11 މާޗް 2025: އަޒްމިރަލްޑާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުޑިޝަރީ

ސުޕްރީމް ކޯޓުގެ ދެ ފަޑިޔާރުންގެ ސަސްޕެންޝަން އުވާލަން ހިއުމަން ރައިޓްސް ވޮޗުން ވެސް ގޮވާލައިފި

ޖޭއެސްސީން އަޅާފައިވާ ފިޔަވަޅުތަކުން، ސުޕްރީމް ކޯޓުގެ ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބެލުމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް ބުނި

މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި މަގާމުގެ މަސްއޫލިއްޔަތުތައް އިއާދަކޮށްދިނުމާ އެކު، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ބުރޫއަރާ ކަންކަން ކުރުން ހުއްޓާލަން އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ ޖަމިއްޔާއެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން، ރާއްޖޭގެ ސަރުކާރަށް އިއްޔެ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަަށަން ކުޑަތަން ވެފައި ވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ މިދިޔަ 26 ފެބްރުއަރީގަ އެވެ.

ސަސްޕެންޑްކުރި ތިން ފަނޑިޔާރުންނަކީ:

  • މިހާރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު

  • ޑރ. އަޒްމިރަލްދާ ޒާހިރު

  • މަހާޒު އަލީ ޒާހިރު

ބުނީ ކީކޭ؟ - މުހިންމު ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ މައްސަލައިގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރުމަކީ މިނިވަންކަމާއެކު އެ މައްސަލަ ނިންމުމަށް ހުރަސް އެޅޭނެ ކަމެއްކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ފާޅުކުރި އެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރު އިލައިން ޕިއާސަން ވިދާޅުވީ، ތިން ފަނޑިޔާރުންނާ ދެކޮޅަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާފައިވާ ފިޔަވަޅުތަކުން، ސުޕްރީމް ކޯޓުގެ ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބެލުމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

"ދުސްތޫރީ މުހިންމު މައްސަލަތަކުގައި ކޯޓުތަކަށް މިނިވަންކަމާއެކު ހުކުމް ނުކުރެވޭހާ ހިނދަކު، ރާއްޖެއަކީ ހައްގުތަކަށް އިހުތިރާމްކުރާ ގައުމަކަށް ނުވެވޭނެ،" ޕިއާސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން:

  • 2008ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީއަކީ ޝަރުއީ ދާއިރާއާ ގުޅޭ ޝަކުވާތައް ތަހުގީގުކޮށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މިނިވަން މުވައްސަސާއެއް

  • ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ވާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލްނޫންކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެކަނި

  • ޖޭއެސްސީއަކީ ސިޔާސީ ސަބަބުތަކާހުރެ ފަނޑިޔާރުން ވަކިކުރުމުގެ ތާރީހެއް އޮތް ކޮމިޝަނެެއް، ސިޔާސީ ބޭނުމުގައި ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރުތަކުން އެ ކޮމިޝަން ބޭނުން ކުރޭ

  • ޖުޑީޝަރީގެ މިނިވަންކަމާ ބެހޭ އދ. އާންމު އުސޫލުތައް ބުނާގޮތުން ޕިއާސަން ވިދާޅުވީ ފަނޑިޔާރަކު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ނުވަތަ މަގާމުން ދުރުކުރެވޭނީ ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލުނޫންނަމަ ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ކުފޫ ހަމަނުވާފަދަ އަމަލުތަކެއް އޭނާގެ ކިބައިގައި ހުރުމުން އެކަނި 

  • ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތުތައް އެކަށީގެންވާ އިޖުރާއަތެއްގެ ދަށުން އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް ކުރިއަށް ގެންދަން ޖެހޭނެ 

  • އޭނާއަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވެވޭނެހެން އިންސާފުވެރި އަޑުއެހުމެއްގެ ހައްގު ލިބިދެންޖެހޭނެ 

މީގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އެޅުވުމަށް ރައީސް މުއިއްޒުއަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނުހައްގު ތުހުމަތުތަކެއްގައި މާގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވެ، މި މައްސަލަ އަޒްމިރާލްދާ އަދި ހުސްނުއްސުއޫދުގެ ފަރާތުން ވަނީ އދ. ވެސް ހުށަހަޅާފަ އެވެ. އެ ފަނޑިޔާރުން ވަކިކުރަން މިހާރު ޖޭއެސްސީން ނިންމާފައިވާއިރު، އެގޮތަށް ނިންމީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް އދ. ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

25 އޭޕްރީލު 2025
ހިއުމަން ރައިޓްސް ވޮޗަށްވެސް މިހާރު އެނގެންވެއްޖެ މި ރާއްޖޭގައިވެސް މިހާރު 2 މިސައިލް ހަރުކުރެވޭ ދުވަސްވީ މަނަވަރެއް އެބައޮތްކަން. ތިޔަހެން ބުލީ ނުކުރެވޭނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް