ކަނާތުން ވާތަށް: ސުއޫދު، މަހާޒު އަލީ ޒާހިރު، އަޒްމިރަލްދާ ޒާހިރު - ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހާޒިރުކޮށް ހުތުރުބަހުން ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށް ފަނޑިޔާރުންގެ މައްސަލަ ދަނީ ބަލަމުން (ފޮޓޯ/ ރައީސް އޮފީސް)

ޖުޑިޝަރީ

ހައްގުތައް ކަށަވަރުނުކޮށް ފަނޑިޔާރުން ވަކިކުރަން އުޅޭތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ އަޑުއެހުންތައް ޖޭއެސްސީން ގެންދިޔައީ ހުޅުވާނުލާ؛ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ވެސް ނިންމީ ސިއްރު ބައްދަލުވުމެއްގައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މަަސައްކަތް ހިނގަމުން ދަނީ އިންސާފުން ބޭރުން ކަމަށް ބެލެވޭތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި، ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ. އެ ކަންކަން ކުރިއަށް ދިޔަ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމުން ބަޔާނެއް ނެރުނެވެ.

ތަފްސީލް - އެޗްއާރުސީއެމް އިން ބުނީ ޖޭއެސްސީން ތަހުގީގު ހިންގި ގޮތާ ގުޅޭ ގޮތުން އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ވަކާލާތުކުރައްވާ ރެޕަޓުއާގެ މަންދޫބު މާގަރެޓް ސެޓާތުވެއިޓް ފާހަގަކުރައްވާފައިވާ ކަންކަމަކީ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 

އޭގެ ފަހުގައި ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރުމުގައި ވެސް އަމަލުކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ:

  • ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަށް ފަނޑިޔާރުން އެދިވަޑައިގަތް ނަމަވެސް އެފަދަ ފުރުސަތެއް ނުދޭ

  • ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ސިއްރުކޮށްގެން ގެންގޮސް ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކުރުން

ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށް ދެން ހިނގައިދިޔަ ކަންކަމުން އެއީ އެ މައްސަލަ ކުރިއަށް ގެންދަން ހުރަސް އެޅުން ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. 

ގާނޫނީ އަދި ޝަރުއީ ދާއިރާގެ ބޭފުޅުންނާ އެއްވެސް މަޝްވަރާކުރުމެއް ނެތި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން މަޖިލީހުން ފާސްކުރުމަކީ ވެސް ކަންބޮޑުވުމެއް ކަން ފާހަގަކޮށްފައިވެ އެވެ.

އެ ކަންބޮޑުވުން ރައީސް އޮފީހާ ހިއްސާކުރި ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް އެޗްއާރުސީއެމުން ގޮވާލި އެވެ.

ފަސްފަހަތް - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް