ޖޭއެސްސީއަށް އައްޔަން ކުރެއްވި ޔަޒްމީދު މުހައްމަދުއާ މަގާމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ(ފޮޓޯ/ރައީސް އޮފީސް)

ޔަޒްމީދު އައްޔަންކުރުމާ އެކު ސަސްޕެންޝަންތައް އައުން އެއީ އިއްތިފާގެއް: ރައީސް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމުގެ ތިން ދުވަހެއް ކުރިން އެ ކޮމިޝަނުގައި ރައީސް މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ވަކިކޮށް އެ މަގާމަށް ޔަޒްމީދު އައްޔަންކުރެއްވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވަން ޖެހޭ މެންބަރު ބަދަލުކުރެއްވި ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމާއި ސަސްޕެންޑްކުރި ވަގުތަކީ އިއްތިފާގެއް ކަމަށް އެ މަނިކުފާނު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީއަށް ރައީސް ފުރަތަމަ އައްޔަންކުރައްވަނީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު މުހައްމަދު ސަމީރެވެ.

ނަމަވެސް 23 ފެބްރުއަރީގައި ސަމީރު ވަކިކުރެއްވުމަށް ފަހު، އައްޔަންކުރެއްވީ ޝަރުއީ ދާއިރާގެ ތަޖުރިބާތަކެއް ނެތް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ އެކްޓިވިސްޓެއް ގޮތުގައި އުޅުއްވި ޔަޒްމީދު މުހައްމަދެވެ.

އޭގެ ފަހުގައިކަން ހިނގި ގޮތަކީ:

  • ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން 26 ފެބްރުއަރީގައި ފާސްކުރި؛ ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުން ރައީސް ނިންމެވީ ބިިލު ތަސްދީގު ނުކުރައްވަން

  • ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމަށް 26 ފެބްރުއަރީގައި ޖޭއެސްސީން ނިންމި، އޭރު ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލައެއްގެ އަޑުއެހުން ފެށުމަށް ފަނޑިޔާރުން ތިއްބެވީ ކޯޓު ރޫމަށް ހާޒިރުވެވަޑައިގެން

  • ސުޕްރީމް ކޯޓުގައި އެ ދުވަހު އޮތީ، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލާތްތަކުގެ ތެރެއަށް މަޖިލީހުން މި ފަހުން އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް

އިއްޔެ ހެނދުނުން ފެށިގެން ދަންވަރު ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ޖުޑީޝަރީގައި ހިނގަމުން މިދާ ކަންތައްތަކާ ގުޅޭ ގޮތުން ސުވާލުކުރި އެވެ. 

ބުނީ ކީކޭ؟ - "އެއީ ހަމަ އިއްތިފާގެއް. އަޅުގަނޑަކަށް ކުރިއަކުން ނޭނގެ މި ކަހަލަ ކަމެއް އަންނަން އުޅޭ ކަމެއް. އެއްގޮތަކަށް ވެސް އަޅުގަނޑު އެހެން ވިސްނާފައި ކުރި ކަމެއް ނޫން،" ޔަޒްމީދު އައްޔަންކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ރައީސް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

ކުރިން ހުންނެވި ސަމީރު ވަކިކުރެއްވީ ކީއްވެ ކަމާއި ސަމީރުގެ ބަދަލުގައި ޔަޒްމީދު އަައްޔަންކުރެއްވި ސަބަބާއި ޝަރުއީ ދާއިރާގެ ތަޖުރިބާ ނެތް ބޭފުޅަކު އައްޔަންކުރެއްވި ސަބަބާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ސުވާލުކުރި އެވެ. ނަމަވެސް އެ ސުވާލުތަކަށް ސާފު ޖަވާބެއް ރައީސް ނުދެއްވަ އެވެ.

"އަޅުގަނޑަށް އެނގިގެން ހިނގާފައި ހުރި ކަންކަމެއް ނޫން. އަޅުގަނޑު ބަލާ ކަންކަމެއް ނޫން ކާކުގެ، ކޮން ބައެއްގެ މައްސަލަތަކެއްތޯ ކޯޓުން ބަލަމުން ދަނީއެއް. އެއީ ވަކި ބާރެއް ނޫންތޯ،" ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަހަރަކަށް ވުރެ ވެސް ގިނަ ދުވަސް ފަހުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ޖުޑީޝަރީއަށް ރައީސް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ގާނޫނު ލާޒިމުކުރަނީ އެ މީހުން އައްޔަންކުރަން. އެހެންވެ އައްޔަންކުރަނީ. ޖޭއެސްސީއަށް ވެސް، އެހެން މިނިވަން މުއައްސަސާތަކަށް ވެސް. އެކަމަކު އެ މީހުން ކުރަންވީ ކަންކަމެއް އަޅުގަނޑެއް ނުބުނާނަން،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރި ފަހުން ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

ކޮމެންޓް (3)

ގުއިއްޒު

4 މޭ 2025
އެއްވެސް ނޭނގޭ މީހަކު ކީއްކުރަން ވެރިކަމަށް އަރާ ތިހުރީ
2 0

ފީލިންގ

4 މޭ 2025
މަ ބޮޑަށް އަޖައިބުވީ މޫނަށް ރުލެއްވެސް އަރުވާނުލާ މިކަހަލަ ވާހަކަ ދައްކާލާތީ. ނޫނޭވާ ކުޅަދާނަ އިނގޭ. މި އަޑުއަހަން ތިބީ ހުސް މޮޔައިން ވިއްޔާ!!!
6 1

ތެފައާސާ.

4 މޭ 2025
އަހަރެންގެ މަންމައާއި އަހަރެންގެ ބައްޕައާއި ދެމީހުން އެކަކު އަނެކަކާއި ކައިވެނިކުރީވެސް އެއްދުވަހެއްގައި އެއްތަނެއްގައި ތިބެގެން. މިވެސް ހަމަ އިއްތިފާގެއް އިނގޭތޯ؟
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް