ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ގޮނޑީގެ މައްސަލަ ކޯޓުގައި އޮއްވާ ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު އުޝާމް ދެއްވި: އަޒްމިރާލްދާ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ ގުޅޭ ދުސްތޫރީ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، ކުރިން ނުބަލައި އޮތް ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ބަލަން ވަނީ ފަށައިފަ އެވެ.
އޭގެ ތެރެއިން ފަނޑިޔާރު އަޒްމިރާލްދާގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުއްވި ކަމަށް ބުނާ ތުހުމަތެކެވެ.
މަޖިލީހުގެ މެމްބަރުކަމާ ގުޅޭ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު އުޝާމް ދެއްވި ކަމަށް އަޒްމިރާލްދާ ވިދާޅުވީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް މިއަދު ހެނދުނު ހާޒިރުކުރުމުން އެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ކޮމިޓީގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން އަޒްމިރާލްދާގެ ވަކީލުންގެ ޓީމުން ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލް - އެ ބަޔާނުގައި ބުނިގޮތުގައި، އޭނާގެ ފިރިކަލުން ހައްޔަރުކުރީ ރާވައިގެން އޭނާއަށް ނުފޫޒު ފޯރުވުމަށް ގޮތެއް ހޯދުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށް އަޒްމިރާލްދާ ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ. އަދި އޭނާ ކުއްލިއަކަށް ސަސްޕެންޑުކޮށް އޭނާއާ ދެކޮޅަށް މައްސަލަތަކެއް ކުރިއަށް ގެންދަނީ ވެސް ނުފޫޒު ފޯރުވަން ކަމަށް ގަބޫލުކުރައްވާ ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ.
އެގޮތަށް ގަބޫލުކުރައްވާ ސަބަބަކަށް އަޒްމިރާލްދާ ވިދާޅުވީ:
-
އޭނާގެ ފިރިކަލުން 4 ޑިސެމްބަރުގައި ހުއްޓުވުމަށް ފަހު އެތަނުން ދޫކޮށްލަން، އެތަނަށް ހާޒިރުވި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ނިންމުމަށް ފަހު ހައްޔަރުކުރަން ނިންމީ އިސް އޮފިސަރަކާ އެކު ގިނަ އިރުތަކެއް ވަންދެން ކޯލެއްގައި ހުރުމަށް ފަހު ކަމަށް ވާތީ
-
އަޒްމިރާލްދާ ވިދާޅުވީ ފިރިކަލުން ދޫކޮށްލި ފަހުން މިދިޔަ މަހުގެ ކުރީކޮޅު ބަންޑާރަ ނައިބު އުޝާމް އެހެން މީހެއް މެދުވެރިކޮށް އޭނާއަށް މެސެޖެއް ފޮނުއްވި ކަމަށް
-
އެ މެސެޖުގައި، ސުޕްރީމް ކޯޓަށް އަތްބާނަން ބޭނުން ނުވާ ކަމަށް ވިދާޅުވުމަށް ފަހު އުޝާމް ދެން ދެއްކެވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައާ ގުޅޭ ވާހަކަތަކެއް ކަމަށް
-
އެ މައްސަލައާ މެދު ރައީސް މުހައްމަދު މުއިއްޒު ކަންބޮޑުވެވަޑައިގެން އުޅުއްވާކަމާއި އިޖުރާއީ އިއުތިރާޒާ ހިސާބުން އެ މައްސަަލަ ނިމޭނެ ފަދަ މޭރުމަކުން މެސެޖުގައި އުޝާމް ވާހަކަ ދެއްކެވި ކަމަށް
-
އަދި ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސެއިންގެ ދައުރުގައި ނުބަލައި ވަތްގަނޑުގައި ބާއްވާފައި އޮތް ސުލޫކީ މައްސަލައެއް އެބައޮތް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށް އުޝާމް ވިދާޅުވި ކަމަށް
"އެހެންކަމުން ކުއްލި ގޮތަކަށް ދޮގު ތުހުމަތެއްގައި ފަނޑިޔާރު ސަސްޕެންޑުކޮށް މި މައްސަލަތައް ކުރިއަށް މިދާ ގޮތުން މިއީ ފަނޑިޔާރަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ކަމަށް ފަނޑިޔާރު ކޮމިޓީގައި ވިދާޅުވި. އަދި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި،" އަޒްމިރާލްދާގެ ވަކީލުން ނެރުއްވި ބަޔާނުގައިވެ އެވެ.
ފިރިކަލުން ބަންދުން ދޫކުރަން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އަޒްމިރާލްދާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. ފިރިކަލުން ބަންދުގައި ހުއްޓާ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ގުޅައިގެން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްމިރާލްދާގެ ވަކީލުންގެ ބަޔާނުގައި ބުނިގޮތުގައި، ތަކުރާރުކޮށް އެދުމުން ވެސް ކޮމިޓީގައި ވާހަކަދެއްކުމުގެ ފުރުސަތު ވަކީލަށް ދީފައިނުވާތީ، އެއީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ތަހުގީގެއްކަން އަޒްމިރާލްދާ ވަނީ ކޮމިޓީގައި ފާހަގަކުރައްވައިފަ އެވެ.
އެނގުން މުހިއްމު - ސަސްޕެންޑްކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހާރު އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ކޯޓަށް ހާޒިރުކުރައްވައި ހުތުރު ބަހުން މުއާމަލާތްކުރެއްވި ކަމަށް ކުރާ ތުހުމަތުގައި ވެސް ޖޭއެސްސީއިން ދަނީ އަޒްމިރާލްދާގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އެކަން ހިނގި ތަނުގައި އަޒްމިރާލްދާ އާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތިއްބެވި ކަމަށް ޖޭއެސްސީން ބުނެ އެވެ.
ފާހަގަކުރެވޭ - މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.
ސުއޫދު އިސްތިއުފާދެއްވީ ދުސްތޫރީ މައްސަލަ ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ.
ކޮމެންޓް (2)
ކޮސް
ތެފައާސާ.