ކަނާތުން ވާތަށް: ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު - (ފޮޓޯ/ ރައީސް އޮފީސް)
ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.އަށް ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.އަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ހުށަހެޅުއްވީ ސަސްޕެންޑްކޮށްފައިވަނިކޮށް ފަނޑިޔާރު ކަމުން މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ.
ސުއޫދު މައްސަލަ ހުށަހެޅުއްވީ އދ.ގެ ހައި ކޮމިޝަނާ ފޮ ހިއުމަން ރައިޓްސްގެ އޮފީހަށެވެ. އޭގެ މައުލޫމާތު އިތުރު ބައެއް ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް ފޮނުއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ވަފުދު
-
ކޮމަންވެލްތު
-
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)
-
ވޯލްޑް ބޭންކް
-
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
ތަފްސީލް - ސުއޫދު ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އދ. އިން ވީހާ ވެސް އަވަސް ފިޔަވަޅެއް އެ ކަމުގައި އަޅައި ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ.
އދ.އަށް ފޮނުވި މައްސަލައިގެ ލިޔުމުގައި ސުއޫދު ވިދާޅުވީ އޭނާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ބަލަން ފެށި މައްސަލަތަކަކީ ދުސްތޫރީ މައްސަލަަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން:
-
ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމެންދެން، ގާނޫނުއަސާސީއަށް އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވޭ
-
އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް ފޮނުވީ މިދިޔަ 25 ފެބްރުއަރީގެ ރޭގަނޑު 9 ޖަހާއިރު؛ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ތާވަލުކުރީ މިދިޔަ 26 ފެބްރުއަރީގެ ހެނދުނު 11 ޖަހާއިރަށް
-
ތިން ފަނޑިޔާރެއްގެ މައްސަލަ، ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ ފަރުދަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅީ އެ ދުވަހުގެ ރޭ ދަންވަރު 1 ޖަހާކަށް ހާއިރު
-
އޭސީސީގެ ރައީސްއާދަމް ޝާމިލްގެ ސިޓީއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ 26 ފެބްރުއަރީގެ ހެނދުނު 10 ޖަހަން އުޅެނިކޮށް
-
ޖޭއެސްސީގެ މެންބަރުންނަށް ކުއްލި ބައްދަލުވުމެއް 10:30ގައި ބާއްވަން އުޅޭ ކަމުގެ ނޯޓިސް ފޮނުވައި އަޑުއެހުން ފަށަން ފަނޑިޔާރުން ތައްޔާރުވެފައި ވަނިކޮށް ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމި
ސުއޫދު ވަނީ އޭނާގެ ލިޔުމުގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ، އެ ކޮމިޝަން މެދުވެރިކޮށް ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭތީ އޭގެ ކަންބޮޑުވުން ވެސް ލިޔުމުގައި ފާހަގަކުރައްވައިފަ އެވެ.
ކޮމެންޓް (5)
ސަމޫދު
ދޮނެއި
ޙުސޭނު
ވަކީލާ
ސިކުނޑި