11 މާޗް 2025: އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސަސްޕެންޑްކުރި މައްސަލަ އަޒްމިރަލްދާ ވެސް އދ.އަށް ހުށަހަޅުއްވައިފި
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ގޮތުގެ މައްސަލަ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް އދ.އަށް ހުށަހަޅުއްވައިފި އެވެ.
މައްސަލައިގެ ފެށުން - ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަަށަން ކުޑަތަން ވެފައި ވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ މިދިޔަ މަހު 26ގަ އެވެ.
ސަސްޕެންޑްކުރި ތިން ފަނޑިޔާރުންނަކީ:
-
ހުސްނުއްސުއޫދު (މި މަހުގެ 4 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި)
-
ޑރ. އަޒްމިރަލްދާ ޒާހިރު
-
މަހާޒު އަލީ ޒާހިރު
ތަފްސީލް - ސުއޫދު ވެސް ވަނީ އދ.އަށް އިއްޔެ މި މައްސަލަ ހުށަހަޅުއްވައިފަ އެވެ. އަޒްމިރަލްދާ ވެސް މައްސަލައެއް ހުށަހެޅުއްވީ އިއްޔެ އެވެ.
ނަމަވެސް، ދެ ބޭފުޅުން މައްސަލަ ހުށަހެޅުއްވީ އދ.ގެ ދެ އިދާރާއަކަށެވެ. އެގޮތުން:
-
ސުއޫދު މައްސަލަ ހުށަހެޅުއްވީ އދ.ގެ ހައި ކޮމިޝަނާ ފޮ ހިއުމަން ރައިޓްސްގެ އޮފީހަށް (އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ ކޮމިޝަން)
-
އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ އދ.ގެ ސްޕެޝަލް ރެޕިއުޓާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް (ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް މަަސައްކަތްކުރާ އދ.ގެ އިދާރާއެއް)
އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ބައެއް ގައުމުތަކުގެ އެމްބަސީތަކަށާއި ހައި ކޮމިޝަންތަކަށް މީގެ މައުލޫމާތު ވަނީ ފޮނުއްވައިފަ އެވެ.
ސުއޫދު ވެސް ވަނީ ބައިނަލްއަގުވާމީ ބައެއް އިދާރާތަކަށް މައުލޫމާތު ފޮނުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ވަފުދު
-
ކޮމަންވެލްތު
-
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)
-
ވޯލްޑް ބޭންކް
-
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
ފާހަގަކުރެވޭ - އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ ދެ މައްސަލައަކީ:
-
އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ
-
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު އޭނާއާ ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނާ ތަނެއްގައި އަޒްމިރަލްދާއާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަ
އެނގުން މުހިންމު - ސުއޫދު އދ.އަށް ފޮނުއްވި ލިޔުމުގައި ސުލޫކީ މައްސަލަތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލައެއް ބަލަން ނިންމި ގޮތާއި ފަނޑިޔާރުން ސަސްޕެންޑްކުރި ދަނޑިވަޅުގެ ތަފްސީލް ހިމަނައިފަ އެވެ. އެގޮތުން:
-
ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމެންދެން، ގާނޫނުއަސާސީއަށް އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވޭ
-
އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް ފޮނުވީ މިދިޔަ 25 ފެބްރުއަރީގެ ރޭގަނޑު 9 ޖަހާއިރު؛ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ތާވަލުކުރީ މިދިޔަ 26 ފެބްރުއަރީގެ ހެނދުނު 11 ޖަހާއިރަށް
-
ތިން ފަނޑިޔާރެއްގެ މައްސަލަ، ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ ފަރުދަކު އޭސީސީއަށް ހުށަހެޅީ އެ ދުވަހުގެ ރޭ ދަންވަރު 1 ޖަހާކަށް ހާއިރު
-
އޭސީސީގެ ރައީސްއާދަމް ޝާމިލްގެ ސިޓީއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ 26 ފެބްރުއަރީގެ ހެނދުނު 10 ޖަހަން އުޅެނިކޮށް
-
ޖޭއެސްސީގެ މެންބަރުންނަށް ކުއްލި ބައްދަލުވުމެއް 10:30ގައި ބާއްވަން އުޅޭ ކަމުގެ ނޯޓިސް ފޮނުވައި އަޑުއެހުން ފަށަން ފަނޑިޔާރުން ތައްޔާރުވެފައި ވަނިކޮށް ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމި