ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައި ވަނީ، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މިދިޔަ މަހު 26ގަ އެވެ. ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން، އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި މިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއް ސުއޫދު ވެސް ސަސްޕެންޑްކުރި އެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ އަޑުއެހުމެއް އެދުވަހު ހެނދުނު ތާވަލްކޮށްފައި އޮއްވާ، އެ އަޑުއެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ސިޓީގައި ތުހުމަތުކުރެއްވި ގޮތުގައި ޝާމިލު ވަނީ އޭނާގެ "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފަ" އެވެ. މިކަން ކޮށްފައި ވަނީ، " ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް" ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
އޭގެ އިތުރުން:
-
ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެ ފަނޑިޔާރުން ސަސްޕެންޑްކުރުމަށް އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވީ "ދޮގު މައުލޫމާތު ހިމަނައިގެން"
-
އެ ސިޓީ ފޮނުވީ ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދާން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބޭނުންވާތީވެ، އެ މަގްސަދު ހާސިލުކޮށްދިނުމަށް ކަމަށް ވެސް ތުހުމަތުކުރި
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ، [ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް އެ ސިޓީ ޝާމިލު ފޮނުވީ] އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމުގައި ވެސް ދެކެމެވެ،" އެ ސިޓީގައިވެ އެވެ
.
ތިން ފަނޑިޔާރުންނާ ގުޅޭ ސިޓީ އޭސީސީން ޖޭއެސްސީއަށް ފޮނުވީ އެ ކޮމިޝަންގެ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށް މީޑިއާގައި އާންމުވި މައުލޫމާތުތަކުން ވެސް އެނގޭ ކަމަށް ފާހަގަކުރައްވައި، އެކަމާ ގުޅޭ ފަސް ނުކުތާއެއް ސިޓީގައި ހިމެނުއްވި އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:
-
އެ ސިޓީ ފޮނުވީ ކުރިން އަމަލު ކުރަމުން އައި އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށެއް ނޫން
-
ސިޓީ ދީފައި ވަނީ "އަތުން އަތަށް" ފޮނުވައިގެން
-
ސިޓީގެ ނަންބަރެއް ވެސް ނެތް
-
އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ސިޓީގައި އޮތް ނަމަވެސް، "އަޅުގަނޑުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައެއް ނުވޭ". މި މަހު ހަތަރަކާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގައި. އެއީ ތަހުގީގު ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާ
އަޒްމިރަލްދާ ދެކެވަޑައިގަންނަވާ ގޮތުގައި ޝާމިލު އަމަލުކުރެއްވީ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ "ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެން ނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގަ" އެވެ.
"[އެހެން ކަމުން] ޖިނާއީ ކުށުގެ މި އަމަލު އަވަސް ގޮތެއްގައި ތަހުގީގުކޮށްދެއްވުމަށް ހުށަހަމެވެ،" މި މައްސަލަ ރަޖިސްޓްރީކޮށްދިން ކަމަށް ބަޔާންކުރާ ލިޔުމެއް ފޮނުވައިދޭން އެދިވަޑައިގެން ސިޓީގައި ލިޔުއްވި އެވެ.
ކޮމެންޓް (1)
ސިކުނޑި