މިހާރު އޮތް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން: މީގެ ތެރެއިން ތިން ފަނޑިޔާރަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައި - (ފޮޓޯ/ ރައީސް އޮފީސް)

ސުޕްރީމް ކޯޓު

އަޅާވިހެލެވެނީ ހަމައެކަނި ސުޕްރީމް ކޯޓުގައި، އަނެއް ދެ ބާރު ހަމަ ގަދަފަދަކޮށް

އިއްޔެ އެ ފެނުނީ ޝަރީއަތެއްގެ ކުރިން ވެސް ޝަރުއީ ނިޒާމްގެ އެންމެ މަތީ ކޯޓަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިހަށް ބޭނުން ގޮތެއް ހަދާލެވިދާނެކަން
27 ފެބްރުއަރީ 2025
2

ތިބާއާ ދެކޮޅަށް ހުކުމެއް އަންނަހެން ހީވަންޏާ، ޔަގީންވެގެން ނޫން -- ހަމަ ހީއެއްގެ މައްޗަށް ބިނާކޮށް -- ކޯޓަށް ވަދެ ގާޒީ ނެރެ ކޯޓުން ބޭރަށް އެއްލައިލެވިދާނެ ހެއްޔެވެ؟

ނޫނެކެވެ. އޭރުން ތިބާ ހައްޔަރުކުރާނެ އެވެ. ފުލުހުންގެ ތަހުގީގު ފަށައި، ދައުވާއަށް ހުށައަޅާނެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ކޯޓަށް ވައްދާނެ އެވެ. ދެން ތިބާއާ ކުރިމަތިވާނީ ޓެރަރިޒަމް ކަހަލަ ބޮޑު ދައުވާއެކެވެ.

އެކަމަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ބާާރާއި ރުހުމާ އެކު، އެޓާނީ ޖެނެރަލްގެ 'ސިއްރު' ލަފަ އާއި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީގެ އެހީތެރިކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ މަދަދު ލިބިގެން، ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އެ ތިބީ މަގުމަތިކޮށްފަ އެވެ. ކޯޓު ރޫމަށް ވަންނަވަން ތައްޔާރުވެފައި ތިއްބަވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ގޮތަށް، ޝަރުއީ ނިޒާމުގެ އެންމެ މައި ތަނބު ފުނޑުފުނޑުކޮށްލީ އެވެ.

ގައުމުގައި އެއްވެސް ހަމަނުޖެހުމެއް ނެތެވެ. އެންމެން ހަމަ އާދައިގެ މަތިން އެ އުޅެނީ އެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށައެޅި ބިލަކަށް ބަހުސްކޮށް، ކޮމިޓީން ފާސްކޮށް، އަނެއް ދުވަހު ތަޅުމަށް ފޮނުވީ އެވެ. އާންމުކޮށް ރައްޔިތުންގެ މަޖިލިހުގައި ވޯޓު ލުން އޮންނަނީ، ރައްޔިތުންގެ ހަރަދުގައި މެންދުރު ރަނގަޅަށް ކާލައިގެން، ކޮފީ އާއި ސައި ބޮއި، ދުފާ މެމްބަރަކު ވިއްޔާ ދެތިން ބުރަށް ދުފާލާފައި، މަޖިލިހުގެ ކުޑަ ދޮށުގައި އަނގަ ތަޅާލަން ވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު، 1:30ގަ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް: މިހާ ބޮޑު ހައިބަތެއް ހުރި ތަނެއްގެ ތެރޭގައި މެމްބަރުން މަސައްކަތްކުރައްވަނީ އިންސާފުން ކަމާ މެދު ސުވާލު އުފެދޭ

އެކަމަކު އިއްޔެ އެ ބިލަށް ވޯޓަށް އެހުން ވެސް އޮތީ ހެނދުނެވެ. ވީހާވެސް އަވަހަކަށް އެ ބިލް ފާސްކޮށް، ނިންމާލުމެވެ. އެހެން ނޫނީ ސުޕްރީމް ކޯޓުގައި އިއްޔެ 11 ޖަހާއިރަށް ތާވަލްކޮށްފައި އޮތް އަޑުއެހުމެއްގައި، ފަހަރެއްގައި، ނޫނީ ޔަގީނާ ގާތަށް ބައެއް މީހުންނަށް ހީވެފައި އޮންނާނީ، އިއްޔެ ފާސްކުރި ގާނޫނަށް އަމަލްކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިވަންކަމާ އެކު ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވަނީ އެވެ. ގައުމުގެ އެންމެ މަތީ ވެރިޔާއަށް ވުމުން، ސިފައިންނާއި ފުލުހުންގެ ފުރިހަމަ ހިމާޔަތް އެމަނިކުފާނަށެވެ. ސަރުކާރު ހިންގެވުމުގެ އެންމެ މަތީ ޒިންމާ އޮތުމުން، ރައްޔިތުންގެ ތާއީދު ހޯއްދަވަން، ވައުދަކަށް ފަހު ވައުދެއް ވެވަޑައިގަންނަވަނީ އެވެ. ހިނިތުންވުމާ އެކު ސަލާންކުރައްވައި، ކުޑަކުދިންނާ ސަމާސާ ވެސް ކުުރައްވަނީ އެވެ.

އެމަނިކުފާނަށް ހަމަ އެއްވެސް ހުރަހެއް ނެތެވެ. އާންމު ރައްޔިތުން ހަމަ އާދައިގެ ދުވަހެއްގަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މި ހަފުތާގައި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި: އެއްވެސް ކަމަކަށް އެއްވެސް ހުރަހެއް ނެތް (ފޮޓޯ/ރައީސް އޮފީސް)

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިނިވަންކަމާ އެކު މަޖިލިހަށް ވަދެވަޑައިގެން އެ އުޅުއްވަނީ އެވެ. ބޭނުން އިރަކު އެވެ. ހެނދުނުގެ ނާސްތާ އާއި ކޮފީ ގަޑިއަށް ކޮފީ އާއި މެންދުރު ކެއުމާއި، ހަވީރު ސައި ބޭނުން ނަމަ، ހެދިކާއާ އެކު ސައި ވެސް، ލިބެން އެ ހުރީ އެވެ. ޖަލްސާތަކުގައި ބޭނުން ވާހަކައެއް ދައްކަވަންވީ އެވެ. މެޖޯރިޓީ އޮންނަ ޕާޓީން ބޭނުން ގޮތަކަށް އަމަލްކުރަންވީ އެވެ. ހުށައަޅާ ބިލްގައި އޮތީ ކޮން އެއްޗެއްކަމާއި އެ އެއްޗަކުން ގައުމުގެ މުޅި ނިޒާމަށް ކުރާނީ ކޮން އަސަރެއްތޯ އާއި ދައުލަތުގެ އެކި ޒިންމާތަކުގެ އޮނިގަނޑު އޭގެ ފުރިހަމަ ސިފަ ނެތޭ ގޮތަށް އެ އޮތް މުގުރާލެވެނީކަން އެނގި ތިއްބަވައި ވެސް ވޯޓު ލައްވަންވީ އެވެ.

މެމްބަރުންނަކަށް ހުރަހެއް ނެތެވެ. މަސައްކަތް ހުއްޓުވާކަށް ބަޔަކު ވެސް ނާދެ އެވެ.

އެކަމަކު ރާއްޖޭގެ ސުޕްރީމް ކޯޓަށް އެ ކޯޓުގެ މަސައްކަތައިގެން ކުރިއަށް ދާކަށް އިއްޔެ ފުރުސަތެއް ނުދިނެވެ. އެ ފުރުސަތު ނުދީ، ރައްޔިތުންގެ މަޖިލިހާއި ޖޭއެސްސީ އާއި އޭސީސީން އެ ކޯޓުގެ ދުވަސް، މި ވަގުތަށް، އެ އޮތީ ދުއްވާލައިފަ އެވެ. ކުރިއަށް ގެންދަން އުޅުނު މައްސަލަ، ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން، ގާވީ އެވެ.

ސުޕްރީމް ކޯޓަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް ބޭނުންވާ ހިނދެއްގައި ފުނޑި، ހަލާކުވެ، ވަގުތުކޮޅަކަށް ނުވަތަ ދުވަސްކޮޅަކަށް، ނެތިދިއުމެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮތީ މިނިވަން ތިން ބާރެވެ. ރައީސުލްޖުމްހޫރިއްޔާ އެވެ. ރައްޔިތުންގެ މަޖިލިހެވެ. ޝަރުއީ ނިޒާމެވެ. އެކަމަކު މީގެ ތެރެއިން ފުރަތަމަ ދެ ބާރަށް ބޭނުން ކޮންމެ އިރަކު ޝަރުއީ ނިޒާމުގައި އަޅާވިހެލެވެ އެވެ. 

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން (ކަނާތުން ވާތަށް) ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު: މި ތިން ބޭފުޅުން ވެސް އިއްޔެ ވަނީ ކުއްލިއަކަށް ސަސްޕެންޑްކޮށްފައި - (ފޮޓޯ/ ރައީސް އޮފީސް)

އެކަމަކު އަނެއް ދެ ބާރުގެ މައްސަލަތައް ބެލޭނެ އިންތިޒާމެއް ރާއްޖެއަކު ނެތެވެ. (ނޫނެކެވެ. އެބަ އޮތެވެ. ނަމަވެސް އެ ބުނާ 'މިނިވަން' މުއައްސަސާތަކަކީ ވެސް ގޮނޑިކޮއްކޮތަކެކެވެ.) ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީ މުގުރާލެއްވިޔަސް ވަރިހަމަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަސްލު ޒިންމާއިން ރެކި، އެއީ ވެރިމީހާ ޖައްސަަވާ ކޮންމެ ބެރަކަށް ފައި ހަމަކުރައްވާ ބަޔަކަށް ވިޔަސް އެންމެ ރަނގަޅެވެ. މަޖިލިހުން ކަންކަން ނިންމަނީ މެމްބަރުން ކުރެއްވި ހުވަޔަށް ވެސް ވިސްނާލެއްވުމެއް ނެތި އެވެ. އިއްޔެ އަޅުގަނޑާ ދިމާވި ކުރީގެ މެމްބަރަކު މަޖަަލަކަށް ވިދާޅުވި ގޮތުން ނަމަ ހުވާކުރައްވާ އިރު 'އަހަރެމެން އެ ހުވާގައި އޮތް އެއްޗެއް ވެސް ނުކިޔަމެ'ވެ.

"މި އޮތް ހުރިހާ ދުވަހު އަހަރެން ހީކުރީ މިއީ އިދިކޮޅު މީހުން [ސަރުކާރު ދެކެ ރުޅިއައިސް] އަރުވާ އަޑެކޭ. އެކަމަކު އަހަންނަށް ގަބޫލު ވެސް ނުކުރެވޭ މި ލެވެލްއަށް، މިހާ ހަޑިކޮށް ސަރުކާރުން އުޅެފާނެއެކޭ،" އިއްޔެ އަޅުގަނޑަށް ލިބުނު މެސެޖެއްގައި އާންމުންގެ މީހަކު ލިއުނެވެ.

"މި ހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. މިއަށް ވުރެ ރީތިކޮށް އެކަން ނުކުރެވުނީސްތަ؟"

ނޫނެކެވެ. ކުރެވެން އޮތެވެ. އެކަމަކު ވެރިންގެ އަމަލްތައް ބިނާވަނީ އެ ވެރިންގެ ވިސްނުމުގެ މައްޗަށެވެ. ބައެއް ވެރިންނަށް އެއްޗެއް ހަމަ ހީވުމާ އެކު އޮންނާނީ ފިޔަވަޅު އެޅުއްވުމެވެ. ޕީއެންސީގެ އިސް ބޭފުޅަކު އަޅުގަނޑު ގާތު ވިދާޅުވި އެވެ: "ޔާމީން ސުޕްރީމް ކޯޓާ ކުޅުނީ ހުކުމެއް އައިމައެއްނު. [ރައީސް] މުއިއްޒު ފިޔަވަޅު އެ އަޅަނީ ހުކުމެއް އައުމުގެ ކުރިން."

މަޖާ ވާހަކައެއް ހެއްޔެވެ؟ ހިނިއާދޭ ހެއްޔެވެ؟ ނޫނީ ދެރަވެ ހިތާމަކުރާނީ ހެއްޔެވެ؟

ޕީއެންސީގެ މާހެފުން: ވެރިކަން ހިންގާ ޕާޓީގެ ސަޕޯޓަރުންނަށް ކޮންމެ ކަމެއް ވެސް ވަރިހަމަވާނެ (ފޮޓޯ/ޕީއެންސީ)

ޕީއެންސީގެ މެމްބަރުން ނުވަތަ މި ސަރުކާރަށް ތާއީދުކުރާ ރައްޔިތުން އުފާކޮށްފާނެ އެވެ. ވިސްނާލަން ބޭނުން ވެސް ނުވެދާނެ އެވެ. ދެން ބުނާނީ، (އަޅުގަނޑު ގާތު ޕީއެންސީގެ ބައެއް މީހުން ބުނީ ވެސް މިހެންނެވެ.) 'ބަލަ، މިފަހަރު އެކަނިތަ ކޯޓާ އެ ކުޅެނީ؟ ޔާމީން ނުކުޅޭތަ؟ އިބްރާހިމް މުހައްމަދު ސޯލިހު ނުކުޅޭތަ؟' އެވެ.

އާއެނކެވެ. އެ ބޭފުޅުން ސުޕްރީމް ކޯޓަށް ބަދަލުގެންނެވި އެވެ. އަޅުގަނޑުގެ މި ރިޕޯޓަކީ އެކަން ހިނގި ގޮތުގެ ބަހުސެއް ނޫނެވެ. އަޅުގަނޑާ ވާހަކަ ދެއްކި މީހުން ބަހުސްކުރީ އިއްޔެ އެ ހިންގި ކަންކަމާ މެދުގަ އެވެ. އެ އެންމެން ވެސް އެއްބަސްވި އެވެ. އެއީ ޝަރުއީ ނިޒާމް ރަނގަޅު ކުރުމުގެ ފިޔަވަޅެއް ނޫނެވެ. އެއީ ރަނގަޅަށް އޮތް ސުޕްރީމް ކޯޓެއް ހާލާކުކޮށްލުމެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިހަށް ހެދިފައި އޮތް 'ގޯހަކާ' މެދު ސުޕްރީމް ކޯޓުން ހުކުމެއް އަތުވެދާނެތީ (ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ) އެކަމުން ސަލާމަތްވުމުގެ ހުތުރު އަމަލެކެވެ.

އެ ދުވަސް ވެސް ނިމުނީތާ އެވެ. 

ފެންނަ ގޮތުގައި އާންމު ރައްޔިތުންނަށް ހަމަ އާދައިގެ ދުވަހެކެވެ.

ކޮމެންޓް (2)

ދިއްދޫމީހާ

27 ފެބްރުއަރީ 2025
މޫސާ ތިޔައީ ހަމަ ދުނިޔޭގެ އާދަ ބާރު އޮތީމަ ބޭނުން ކަމެއް ކޮއްލެވޭނެ އަލީ ހުސެންއަކީ އެމްއެމްޕީއާރްސީން އެއިރު ހިޔާނާތުގެ ފައިސާ ލިބުނު އެކަކު އެކަމް މިއަދު ނުކުމެ އެވާހަކަ ދައްކަނީ ފަނޑިޔާރުންގެ ބިލް ޤާނޫނާ ހިލާފޭ އަަހަރެމެން މިބުނަނީ ގާނުނާ އެއްގޮތަށޭ އަލީ ހުސޭން ދައްކާ ވާހަކަ ގަބޫލްކުރެވުނީސް އެދުވަހު އެތުހުމަތު އައީމަ ޒިޔަތު އިސްތިއުފާދިން ގޮތައް އިސްތިއުފާ ދިނީމާ
1 3

123456

28 ފެބްރުއަރީ 2025
@ދިއްދޫމީހާ ޔައުނީ އަލީ ހުސޭނު މިވާހަކަ ދެއްކީމައޭ ގަބޫލު ނުކުރެވެނީދޯ. ކޮސް ވާހަކަ ނުދައްކާ. ދެން މިތިބީ ގަމާރުންނެއްނޫން. އަލީ ކޮންމެ ކަމެއް ކޮއްފައި އޮތަސް އެ ދައްކަނީ ރަގަޅު ވާހަކައެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް