ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން - (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އދ

ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން އދ.އިން އަންގައިފި

ކުރީގެ ފަނޑިޔާރު ސުއޫދު އދ.ގެ އިންސާނީ ހައްގުތަކުގެ މަތީ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލާގައި ސަރުކާރުން ޖަވާބުދާރީވުމަށް އެންގި އެންގުމުގައި ވަނީ އަންނަ 2 ޖޫންގެ ކުރިއަށް ޖަވާބުދާރީވުމަށް

ޕާޓީއަށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ތައްޔާރުވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި މައްސަލާގައި، ދިވެހި ސަރުކާރުން ޖަވާބުދާރީވުމަށް އދ. އިން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މިހާރު ވެސް ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ސުޕްރީމް ކޯޓުގައި ހިނގާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން ފަށަން މަދު މިނެޓަކަށް ވެފައި ވަނިކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި ސިޓީއަކަށް ބިނާކޮށް ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ ސުއޫދާއި އަޒްމިރަލްދާގެ ފަރާތުން އދ.ގެ ދެ ގުނަވަނަކަށް ފޮނުއްވާފައިވެ އެވެ.

ތަފްސީލް - މައްސަލަ ހުށަހެޅުއްވި ސުއޫދު 'ދައުރު'އަށް މިއަދު ވިދާޅުވި ގޮތުގައި، އދ.ގެ އިންސާނީ ހައްގުތަކުގެ މަތީ ކޮމިޝަނަށް އޭނާ ހުށަހެޅުއްވި މައްސަލާގައި ސަރުކާރުން ޖަވާބުދާރީވުމަށް މި މަހު ކުރީކޮޅު އެންގި އެންގުމުގައި ވަނީ އަންނަ 2 ޖޫންގެ ކުރިއަށް ޖަވާބުދާރީވުމަށެވެ.

ސަރުކާރުން މި ކަމުގައި ރަސްމީ ބަހެއް އަދި ނުބުނެ އެވެ.

ސުއޫދާއި އަޒްމިރަލްދާ ވެސް އދ.އަށް މައްސަލަ ހުށަހެޅުއްވީ 17 މާޗުގަ އެވެ. އެގޮތުން:

  • ސުއޫދު މައްސަލަ ހުށަހެޅުއްވީ އދ.ގެ ހައި ކޮމިޝަނާ ފޮ ހިއުމަން ރައިޓްސްގެ އޮފީހަށް (އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ ކޮމިޝަން)

  • އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް (ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް މަަސައްކަތްކުރާ އދ.ގެ އިދާރާގެ މަންދޫބަށް)

އެނގުން މުހިންމު - ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ފަހު ސުއޫދުގެ ހަތަރު ސުލޫކީ މައްސަލައެއް ބެލުމާ މެދު ޖޭއެސްސީން ގޮތެއް ނިންމަން، އެ ކޮމިޝަނުގެ ބައްދަލުވުމަށް ތާވަލުކުރި އެވެ. އޭގެ ކުރިއަށް ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭއެސްސީން ދަނީ އެއަށް ފަހު މަހާޒުގެ ދެ ސުލޫކީ މައްސަލައެއް އަދި އަޒްމިރަލްދާގެ ތިން ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަތަކަކީ:

  • އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް

  • ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ އެ މައްސަލަ ބެލުން

  • ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ. ދެން އޮތީ ތަހުގީގުގެ ފަހު ރިޕޯޓް އެކުލަވާލުމާއި އެއަށް ފަނޑިޔާރުން ޖަވާބު ދިނުން އަދި ކޮމިޝަނުން ގޮތެއް ނިންމުމެވެ.

ގުޅުން ހުރި - އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުންދަނީ އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެކެވެ. އެކަމަކު އޭސީސީން އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ނުދެ އެވެ. އެގޮތުން:

  • އޭސީސީގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނެގި، ނަމަވެސް އަދި މަހާޒާއި އަޒްމިރަލްދާއާ ވެސް އެ ކޮމިޝަނުން ސުވާލުކޮށްފައެއް ނުވޭ

  • އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް އަޒްމިރަލްދާ ހުށަހެޅުއްވި، އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި

  • ޝާމިލް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި، އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް



ކޮމެންޓް (3)

އަހަ

15 އޭޕްރީލު 2025
އދ އަތޮޅުންތޯ އެކަން އެންގީ. ޔޫ.އެން އިން ނަމަ އެތަނުން ވަކިވާން ޖެހޭނީ. ދިވެހިން ތިބީ އަމިއްލަ ފައިމައްޗަށް ތެދުވެ ސިޔާދަތު ދިފާއުކުރަން މިސައިލެއް ހޯދައިގެން.
0 1

ފީލިންގ

16 އޭޕްރީލު 2025
@އަހަ 42 އަހަރުވީ މަނަވަރަކާއި 2 މިސައިލް. ކިޔަންޏާ ރަނގަޅަށް ކިޔާ.
1 0

ތެފައާސާ.

15 އޭޕްރީލު 2025
އ.ދ އިން ސަރުކާރަށް ޖަވާބުދާރީ ވާން އެންގި މައްސަލައިގައި އ.ދ ގެ މަގްސަދު ދެނެގަނެ ބަލަންޖެހޭ ކަންކަން ބެލުމަށް ތަހުގީގެއް ފެއްޓުމަށް ޑިފެންސް މިނިސްޓްރީއަށް ގޮވާލަން.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް