ފަނޑިޔާރު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ސުވާލުކުރައްވަނީ (ސްކްރީންޝޮޓް)
ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފު ވެއްޖެކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ސުއޫދުގެ އިސްތިއުފާ މި އައީ އޭނާގެ މައްސަލައެއް ޖޭއެސްސީ އާއި އޭސީސީން ބަލާކަމަށް ބުނެ ސަސްޕެންޑްކޮށްފައި އޮއްވަ އެވެ. އެކަމަކު ސަރުކާރަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެއީ ސުޕްރީމް ކޯޓުން ބަލަން ނިންމި މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ހުއްޓުވަން ސަރުކާރުގެ ނުފޫޒުގައި އެޅި ފިޔަވަޅެކެވެ.
ތަފްސީލް - 'ދައުރު'އަށް ކޮޕީ ލިބުނު ސުއޫދުގެ ސިޓީގައި ބަޔާންކުރައްވާފައި ވަނީ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާ އެކު އެކަން ހުއްޓުވަން ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބަރަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.
އެ ތުހުމަތުގެ އިތުރުން ސުއޫދު ވިދާޅުވި ގޮތުގައި އެ މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނުއަސާސީގެ 144ގެ ނ. އާއި ރ. އާ ހިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ގެންދަވަނީ ނުފޫޒު ފޯރުވަމުންނެވެ.
"އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" މިއަދުގެ ތާރީހު،4 މާޗު 2025ގައި ފޮނުއްވި ސިޓީގައި ފަނޑިޔާރު ސުއޫދު ލިއުއްވި އެވެ.
އެކަމަކު ބެލެވޭ ގޮތުގައި ސުއޫދުގެ ސިޓީގައި ގާނޫނުއަސާސީގެ 144 ވަނަ މާއްދާކަމަށް ލިއުއްވާފައި އެވަނީ ކުށަކުންނެވެ. އެ މާއްދާގައި ރ. އެއް ނޯވެ އެވެ. އެކަމަކު 'އަދުލްއިންސާފު ގާއިމްކުރުމުގެ ބާރު'ގެ ނަމުގައި އޮންނަ 141 ވަނަ މާއްދާގައި ނ. އަދި ރ. ހިމެނެ އެވެ.
'ދައުރު'ން ގުޅުމުން ސުއޫދު މިއަދު ވިދާޅުވީ 'ސިޓީގައި 144 މާއްދާ ޖެހިފައި ވަނީ އޮޅުކަމުން" ކަމަށެވެ. ރަނގަޅު މާއްދާއަކީ 141 ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 141ގެ ނ.ގައި ބުނަނީ:
-
އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫރު ފޯރުވައި ހަދައިގެން ނުވާނެއެވެ.
އެ މާއްދާގެ ރ.ގައި ލިއެފައި ވަނީ:
-
ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށައެޅޭ، ވަކި ފަރާތަކަށް ނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން މިދިއަ 20 ނޮވެމްބަރުގައި ފާސްކޮށް ހަމަ އެދުވަހު ރައީސް މުއިއްޒު ތަސްދީގުކުރެއްވި ގާނޫނުއަސާސީގެ އިސްލާހުގައި ބުނެފައިވާ ގޮތުން މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލެ އެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ކަނޑައަޅައި ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ކެންދޫ ދާއިރާގެ މެމްބަރުކަން މިދިއަ ދެ ދައުރު ވެސް ކުރެއްވި އަދި ގާނޫނީ ވަކީލު އަލީ ހުސެއިންނެވެ.
ގޮނޑި ގެއްލޭ މައްސަލައިގެ ކަވަރޭޖް
އޭނާގެ އެ މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އެއީ އެ ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ގިނަ ސުވާލުތަކަކާއި ބަންޑާރަ ނައިބު އާއި އަލީ ހުސެއިންގެ ފަރާތުން ގިނަ ޖަވާބުތަކެއް އަޑުއެއްސެވުމަށް ފަހު ފަނޑިޔާރުން ނިންމެވީ އެ ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.
އެހާ ހިސާބުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ޕީއެންސީގެ މެމްބަރަކު މަޖިލިހަށް ބިލެއް ލައި، އެ ބިލް ވަނީ މިދިއަ މަހު 26ގައި ފާސްކޮށްފަ އެވެ. ހަމަ އެ ދުވަހު ސުއޫދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް، ޖޭއެސްސީން ސަސްޕެންޑްކުރި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސުޕްރީމް ކޯޓަށް ސުއޫދު އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019ގަ އެވެ.
ސުއޫދުގެ މާޒީއަށް ބަލާއިރު އޭނާއަކީ އިސްތިއުފާ ދެއްވަން ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ނޫންކަން އެނގެ އެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، 2010 ވަނަ އަހަރު، ޝަރުއީ ދާއިރާ އާއި ސަރުކާރާ ދެމެދު އުފެދުނު ބޮޑު ހަމަނުޖެހުމުގެ ތެރޭގައި ބަންޑާރަ ނައިބުކަމުން ވެސް އޭނާ އިސްތިއުފާ ދެއްވި އެވެ.
އެފަހަރު މައްސަލަ ދިމާވީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުން ފަސްވެ، 7 އޮގަސްޓް 2010ގެ ފަހުން އޭރު އޮތް އިންތިގާލީ ސުޕްރީމް ކޯޓު އުވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގަބޫލުކުރުމާއި އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ނުކުތުމުންނެވެ.
އާ ގާނޫނުއަސާސީ 7 އޮގަސްޓް 2008ގައި ތަސްދީގުކުރުމާ އެކު ފުރަތަމަ އުފެއްދީ އިންތިގާލީ ސުޕްރީމް ކޯޓެކެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ދެ އަހަރުގެ ތެރޭގައި ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލަން ޖެހެ އެވެ. އެ މުއްދަތު 7 އޮގަސްޓް 2010ގައި ހަމަވި އިރު ވެސް އެކަން ނުކޮށް ސަރުކާރުން މަޑުޖައްސާލި އެވެ. ނަމަވެސް ދެން އުފެދުނު ދެބަސްވުންތަކާ އެކު އަވަސް އަރުވާލައިގެން ދާއިމީ ސުޕްރީމް ކޯޓު، ހަތް ފަނޑިޔާރުންގެ ބެންޗަކާ އެކު، އެކުލަވާލި އެވެ.
ކޮމެންޓް (6)
ސުކޫދު
ހަސަނު
ތެފައާސާ.
ސަނަމް ތެރި ގަސަމް
އިލްޔާސް
ޙަސަން