ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް؛ ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ދެއްވީ ޕާޓީއާއެކު ކުރިއަށް ދާން ބޭނުންވާތީ - (ފޮޓޯ/ މަޖިލިސް)

ޑރ. އަނާރާ ނައީމް

ބިލާ މެދު ކަންބޮޑުވުން ހުއްޓަސް ވޯޓު ދިނީ ޕާޓީއާ އެކު ކުރިއަށްދާން: އަނާރާ

އިއްޔެ އެ ބިލު ދިރާސާކޮށް ބިލާ މެދު ގޮތެއް ނިންމަން ބޭއްވި ޖުޑީޝަރީ ކޮމިޓީގައި ބިލު ފާސްކުރަން ނެގި ވޯޓުގައި އަނާރާ ވަކި ކޮޅަކަށް ވޯޓެއް ނުދެއްވި؛ ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށް
26 ފެބްރުއަރީ 2025
3

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ހުށަހެޅި ބިލުގައި ބައެއް ކަންބޮޑުވުންތައް ހުއްޓަސް، ބިލު ފާސްކުރަން ވޯޓު ދެއްވީ ޕީއެންސީއާ އެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންވާތީ ކަމަށް، މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ އެ ބިލު ދިރާސާކޮށް ބިލާ މެދު ގޮތެއް ނިންމަން ބޭއްވި ޖުޑީޝަރީ ކޮމިޓީގައި ބިލު ފާސްކުރަން ނެގި ވޯޓުގައި އަނާރާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވި އެވެ. ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ބުނީ ކީކޭ؟ - އަނާރާ 'ދައުރު'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބެންޗު ކުޑަކުރުމާ އޭނާ ދެކޮޅު ނުވާ ކަމަށެވެ. ނަމަވެސް ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރަން ބިލުގައި ބަޔާންކުރާ މުއްދަތުތައް މާ ކުރު ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީ ބައްދަލުވުމުގައި ވެސް ބިލާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ ކަމަށް ވިދާޅުވި އެވެ.

"ކޮމިޓީގައި ވެސް އޮންނާނެ އަޅުގަނޑުގެ ހިޔާލު ފާޅުކޮށްފައި. އެ މުއްދަތު ތަންކޮޅެއް ކުރު ކަމަށް. ފަނޑިޔާރުން ވަކިކޮށް އައްޔަންކުރަން ބިލުގައިވާ މުއްދަތު، އެ ކުޑަ ކަމަށް ދެކޭ ސަބަބު ވެސް ކޮމިޓީގައި ބަޔާންކުރިން،" އަނާރާ ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގަރިއްރުކަން ވެސް ކުރައްވާ އަނާރާ އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ދެ ފަނޑިޔާރަކު ކަނޑައަޅަން ދީފައިވާ މުއްދަތަކީ ފަނޑިޔާރުން އޭގައި ޖަވާބުދާރީވާން ފުރުސަތު ނުދެވޭ ވަރުގެ މުއްދަތެއް ކަމަށެވެ.

ނަމަވެސް އިއްޔެގެ ކޮމިޓީގައި ބިލާ ގުޅިގެން މި ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު ވެސް ބިލަށް އެއްވެސް އިސްލާހެއް ހުށަހަޅުއްވަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓަކަށް ވެސް ނާހަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ އިއްޔެގެ ޖަލްސާގައި އެ ކޮމިޓީގެ ނައިބު މުގައްރިރު ޑރ. އަނާރާ ނައީމް (ކ) - (ފޮޓޯ/ މަޖިލީސް)

އަނާރާ މިއަދު ވިދާޅުވީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކަށް އިހުތިރާމު ކުރައްވާނެ ކަމަށެވެ. ޕީއެންސީގެ ޓީމާ އެކު ކުރިއަށް ދާން ބޭނުންވާ ނަމަ، ޕާޓީގެ ނިންމުމާ އެއް ގޮތަށް ވޯޓު ދެއްވަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ހިޔާލު ފާޅުކޮށްފައިވާނެ ކޮމިޓީގައި. އެހެން ނަމަވެސް، ޕާޓީގެ އެމްޕީއެއްގެ ހައިސިއްޔަތުން، ޕާޓީގެ ގިނަ އެމްޕީން ބަސް ބުނީމައި، މެޖޯރިޓީން ގޮތެއް ނިންމީމައި އަޅުގަނޑު ވެސް ނިންމީ ޕާޓީއާ އެކީ ކުރިއަށް ދާން،" އަނާރާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ގާނޫނަށް ބަދަލު ގެންނަ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، އަމިއްލަ ހައިސިއްޔަތުންނެވެ. އޭގެ ފަހުގައި:

  • ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން މިދިޔަ ހޯމަ ދުވަހު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުން ބިލާ ދެކޮޅު ހެއްދެވި

  • ނަމަވެސް ފަހުން މެންބަރުން އެއްބަސްވީ ސަރުކާރުން އަންގާ ގޮތަކަށް ވޯޓު ދެއްވުމަށް، ހޯމަ ދުވަހުގެ ރޭ ވަގުތެއްގައި ބިލަށް ތާއީދުކުރުމަށް ޕާޓީގެ ލީޑާޝިޕުން އެންގި

ބިލު ތަޅުމަށް އިއްޔެ ބަލައިގަނެ، އިއްޔެ ކޮމިޓީން ފާސްކުރުމަށް ފަހު މިއަދު ތަޅުމުން ބިލު ފާސްކުރީ އެ އެންގުމާ އެއްގޮތަށެވެ. ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު މިއަދު ބިލު ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ.

ޕީއެންސީގެ ލީޑާޝިޕާއި އެ ޕާޓީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އިއްޔެ ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖެއްގައި ވެސް ވިދާޅުވީ ޕާޓީން ތްރީލައިން ވިޕެއް ނެރުމުން ވިޕްލައިނާ ހިލާފަށް އެއްވެސް މެންބަރަކު އެއްވެސް އިރަކު އަމަލުކޮށްގެން ނުވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ މަސައްކަތެއް މަޖިލީހުން ފެށީ ވެސް، ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި ބަދަލުތަކެއްގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައިވަނިކޮށެވެ.

ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުން އެ މައްސަލަ ބަލަމުން ދަނިކޮށް މިއަދު މަޖިލީހުން ބިލު ފާސްކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިއަދު ސަސްޕެންޑްކޮށްފަ އެވެ.

ކޮމެންޓް (3)

ކިނާރާ

26 ފެބްރުއަރީ 2025
ކަންބޮޑުވާ ކަމަކަށް އާބަސް ބުނާނީ ލައްކަ ޖާހިލުވީމަ
2 0

ޙުސައިން

26 ފެބްރުއަރީ 2025
މަޖިލިސް މެމްބަރުންގެ މަސްޢޫލިއްޔަތުގައި އޮތީ އެގޮތަށް ތޯ އަދި ކުރި ހުވާގައި ވެސް އޮތީ އިންތިޚާބުވި ޕާޓީއަށް ހުރުމަތްތެރިކޮށް ހިތަންތޯ؟
4 0

ތެފައާސާ.

26 ފެބްރުއަރީ 2025
ގިނަމީހުން ކުރާތީ، ތިމާ ގަބޫލްކުރާ ރަނގަޅު އުސޫލާއި ޚިލާފަށް ކަންކަން ނުކުރުމަކީ، ވަކިން ޚާއްސަކޮށް މިއަދުގެ ކުޑަކުދިންނަށް އަހަރެމެން ކިޔައިދީ އެކުދިންގެ ގައިގައި ހަރުލައްވާންޖެހޭ އާދައެއް.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް