ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެތެރޭގައި ގާނޫނީ ވަކީލުންތަކެއް: ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކުގައި ގޮތް ނިންމަނީ ޖޭއެސްސީން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
ފަނޑިޔާރުން މިހެން މުއްދަތެއް ނެތް ގޮތަށް 'ވާނުވާ' ސަސްޕެންޝަނެއްގައި ބެހެއްޓިދާނެތަ؟
މުހިންމު ނުކުތާތައް
60 ދުވަހަށް ވުރެ ގިނަ ދުވަހު ސަސްޕެންޑްކޮށްފައި ފަނޑިޔާރަކު ބެހެއްޓޭނެކަމާ މެދު ވަކީލުންގެ ތެރޭގައި ވެސް ހިޔާލު ތަފާތު
ޖިނާއީ މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮތީ ގާނޫނުގެ 25ވަނަ މާއްދާގެ (ޏ)ގައި؛ އޭގައި ވަކި މުއްދަތެއް ނެތް
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25ވަނަ މާއްދާގެ (ލ)ގައިވާ ގޮތުން ސަސްޕެންޑްކުރެވޭނީ ގިނަވެގެން 60 ދުވަހަށް
ތާރީހަކީ 26 ފެބްރުއަރީ އެވެ. ފަނޑިޔާރުން ތިއްބެވީ ކޯޓު ރޫމަށް ވަންނަން ތައްޔާރުވެގެންނެވެ. ގައުނު ލައި ކޯޓު ރޫމަށް ވެންނެވި ތަނާ އައީ ވަޒީފާއިން އެކަހެރިކުރި ކަމުގެ ލިޔުމެވެ. ސަސްޕެންޝަންގެ ނޯޓިސްގައި އެ ދުވަހު ވެސް ވަކި މުއްދަތެއް ލިޔެފައެއް ނެތެވެ.
އަދުލު އިންސާފުގެ ބާރުގައި ހިމެނޭ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް މި ސަސްޕެންޝަންގެ ނޯޓިސް އެ ދުވަހު އައީ އާދައިގެ މައްސަލައެއްގެ އަޑުއެހުމަކަށް ވަންނަން ތައްޔާރުވެގެން ހުންނަވަނިކޮށެއް ނޫނެވެ. ކުރިމަތީގައި އޮތީ މުޅި ދައުލަތާއި، އެންމެހާ ދިވެހިންގެ މަސްލަހަތު އޮތް ދުސްތޫރީ ހިލާފެއްގެ މައްސަލައެކެވެ.
ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރެއަށް، މިހާރު ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން އިތުރުކުރި އާ ހާލަތްތަކާ ގުޅޭ ގޮތުން އުފެދިފައިވާ ދުސްތޫރީ ހިލާފާ ގުޅޭ ޝަރީއަތެކެވެ. އެ ކަމަށް ސުޕްރީމް ކޯޓުން ޝަރުއީ ނިޔާއެއް ކަނޑައަޅަން ދެން އެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމާ ގުޅޭ ގޮތުން އޮތް އަޑުއެހުމެކެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު އެ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ސިޓީއެއްގެ މައްޗަށެވެ. މިހާރު އިސްތިއުފާ ދެއްވާފައިވާ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރިތާ މިދިޔަ ހޮނިހިރަށް ދެ މަސް ދުވަސް ވީ އެވެ.
އެ ދެ މަސް ދުވަހުގެ ތެރޭގައި އޭސީސީން އެ ބުނާ ތަހުގީގުގައި ފަނޑިޔާރުންނާ މިއަދާ ހަމައަށް ސުވާލެއް ވެސް ނުކުރެ އެވެ. ބަލަމުންދާ މައްސަލައިގެ ހިލަމެއް، ވާނުވާއެއް ފަނޑިޔާރުންނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އަޒްމިރަލްދާ އާއި މަހާޒު މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ދަށު ކޯޓެއްގެ ބައެއް ގާޒީންގެ ބަޔާން ނެގި އެވެ.
ދެން ހިނގާހާ ވެސް ކަމަކީ އޭގެ ވަށައިގެން ހުރި 'ސުލޫކާ' ގުޅޭ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަމުންދިއުމެވެ. ދެ މައްސަލައެއްގައި ފަނޑިޔާރުން ކޮމިޝަނަށް ހާޒިރުކޮށް، އެއް މައްސަލާގައި ތަހުގީގު ނިންމައި ކޮމިޝަނަށް ފޮނުވާފައިވެ އެވެ. އެކަމަކު އެއިން އެންމެ މައްސަލައެއްގައި ވެސް މިއަދާ ހަމައަށް ކޮމިޝަނުން ވަކި ގޮތެއް ނިމިފައެއް ނުވެ އެވެ.
މި ހިސާބުން ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅޭ ގޮތުން ގާނޫނީ ސުވާލުތަކެއް އުފެދިގެން އުޅެނީ، ފަނޑިޔާރަކު ސަސްޕެންޑްކުރާއިރު ގިނަވެގެން ބެހެއްޓޭނެ ކަމަށް ބުނާ މުއްދަތު ފަހަނައަޅައިދިއުމުންނެވެ. ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން ސަސްޕެންޑްކޮށްފައި ބެހެއްޓޭނީ އެންމެ ގިނަވެގެން ވެސް 60 ދުވަހަށެވެ. ދެ މަސް ދުވަހަށެވެ.
-
ޖޭއެސްސީ ގާނޫނުގެ 25 ވަނަ މާއްދާގެ (ލ) - "މައްސަލަ ރައްދުވާ ފަނޑިޔާރު މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ނިންމަން ވާނީ އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެ ނަމަ މައްސަލަ ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް"
އެހެންވިއްޔާ ފަނޑިޔާރުންގެ ސަސްޕެންޝަން އޭގެ ޒާތުގައި އުވުނީ ހެއްޔެވެ؟ ފަނޑިޔާރުންނަށް ކޯޓުގެ މަސައްކަތައިގެން އުޅުވޭނެ ހެއްޔެވެ؟ ވަޒީފާއަށް ނުކުންނަވަންވީ ހެއްޔެވެ؟
ސަސްޕެންޝަން ނިމިފައިވާ ކަން ކޮމިޝަނުން ފަނޑިޔާރުންނަކަށް ވެސް، ސުޕްރީމް ކޯޓަކަށް ވެސް ނާންގަ އެވެ.
ޖިނާއީ ތަހުގީގެއް ހިނގާ ނަމަ، މުއްދަތުގެ މާއްދާ ނުހިނގާނެ ކަމަށް ދުށުން
އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޖޭއެސްސީން ދެކެނީ ފަނޑިޔާރެއް ސަސްޕެންޑްކުރަން ގާނޫނުގައި ބުނާ މާއްދާ ހިނގަނީ ހަމައެކަނި ކޮމިޝަނުން ބަލަން ނިންމާ ސުލޫކީ މައްސަލަތަކަށް ކަމަށެވެ. ޖިނާއީ މައްސަލައެއް އޮތް ކަން އެނގިގެން ސަސްޕެންޑްކުރާ ހާލަތުގައި އެ މާއްދާ ނުހިނގާނެ ކަމަށް ކޮމިޝަނުން ދެކެ އެވެ.
ކޮމިޝަނުން ފާހަގަކުރާ ނުކުތާއަކީ ގާނޫނުގެ އެ މާއްދާގެ (ޏ) އެވެ. އެ މާއްދާގައި ވަކި ހާލަތްތަކެއް ލިޔެފައި ދެން އޮންނަނީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވަކި ގޮތެއް ނިންމޭނެ ކަމަށެވެ. އެ ގޮތް ނިންމަން ފަނޑިޔާރުގެ ބަހެއް ހޯދާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އެ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތްތަކަކީ:
-
ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ ނުވަތަ ބަންދުކޮށްފި ނަމަ
-
ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިކަން ޖޭއެސްސީއަށް އެ އިދާރާއަކުން އަންގައިފި ނަމަ
-
އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެ ނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތުގައި ސާބިތުވެއްޖެ ނަމަ
މި ކަމުގައި ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިޔާލުތަފާތުވުންތަކެއް އެބަ އުޅެ އެވެ. ބައެއް ވަކީލުން ދެކޭ ގޮތުގައި ކޮމިޝަނުން ގާނޫނު މާނަ އެކުރާ ގޮތުގައި ގޯހެއް ނެތެވެ. އެއާ ހިލާފަށް މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރަކު ސަސްޕެންޑްކޮށްފައި ބެހެއްޓުމުގެ ބާރެއް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށް ވެސް ބައެއް ވަކީލުން ދެކެ އެވެ.
ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމާ މައްސަލަތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާފައިވާ އިިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ސަސްޕެންޑްކުރުމުގެ މުއްދަތު ބަޔާންކުރަނީ ސުލޫކީ މައްސަލަތަކުގެ ވާހަކަތަކުގެ ތެރެއިން ކަން ގާނޫނަށް ބެލުމުން ފާހަގަވާ ކަމަށެވެ.
"އޭސީސީގެ ލެޓާއެއް ގެނެސްގެން ފަނޑިޔާރުން މި ސަސްޕެންޑްކުރީ. ކްރިމިނަލް މައްސަލައެއް ގޮތަށް ހަދާފައި. 25 ވަނަ މާއްދާގެ (ޏ)އަށް ބެލުމުން، އޭގައި ވަކި މުއްދަތަކަށޭ ސަސްޕެންޑްކުރަން ނިންމޭނީ ލިޔެފައެއް ނެތް. އެހެންވެ އެ ތަންކޮޅަށް އެ ހިފައި ދަމަނީ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އިމްތިޔާޒު ވިދާޅުވި އެވެ.
ޖޭއެސްސީއަށް އެ ގޮތަށް މާނަކުރެވިދާނެ ކަމަށް ގަބޫލުކުރެއްވި ނަމަވެސް އިމްތިޔާޒު ވިދާޅުވީ އެ ކޮމިޝަނުން ސުލޫކީ މައްސަލަތަކާއި އޭސީސީން ތަހުގީގުގެ ކަންކަން ގެންދާ ގޮތަށް ބަލާއިރު އިޖުރާއަތް ފުރިހަމަނުވާ އެތައް ކަމެއް ފާހަގަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަސާސެއް ނެތް ކަމެއްގައި 'މުއްދަތެއް ނެތް' ގޮތަކަށް ސަސްޕެންޑްކޮށްފައި ބެހެއްޓުމަކީ ގޯހެކެވެ.
"ޖޭއެސްސީއަށް މި ބުނާ ގޮތަށް އެ މާއްދާ މާނަކުުރުމުގެ ޖާގައެއް، މި ބުނާހެން ޖިނާއީ މައްސަލައެއްގައި ވަކި މުއްދަތެއް ލިޔެފައި ނެތުމުން އޭގެ ޖާގައެއް އެބަ ލިބިދޭ. އެކަމަކު މުޅި މައްސަލަ ފަށައިގެން ހިނގަމުން ދަނީ ރަނގަޅަށް އިޖުރާއަތްތައް ފުރިހަމަނުކޮށް، ދިފާއީ ފުރުސަތުތައް ވެސް ނުދީ މުޅިން ރޯނުބައިކޮށް،" އިމްތިޔާޒު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅޭ އިތުރު ރިޕޯޓްތައް
ބައެއް ވަކީލުން ދެކޭ ގޮތުގައި އެ ގޮތަށް މާނަކުރުމުގެ ޖާގަ އެއްވެސް ވަރަކަށް ނުލިބެ އެވެ. ކުރީގެ ފަނޑިޔާރަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، މި މައުލޫއުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވަކި ކަހަލަ ބާރެއް ލިބިދޭ ނަމަ ގާނޫނުތަކުގައި އެ ބާރެއް ލިބިދޭ ކަން ސާފުކޮށް ބަޔާންކުރާނެ ކަމަށެވެ.
"މި ބުނާ މާއްދާގައި ވެސް ލިބިދޭ ބާރުތައް އަދި ޒިންމާ ވެސް ސާފުކޮށް އެ އޮތީ އެ މާއްދާގައި. ޖިނާއީ ތަހުގީގެއް ހިނގަންޏާ ވެސް 48 ގަޑިއިރުގެ ތެރޭގައި ނިންމަން ވާނެއޭ ޒިންމާއެއް ގޮތަށް. އަދި އެ ނިންމުމެއް ނިންމާއިރު ފަނޑިޔާރެއްގެ ބަސް ހޯދާކަށް ނުޖެހޭނެއޭ ބާރެއް ގޮތަށް،" އެ ވަކީލު ތަފްސީލްކޮށްދެއްވި އެވެ.
އެ މާއްދާގައި 60 ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ސަސްޕެންޑްކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވުމަކީ އެ ބާރު ކޮމިޝަނަށް ނުލިބުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ގާނޫނުގެ އެ މާއްދާއިން ކޮމިޝަނަށް ލިބިދޭ ހަމައެކަނި ލުޔަކީ އަދި ބާރަކީ ފަނޑިޔާރުގެ ބަހެއް ހޯދަން ނުޖެހުން ކަމަށް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރަކު ސަސްޕެންޑްކުރެވެން އޮތް ހަމައެކަނި ގޮތަކީ ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ސަސްޕެންޑްކުރުމެވެ. ނަމަވެސް އެ މާއްދާގެ ދަށުން ވެސް އެ ގޮތަށް ސަސްޕެންޑްކުރެވެނީ ކުށެއްގެ ތުހުމަތުގައި ކުޑަމިނުން ދައުވާކުރުމުންނެވެ. ކުށުގެ ތުހުމަތެއްގައި ތަހުގީގު ހިނގަމުންދާއިރަކު ނުކުރެވެ އެވެ.
-
ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) - "ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ ނުވަތަ ބަންދުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑް ކުރަންވާނެ"
-
ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) - "ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި، އެ މީހާގެ މައްޗަށް ނިހާއީ ހުކުމެއް ކަނޑައެޅެން ދެން މުސާރަ ނުލިބޭ ގޮތަށް ޖޭއެސްސީން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ"
ޖޭއެސްސީގައި ކުރިން މަސައްކަތްކުރެއްވި ވަކީލަކު ކިޔައިދެއްވި ގޮތުގައި ކޮމިޝަނުގެ ގާނޫނުގެ 25ވަނަ މާއްދާގެ (ޏ)ގެ މައިގަނޑު ބޭނުމަކީ ފަނޑިޔާރަކު ޖިނާއީ ކުށެއް ކުރިކަން ފެންމަތިވާ ހާލަތެއްގައި ކޮމިޝަނުން އަވަހަށް ގޮތެއް ނިންމުމެވެ. އެ އަކުރު އިބާރާތްކޮށްފައިވާ ގޮތުން ވެސް އެކަން ސާފުވާނެ ކަމަށް އެ ވަކީލު ވިދާޅުވި އެވެ.
"އެ އަކުރުގައި އެއް ކަމަކަށް އޮންނާނީ ދެ ދުވަހުން ގޮތެއް ނިންމަން ޖެހޭނޭ. ދެން އޮންނާނީ ފަނޑިޔާރުގެ ބަހެއް ހޯދާކަށް ނުޖެހޭނެއޭ. އެއީ ފަނޑިޔާރުގެ ބަސް ހޯދާފައި ގޮތެއް ނިންމަން އުޅެފިއްޔާ ލަސް ވެސް ވެދާނެ. ދެން ނިންމަން ޖެހޭނީ ފަނޑިޔާރުގެ ބަސް ހޯދާނެތޯ، ނުހޯދާނެތޯ، ސަސްޕެންޑްކުރާނެތޯ، ނުކުރާނެތޯ،" ވަކީލު ކިޔައިދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުން ވެސް އެއީ މުއްދަތެއް ނެތް ގޮތަށް، ކުށެއްގެ ތުހުމަތުގައި ތަހުގީގެއް ހިނގައި ނިމެންދެން، ސަސްޕެންޑްކުރެވޭ ގޮތަށް އޮތް މާއްދާއެއް ނޫނެވެ.
ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވެސް މީގެ ސަބަބުން އޮތީ ހުއްޓިފަ އެވެ. ބެންޗެއް އެކުލަވާލުމަށް ފަހު އޭގައި ހިމެނޭ ފަނޑިޔާރުން ބަދަލުކުރެވޭނީ ބެންޗުން އަމިއްލައަށް ވަކިވުމުން ނޫނީ ފަނޑިޔާރުކަމުން ވަކިވެގެންނެވެ. ފަނޑިޔާރުންގެ ސަސްޕެންޝަނާއި ވަކިކުރުމާ މެދު ގޮތެއް ނުނިންމައި އޮންނަހާ ހިނދަކު، ސުޕްރީމް ކޯޓުގައި ގާނޫނުއަސާސީގެ މައްސަލަ އޮންނާނީ ހުއްޓިފަ އެވެ. މުއްްދަތެއް ނެތް ގޮތަށް މިއީ "ވާނުވާ"އަކަށް ލުމެވެ.
ކޮމެންޓް (3)
ތެފައާސާ.
ބދވޱ
ތެފައާސާ.