10 ޑިސެމްބަރު 2024: އެމްޑީޕީން 'ގާނޫނުއަސާސީގެ ދިފާއުގައި' ނަމުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ދިދަ ވިހުރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

މަހާޒާއި އަޒްމިރަލްދާގެ ސަސްޕެންޝަން އުވާލަން އެމްޑީޕީން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ 26 ފެބްރުއަރީގައި؛ މުއްދަތެއް ނެތް ގޮތަށް އެ ދެ ފަނޑިޔާރުން ސަސްޕެންޑްކުރިތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ
16 އޭޕްރީލު 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސަސްޕެންޝަން އުވާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ދުސްތޫރީ މައްސަލައެއް ކުރިއަށް ގެންދަނިކޮށް މަހާޒާއި އަޒްމިރަލްދާގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ސުއޫދު 4 މާޗުގައި މަގާމުން އިސްތިއުފާ ދެއްވިއިރު، މަހާޒާއި އަޒްމިރަލްދާ އަދިވެސް ހުންނެވީ ސަސްޕެންޝަނުގަ އެވެ. މަހާޒާއި އަޒްމިރަލްދާ ސަސްޕެންޝަނުގައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ފާހަގަކުރެވޭ - ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް، ގާނޫނުއަސާސީގައި ބަޔާންކުރާ މަޖިލީހުގެ ގޮނޑި ގެއްލޭ ހާލަތްތަކަށް އިތުރުކުރި މާއްދާތައް ބާތިލްކުރަން ކޯޓަށް ހުށަހެޅި މައްސަލައަށް އެމްޑީޕީން ތަދައްހުލްވެ، އެ މާއްދާތައް ބާތިލްކުރަން ވަކާލާތުކުރި އެވެ.

ތަފްސީލް - އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކުރިތާ ދެ މަސް ވާން ގާތްވާއިރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ގިނަ ދުސްތޫރީ މައްސަލަތަކާއި ގައުމީ މައްސަލަތައް ވަނީ ހުއްޓިފަ އެވެ.

އެމްޑީޕީން ތުހުމަތުކުރި ގޮތުގައި ފަނޑިޔާރުން ސަސްޕެންޑްކުރީ، ވެރިކަންކުރާ ޕީއެންސީއަށް އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސަރުކާރާއި ޕީއެންސީއާ ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވިގެންނެވެ.

"މިއީ ހަމައެކަނި ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ދެކެމެވެ. އަދި މިއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެކެވެ،" އެމްޑީޕީގެ ނޫސްބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ:

  • މަހާޒާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް "ސަރުކާރުގެ ކޮންޓްރޯލް އޮތް" ޖޭއެސްސީން ބަލަމުން ދަނީ ވެސް އިންސާފުން ބޭރުން

  • ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގެއް ފުރިހަމައަކަށް ނުދޭ؛ ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަންނައިރު ވަކީލަށް ވެސް ފުރުސަތު ނުދޭކަން ފާހަގަކުރެވޭ

  • ގާނޫނުއަސާސީންނާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާ ހިލާފަށް ހިންގާ ކަމެއް

އެމްޑީޕީގެެ އެ ބަޔާނުގައި ގޮވާލީ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ފަހު، ޖޭއެސްސީން ބަލަމުންދާ "ސިޔާސީ" މައްސަލަތައް ބެލުން ހުއްޓާލުމަށެވެ.

އެނގުން މުހިންމު - ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޝަނުގައި ބައިތިއްބައިގެން ތިން މައްސަލައެއް ދަނީ ބަލަމުންނެވެ. އެއީ:

  • އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް

  • ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ އެ މައްސަލަ ބެލުން

  • ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ. ދެން އޮތީ ތަހުގީގުގެ ފަހު ރިޕޯޓް އެކުލަވާލުމާއި އެއަށް ފަނޑިޔާރުން ޖަވާބު ދިނުން އަދި ކޮމިޝަނުން ގޮތެއް ނިންމުމެވެ.

ގުޅުން ހުރި - ފަނޑިޔާރުން ސަސްޕެންޑްކުރީ ފުރަތަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އޭސީސީން ބަލަމުން ދަނީ އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެކެވެ. އެކަމަކު އޭސީސީން އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ނުދެ އެވެ. އެގޮތުން:

  • އޭސީސީގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނެގި، ނަމަވެސް އަދި މަހާޒާއި އަޒްމިރަލްދާއާ ވެސް އެ ކޮމިޝަނުން ސުވާލުކޮށްފައެއް ނުވޭ

  • އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް އަޒްމިރަލްދާ ހުށަހެޅުއްވި، އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި

  • ޝާމިލް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި، އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް