ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ ބައެއް ބޭފުޅުން- (ފޮޓޯ/ ބާ ކައުންސިލް)

ބާ ކައުންސިލް

ފަނޑިޔާރުން ހާޒިރުކުރާ ބައްދަލުވުން ހުޅުވާލަން ބާ ކައުންސިލުން އެދެފި

އެ މައްސަލަ ޖޭއެސްސީން ތަހުގީގުކޮށްފައިވަނީ ގަވައިދާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދިނުމަށް ވެސް އެ ކައުންސިލުން އެދިފައިވޭ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލާގައި ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރައްވާ ބައްދަލުވުން ހުޅުވާލައިގެން ބޭއްވުމަށް، ބާ ކައުންސިލުން މިއަދު އެދެފި އެވެ.

ވީ ކިހިނެއް؟- އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

އިއްޔެ ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރަން ނިންމުމަށް ފަހު، ވަކިކުރުމުގެ މައްސަލަ މަޖިލީހަށް އިއްޔެ ފޮޮނުވި އެވެ. އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާކަން މަޖިލީހުގެ ރައީސްގެ މޭޒުން އިއުލާންކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް، މިއަދު ޖުޑީޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ބޭއްވި އެވެ.

އެކަމަކު މިއަދުގެ ބައްދަލުވުން ނިންމާލީ،  ތަހުގީގު ކޮމިޓީގެ ރިޕޯޓާއި އިތުރު ލިޔެކިޔުންތައް ދިރާސާކުރުމަށް ވަގުތު ހޭދަކުރުމަށް މެމްބަރުން އިއްތިފާގުވެގެންނެވެ.

މިކަމާ ގުޅޭގޮތުން ބާ ކައުންސިލުން ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި އެދިފައިވަނީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އަމަލުކޮށްފައިވަނީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދިނުމަށެވެ. އޭގެ އިތުރުން ދެން އެދިފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  •  ކޮމިޝަނުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަކީ ކަމާ ގުޅުން ގުރި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދިނުމަށް

  • އަދި ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް ރިއާޔަތްކުރުމަށް

  • ނިންމާފައިވާ ނިންމުންތަކާއި އެއަށް ވާސިލްވެފައިވަނީ ބުރަދަން ހުރީގެ ހެކީގެ މައްޗަށްކަން ކަށަވަރުކޮށްދިނުމަސް

  • މައްސަލައިގައި ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދިނުމަށް

  • މައްސަލަ ތަހުގީގުކޮށްފައިވާގޮތުން ފަނޑިޔާރުންގެ ވަކީލުންގެ ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ރިއާޔަތްކުރުމަށް

  • ފަނޑިޔާރުން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީވުމަށް އެކަށީގެންވަ ވަގުތު ދިނުމަށް

ފަނޑިޔާރުންގެ އިއުތިރާޒް ނެތް ނަމަ، އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ.

ފާހަގަކޮށްލެވޭ - ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގެން އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފައިވެ އެވެ. އޭގެ ކުރިން ވެސް މި މައްސަލަ ބެލުމަށް އަޒްމިރަލްދާ އެދިވަޑައިގަތުމުން މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް