ކަނާތުން ވާތަށް: ސުއޫދު، މަހާޒު އަލީ ޒާހިރު، އަޒްމިރަލްދާ ޒާހިރު؛ މަހާޒު އަދި އަޒްމިރަލްދާ ވަކިކުރަން މަޖިލީހަށް ފޮނުއްވިއިރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- (ފޮޓޯ/ ރައީސް އޮފީސް)

ޖުޑިޝަރީ

ފަނޑިޔާރުންނަށް ދިފާއީ ހައްގު ނުދީ އޮތް ނަމަ މައްސަލަ ބޭރުކޮށްލަން ކޮމަންވެލްތުގެ ޖަމިއްޔާއިން ގޮވާލައިފި

ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނުން ބުނީ ފަނޑިޔާރުންނަށް ދިފާއީ ހެކި ހުށަހަޅެމަށާއި ދިފާއީ ވަކީލުގެ ބޭނުންކުރުމުގެ ހައްގު ފުރިހަމައަށް ނުދީ އޮތް ނަމަ އިޖުރާއަތްތައް ހިންގި ކަމަކަށް ނުބެލެވޭނެ ކަމަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ދިފާއީ ހައްގުތައް ފުރިހަމަ ގޮތުގައި ދީފައި ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބޭރުކުރަން ކޮމަންވެލްތުގައި ހިމެނޭ ގާނޫނީ ވަކީލުންގެ ޖަމިއްޔާއިން އިއްޔެ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތް ހިންގަން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މި ވަގުތު މައްސަލަ އޮތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ މަރުހަލާގަ އެވެ.

ތަފްސީލް - ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޖޭއެސްސީގެ ގާނޫނުގެ އިތުރުން ރާއްޖޭގެ ގާނޫނުއަސާސީ އާއި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ސާފުވާ އެއް ކަމަކީ އިޖުރާއަތްތައް ފުރިހަމަވާނީ، ތުހުމަތުން ދިފާއުވާން ދޭން ޖެހޭ ހައްގުތައް ފުރިހަމައަށް ދީފައި އޮތުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރުމުގައި ބަލަން އޮންނަނީ ފަނޑިޔާރުން ވަކިކުރުމަށް ނިންމުމުގައި އެ ކޮމިޓީން ހިންގަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ނުވަތަ ނޫންތޯ އެވެ.

ކޮމަންވެލްތުގެ ޖަމިއްޔާއިން ބުނީ ޖޭއެސްސީން އިޖުރާއަތް ފުރިހަމަވީ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ކަނޑައެޅުމުގައި، ތުހުމަތުވާ ފަނޑިޔާރުންނަށް ގިނަ ހައްގުތައް ދިންކަން ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން:

  • ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުން ޖަވާބުދާރީވުމަށް އެކަށީގެންވާ މުއްދަތު ނުވަތަ ޑިއު ނޯޓިސް ދީފައިވޭތޯ ބެލުން

  • ކޮމިޝަަނަށް ހާޒިރުވެ ތުހުމަތުތަކުން ދިފާއުވުމަށް ހުށަހަޅާ ކަންކަން ހުށަހެޅުމަށް ފަނޑިޔާރަށް އެކަށީގެންވާ މުއްދަތެއް ދީފައިވޭތޯ ބެލުން

  • ފަނޑިޔާރަށް ކުރާ ތުހުމަތުން ދިފާއުވެވޭނެ ހެކި ހުރި ނަމަ، އެ ހެކިތައް ހުށަހަޅައި ހެކިންގެ ހެކިބަސް ނަގަން ފަނޑިޔާރަށް ފުރުސަތު ދީފައިވޭތޯ ބެލުން

  • ފަނޑިޔާރަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ބޭނުންކުރަން ފުރުސަތު ދީފައިވޭތޯ ބެލުން

ކޮމަންވެލްތުގެ ޖަމިއްޔާއިން ބުނީ އެއިން ކަމެއް ހައްގެއް ނުދީ އޮތް ނަމަ، އިޖުރާއަތްތައް ފުރިހަަމަކުރި ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އެއިން ކަމެއް ފުރިހަމަނުކޮށް އޮތް ނަމަ މައްސަލަ ބޭރުކޮށްލުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.

ކޮމަންވެލްތުގެ ލޯޔާސް އެސޯސިއޭޝަނުން، ރާއްޖޭގެ ބަ ކައުންސިލާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް މަސައްކަތްކުރާ އދ.ގެ ރެޕިއުޓާގެ މަންދޫބާ އެކު މި މައްސަލަ މޮނިޓާކުރަމުންދާނެ ކަމަށް ބުންޏެވެ.

ފާހަގަކޮށްލެވޭ - މި މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން، ޝަފައީ 11 ހެކި (ހެކިވެރިން) އަދި 17 ކިތާބީ ހެކި ހުށަހެޅުއްވި އެވެ. ހެކިވެރިންގެ ހެކިބަސް ނެގުމަށް ވެސް އެދިވަޑައިގަތް ނަމަވެސް އެކަން ޖޭއެސްސީން ކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީން ތަހުގީގު ހިންގަން އެކުލަވާލި ތަހުގީގު ކޮމިޓީގެ ފައިނަލް ރިޕޯޓްގައި ވެސް އަޒްމިރަލްދާ ހުށަހެޅުއްވި ހެކިންނަށް ވަކިން ރިއާޔަތްކޮށްފައެއް ނެތެވެ.

ގުޅުން ހުރި ކަމެއް - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން: 

  • މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް

  • އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި

  • ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް

ފަސްފަހަތް - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

ކޮމެންޓް (3)

ތެފައާސާ.

11 މޭ 2025
ނަސީބެކޭ ތުރުކީއިން ލިބެންއުޅޭ 43 އަހަރުވީ މަނަވަރު މިހާތަނަށް ނުލިބިއޮތްކަން، އެހެން ނޫންނަމަ ކޮމަންވެލްތާއި ދިމާލަށް މިސައިލް އަމާޒުކޮށްފައި ބަހައްޓަން ސަރުކާރުގެ އެކްޓިވިސްޓުން ގޮވަން ފަށައިފާނެތެވެ.
1 0

އަފުން

11 މޭ 2025
ތިޔަ ކޮމަންވެލްތަށް އިސްރާއީލުން ހިންގާ ގަތުލުއާއްމު ފެނޭބާ. ކޮންމެހެން މި ގައުމުގެ ކަންކަމަށް ދަނޑިބާނާނެކަމެއްނެތް. ފަލަސްތީނުގެ ރައްޔިތުންގެ ކެކުޅުންތަކަށް ހައްލު ހޯދަދީފަ އެހެން ކަންކަމާ އުޅޭ. މިގައުމުގެ ފަނޑިޔާރުން ވަކިކުރުމާއި ނުކުރުން އެއީ މި ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް.
0 1

ތާމެން

11 މޭ 2025
@އަފުން ފަނޑިޔާރުން ވަކިކުރުން އެއީ މަޖިލީހަށް ލިބިފައިވާ ބާރެއް. އެހެންވީމައެއްނު ކޮމަންވެލްތުންވެސް ދެންއޮތްތަނަކުންވެސް ފަނޑިޔާރުން ވަކިކޮށްގެންނުވާނޭ ނުކިޔަނީ. އެމީހުން ކިޔާހާއެއްޗަކީ ޖަވާބުދާރީވާން ފުރުސަތު ދޭށޭ. ޑިއު ޕްރޮސެސް ފޮލޯކުރާށޭ. ނެތް މައްސަލައެއް އުފައްދައިގެން ފްރޭމްކޮށްގެން ތިކަން ނުކުރާށޭ. ދިފާއުގައި ބަހެއް ބުނެލާނެ ފުރުސަތެއް ނުދީ ތިޔަހެން ތިކަން ނުކުރާށޭ. އެނގިއްޖޭ؟؟؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް