މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ޖުޑީޝަރީ ކޮމިޓީ

ފަނޑިޔާރުން ވަކިކުރާ މައްސަލަ ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރުކޮށްފި

ކޮމިޓީގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން އުޅުއްވުމުން އެކަމާ ނުރުހުން ފާޅުކުރައްވައި އެމްޑީޕީގެ މެންބަރުން ވަނީ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފޮނުވާފައިވާ މައްސަލަ ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީ ވަކި ހިސާބަކުން ސިއްރުކުރަން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ގެންދެވީ ތަހުގީގު ރިޕޯޓްގައި ހުރި ތަފުސީލުތައް ވިދާޅުވަމުންނެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅީ އެކަމާ ގުޅުވައިގެންނެވެ.

ތަފްސީލް - ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކޮމިޓީ ސިއްރުކުރުމަށް ހުށަހަޅުއްވަމުން ވިދާޅުވީ:

  • ކޮމިޓީއަށް ލިބިދޭ ބާރަކީ ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުން؛ ތަހުގީގު ރިޕޯޓްގެ ތަފުސީލުތަކަށް ދާކަށް ނުޖެހޭ

  • ތަހުގީގު ރިޕޯޓްގައި އިސްމާއީލް ލަތީފަށް ކުރި ތުހުމަތާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައިވާ ކަންކަން އާންމުކުރުމަކީ އޭނާ ފަލީހަތް ވެދާނެ ކަމެއް

ޝާހިދު ކޮމިޓީ ފައްޓަވަމުން އެ ގޮތަށް ހުށަހެޅުއްވި ނަމަވެސް ފުރަތަމަ އެއްވެސް މެންބަރަކު އެ ހުށަހެޅުއްމަށް ތާއީދެއް ނުކުރައްވަ އެވެ.

ނަމަވެސް ނާޒިލް ތަހުގީގު ރިޕޯޓުގެ ތަފުސީލުތަކަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ތާއީދުކުރެއްވި އެވެ. އަދި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާބިން ހަބީބް ވެސް ވަނީ އިސްމާއީލް ލަތީފްގެ މައްޗަށް ސާބިތުނުވާ ތުހުމަތެއްގެ ތަފުސީލުތައް ވިދާޅުވަމުންދާނަމަ ކޮމިޓީ ސިއްރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވޯޓަށް އަހަން މަސައްކަތް ކުރެއްވުމާއެކު ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކޮމިޓީ ދޫކުރަައްވައި ނުކުމެވަޑައިގަތެވެ. ނުކުންނަވަން ވަޑައިގަންނަވަމުން ވެސް ދެ މެންބަރުން އަޑުގަދަކުރައްވައި ނުރުހުން ފާޅުކުރެއްވި އެވެ.

ކޮމިޓީން ސިއްރުކުރުމަށް ފާސްކުރީ ފަސް މެންބަރުންގެ ވޯޓަކުންނެވެ. އެއާއެކު ކޮމިޓީގެ ލައިވް ސްޓްރީމް ހުއްޓާލި އެވެ. އަދި ކޮމިޓީގައި ތިއްބެވި ޓީވީ ސްޓޭޝަންތަކުގެ ކެމެރާމަނުން ކޮމިޓީން ނެރުނެވެ. 

ކޮމެންޓް (1)

ތާމެން

11 މޭ 2025
ސިއްރު ސަރުކާރު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް