ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުޑީޝަރީގެ އަގު ވައްޓާލުމުގެ ތުހުމަތު އަޅުވާފައި މި ގެއްލުވާލީ ދިފާއުވުމުގެ ހައްގު؟

ފަނޑިޔާރު އަޒްމިރަލްދާއަށް ކުރާ ތުހުމަތުތަކުން ބަރީއަވެ އާންމުންނަށް ކަންވީ ގޮތް ބުނެދޭން ނެރުނު ބަޔާންތައް ސުލޫކީ މައްސަލައަކަށް ފެއްތި ގޮތަކީ އެއީ ޖުޑިޝަރީގެ އަގު ވައްޓާލަން ނެރުނު ބަޔާންތަކެއް ގޮތަށް ސިފަކޮށްގެން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަމާޒުފަތްގަނޑަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެއްޖެ އެވެ. ފަނޑިޔާރުގެ ދެ މައްސަަލައެއް ބަލަމުން ގެންގޮސް، ދިފާއުގައި ނޫސް ބަޔާން ނެރުއްވާތީ، އެކަން ވެސް ސުލޫކީ މައްސަލައަކަށް ވެއްޖެ އެވެ.

ހަގީގަތުގައި ވެސް ފަނޑިޔާރު ގޯސްކޮށް ކަމެއް ކުރެއްވިޔަސް މުޅި މި މަރުހަލާއާ މެދު ސުވާލު އުފައްދަން ޖެހެނީ ދަނޑިވަޅުގެ ގޮތުންނެވެ. ވަށައިގެން ކަން ހިނގި ގޮތުންނެވެ.

އަޒްމިރަލްދާ ވެސް ހިމެނޭހެން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލިސް މެންބަރުން 'ހިސޯރުކޮށްލެވޭ' ގާނޫނުއަސާސީގެ އާ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމަން ވެފައި އޮއްވަ އެވެ.

ކޮމިޝަނުގައި ތިއްބެވި ޕީއެންސީގެ ބޭފުޅުންގެ މަސްލަހަތު އޮތް ބޮޑު މައްސަލައެއް ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމުމުންނާއި ޕީއެންސީގެ ސަރުކާރު ދަމަހައްޓަން ވެގެން މަޖިލީހުން ނިންމި ނިންމުމެއް ހުއްޓުވާލަފާނެތީ އެޅި ފިޔަވަޅުތަކެކޭ ބުނުމުގެ ޖާގަ އެބަ އޮތެވެ.

ޖޭއެސްސީގެ 'ސިޔާސީ' އަމާޒުފަތްގަނޑަކަށް ފަނޑިޔާރަކު ވުމަކީ އަބަދު ވެސް ޝަރުއީ ދާއިރާގެ ތެރޭގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.

އަޒްމިރަލްދާގެ ދިފާއުގައި ވާހަކަ ދައްކަވަމުން ގެންދަވާ ޝަރުއީ ދާއިރާގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި ދިމާވީ މާ ސީރިއަސް ކަމެކެވެ. ތުހުމަތުން ދިފާއު ވުމަކީ ކޮންމެ މީހަކަށް ވެސް ލިބިދޭން ޖެހޭ އަސާސީ ހައްގެކެވެ. އެ ހައްގު މުޅީން ބަންދުވާނެ ގޮތަކަށް ފަނޑިޔާރުންގެ ބެލެނިވެރި މުއައްސަސާއިން ފަނޑިޔާރަކާ މެދު އަމަލުކުރުމަކީ މާ ބޮޑު ކަންބޮޑުވުމެކެވެ.

ބަޔާން ނެރުން ސުލޫކަށް ފެއްތި ގޮތް

ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނެރުއްވި ބަޔާންތަކުގެ މައްސަލަ ބެލުމަށް ނިންމުމަށް ފަހު ފޮނުވި ނޯޓިސްގައިވާ ގޮތުން އެ މައްސަލަ ބަލަނީ ޖުޑިޝަރީގެ އަގު ވައްޓާލަން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ތުހުމަތުކޮށެވެ.

ނޯޓިސްގައި ލިޔެފައިވަނީ މިހެންނެވެ؛ "އެއީ ކޮމިޝަނާއި ފަނޑިޔާރުގޭގެ އިތުރުން ޝަރުއީ ދާއިރާގެ އަގު ވައްޓާލައި އާންމު ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އިތުބާރު ގެއްލިގެންދާނޭހެން ދައްކާފައިވާ ވާހަކަތަކެއް" ކަމެވެ.

ޖޭއެސްސީން އެކުލަވާލާފައި އޮންނަ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ތިން ނަންބަރަކާ އެ އަމަލު ހިލާފުވާ ކަމަށް ވެސް ޖޭއެސްސީން ފޮނުވި ނޯޓިސްގައިވެ އެވެ. މިންގަނޑުގެ 1.7، 1.8، 3.1 ނަންބަރާ ހިލާފު އަމަލެއް ކަމަށެވެ.

  • 1.7 - ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ފަނޑިޔާރެއްގެ މަގާމުގެ ގަދަރާއި، ހައިބަތާއި، މިނިވަންކަން ހިފެހެއްޓުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ތެދުވެރިކަމާއެކު އަޅަންވާނެ

  • 1.8 - އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި އެ ނިޒާމާއި ދާއިރާގެ ހައިބަތާއި ގަދަރު ހިމާޔަތްކުރުމަށާއި އާންމުންގެ މެދުގައި އިތުބާރާ ޔަގީންކަން އުފައްދައި ދެމެހެއްޓުމަށް ކޮންމެ ފަނޑިޔާރަކުމެ، އެ މީހެއްގެ އަމަލުތައް ބަހައްޓަން ވާނީ އަހުލާގީ ގޮތުން އެކަށީގެންވާ ފެންވަރެއްގައި

  • 3.1 - ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ އެ މީހުންގެ ތެދުވެރި ކަމާއި އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް

އަދި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުގެ ދެ ކަމަކާ ވެސް ހިލާފު ކަމެއް ގޮތަށް ނޯޓިސްގައި ބަޔާންކޮށްފައިވެ އެވެ. އެއީ:

  • ފަނޑިޔާރު ކުރާކަމަކުން ނުވަތަ ބައިވެރިވުމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ފަނޑިޔާރުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން

  • ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކޯޓަކާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ނުދިނުން؛ މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވުން

އަޒްމިރަލްދާއަށް ދިފާއުގެ ހުރިހާ ދޮރެއް ބަންދު؟

ޖޭއެސްސީން ފުރަތަމަ ވެސް ބެލީ ބޮޑު ތުހުމަތެއްގެ މައްސަަލައެކެވެ. އަޒްމިރަލްދާގެ ފިރިކަލުން ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކުރުމުން، ބަންދުނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންތަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ހިމެނޭ ސުލޫކީ މައްސަލައެކެވެ.

އާންމުންގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައެއް ސުޕްރީމް ކޯޓުގައި ހުއްޓޭނެ ގޮތަކަށް ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ފަހު، އަޒްމިރަލްދާއަށް މި ވަރުގެ ތުހުމަތެއް ކުރުމުން އޭނާ އެދިވަޑައިގަތީ ކޮމިޝަންގެ ތަހުގީގު އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށެވެ.

ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަކީ ޖޭއެސްސީން ނުކުރާ ކަމެއް ވެސް ނޫނެވެ. ގާޒީ ހަސަން ސައީދުގެ މައްސަލަ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަޑުއެހުންތައް މިދިޔަ ޖޭއެސްސީން ބޭއްވީ ހުޅުވާލައިގެނެވެ.

އަޒްމިރަލްދާއަށް އެ ފުރުސަތެއް ޖޭއެސްސީން ނުދެއްވި އެވެ. އަޑުއެހުން ބޭއްވީ ސިއްރުކޮށްގެނެވެ. ސިއްރު އަޑުއެހުމުގައި ވަކީލަށް ވާހަކަ ދައްކަވަން ފުރުސަތެއް ނުދިނެވެ. ކޮމިޝަނުގެ ސުވާލުތަކަށް ފަނޑިޔާރު ޖަވާބު ދެއްވަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ މާއްދާ ހަވާލާދީ، އެ ފުރުސަތު ބަންދުކުރީ އެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި މި ހާލަތަށް ކަންތައް ގޮސްގެން، ހަގީގަތް ބަޔާން ކުރުމަށް ވަކީލު މެދުވެރިކޮށް ބަޔާން ނެރުން ވެސް ހުއްޓުވޭ ގޮތަށް ހެދުމަކީ ދިފާއުވުމުގެ މުޅި ހައްގު އަޒުމިރަލްދާއަށް ނުލިބޭ ގޮތް ވުމެވެ.

"އަޑުއެހުންތަކުގައި ވަކީލަށް ވާހަކަ ދައްކަން ފުރުސަތު ނުދީފައި، ވަކީލު ޕަބްލިކްގައި ވާހަކަ ދެއްކެވުމުން އެކަން ވެސް މައްސަލައަކަށް ހެދީމައި އެބަ އެނގޭ އެއްވެސް ގާނޫނީ ޝަރުއީ ހަމައެއް އޮވެގެން ކުރަމުންދާ ކަންކަމެއް ނޫންކަން މިއީ،" ދިޔާނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އިންނެވި ދިޔާނާ ވިދާޅުވީ، މީހެއްގެ މައްޗަށް ތުހުމަތެއް ކުރާނަމަ ކުރިއާލާ އެންގުމާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި ވަކީލު މެދުވެރިކޮށް އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އަސާސީ ދިފާއީ ހައްގުތަކަކީ ފަނޑިޔާރަކަށް ވެސް ލިބިދޭން ޖެހޭ ހައްގުތަކެއް ކަމަށެވެ. ގާނޫނު އެ ކަން ދަންނަނީ ވެސް އެ ގޮތަށެވެ.

ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް ވިދާޅުވީ އެ މައްސަލަ ސުލޫކީ މައްސަލައަކަށް ފެތެން ޖެހޭ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ގާނޫނުގައި ވެސް އޮންނަނީ ފަނޑިޔާރު ރައްދު ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް ރައްދު ދީ، މައުލޫމާތު ވެސް ފޯރުކޮށްދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

މި ހާލަތުގައި ކަން ހިނގި ގޮތަކީ ފަނޑިޔާރު އަޒްމިރަލްދާއަށް ކުރާ ތުހުމަތުތަކާއި ސަރުކާރުން ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު ލިބިފައި އޮތުމުން ފަނޑިޔާރުގެ ވަކީލު އާންމުންނަށް އެކަން ތިލަކޮށްދިނީ އެވެ.

"ދިފާއުވުމުގެ ހައްގު ލިބެން ޖެހޭ ފަނޑިޔާރަކަށް ވެސް. ދިފާއުގައި ދައްކަން ޖެހޭ ވާހަކައެއް، ފަނޑިޔާރެއް ވެސް ނޫން، ފަނޑިޔާރުގެ ވަކީލު ދެއްކުމަކީ އެއް ގޮތަކަށް ސުލޫކީ މައްސަލައެއް ނޫން. އެ ސުލޫކީ މައްސަލައަކަށް ވަންޏާ އޮންނާނީ ހުސް ސުލޫކީ މައްސަލަ،" މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި އަލީ ހުސައިން ވިދާޅުވި އެވެ.

ކުރިން ޖޭއެސްސީގައި މަސައްކަތްކުރައްވާފައިވާ ވަކީލަކު، ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ ފަނޑިޔާރަކު ވަކީލަކު މެދުވެރިކޮށް ނޫސް ބަޔާން ނެރެގެން ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ރައްދު ދޭ ނަމަ ސުލޫކީ މައްސަލައަށް ފެތުމުުގެ ޖާގަ އެބަ އޮތެވެ. އޭނާގެ ނަޒަރުގައި އެއީ ގާނޫނީ ބަހުސެއް އޮތް ކަމެކެވެ.

އެކަމަކު އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި މި ވަގުތު ހިނގަމުންދާ ކަންކަމަކީ ޖޭއެސްސީގެ އެތެރެއިން އިންތިޒާމުވެ، ރޭވުމެއްގެ ތެރެއިން ހިނގާ ކަންކަމެވެ. ޖޭއެސްސީގައި ތިއްބވި ސަރުކާރާއި މަޖިލީހުގެ ބޭފުޅުން ތިއްބަވައިގެން، އެ ބޭފުޅުންގެ މަސްލަހަތު އޮތް މައްސަލަ ބޭނުން ނުވާ ގޮތަކަށް ދާނެ ކަމަށް ބެލުމުން އޭގެ ޝިކާރައަކަށް އަޒްމިރަލްދާ ވީ އެވެ.

"ޖޭއެސްސީ އިސްލާހުނުކޮށް، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާހާ ހިނދަކު އެ ކޮމިޝަނުގެ ނިންމުންތަކަށް ސުވާލު އުފައްދާނެ ބަޔަކު އަބަދުވެސް ތިބޭނެ. އެއް ބަޔަކަށް މިހާރު ވެސް ޖުޑީޝަރީގެ އަގު ވައްޓާލީ ޖޭއެސްސީން. އަޒްމިރަލްދާގެ ބަޔާނަކީ ޖުޑީޝަރީ ސަލާމަތްކުރަން ކޮންމެހެން ނެރެން ޖެހޭ ބަޔާނެއް އެ ބަޔަކަށް،" އެ ވަކީލު ވިދާޅުވި އެވެ.

ޖުޑީޝަރީއަށް ގެއްލުން ދިނުމުގެ ތުހުމަތު އަޅުވާފައި، ޖުޑީޝަރީއަށް އެތައް ގޮތަކުން ހިދުމަތް ކޮށްދެއްވި ފަނޑިޔާރަކު އެ ހުންނެވީ ދިފާއުވުމުގެ ހުރިހާ ދޮރެއް ބަންދުވެފައި ކަަހަލަ ގޮތަކަށެވެ. ޖުޑީޝަރީގެ އަގު ހަގީގަތުގައި މި ވައްޓާލަނީ، ޖޭއެސްސީއަކުން ނޫން ހެއްޔެވެ؟

ކޮމެންޓް (5)

ސިކުނޑި

25 މާރިޗު 2025
ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމަޔަށް ދިޔަސް ދާނީ ކައްޗަށް! ހުސް ގޮނޑިއެއް ދައްކައިގެން ހޯދި ވެރިކަމެއް ރަނގަޅުވާނެކަމަށް އުންމީދު ކުރުމަކީވެސް މޮޔަ ކަމެއް!!
0 0

ދުރުމި

23 މާރިޗު 2025
މޑޕ އިސްވެ މައުމޫނަށް ގެއްލުން ދޭން ހަދާއިފައި ޢަނޫނުގައި އޮންނަނީ ހިގަމުންދާ މައްސަލަކާއި ބެހޭ ގޮތުން ބަޔާނެއްވެސް ނުނެރެވޭނެ ކަމަށް . މިހެންވީމަ ކިޔަނީ އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުމޭ
3 2

ޒަހުރުއްދީން އަބްދު

23 މާރިޗު 2025
ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލު ނުކުރަނިސް ޝަރުއީ ކޯޓުތައް ހާއްސަކޮށް ސުޕްރީމް ކޯޓަށް ހަމަޖެހުމެއްނުލިބޭނެ. ފަނޑިޔާރުން ދިފާއުގަ ނެރޭ ބަޔާންތައް ސުލޫކީވާއިރު ޖޭއެސްސީއިން މި ކުޅޭ ހަގީގަތެއްނެތް ޑްރާމާ އާ ދެކޮޅަށް ބަސްބުނާ ކޮންމެ ފަނޑިޔާރަކު އުއްތަމަވެސް ހިމެނޭހެން ވާނީ ސުލޫކީ. ބަސްބުނީ ސުލޫކީ. މިސިލްސިލާ މިގޮތަށް ދެމިގެންދާނެ ޖޭއެސްސީ މިހާރުއޮތްގޮތަށް އޮތްހާ ހިނދަކު. މިފަހުގެ ސުޕްރީމް ކޯޓުގެ ބެންޗަކީ )ސުއޫދު ހޮމރނޭ( މިހާތަނަށް ސުޕްރީމް ކޯޓުގަ އޮތް އެންމެ ގާބިލް އެންމެ މިނިވަން ބެންޗު.
8 2

ހގފޗޗޗ

23 މާރިޗު 2025
ޝަރުއީ ދާއިރާ މިނިވަން ނުވެގެނެއް ނޫން މިއުޅެނީ. ތަންފީޒީބާރާއި ގާނޫނުހަދާބާރު އަދުލު އިންސާފުގެބާރަށް ނުފޫޒު ފޯރުވާތީ މިނިވަން ނުވަނީ. ފުރަތަމަ ޖޭއެސްސީ އެބަޖެހޭ އުވާލަން. ނޫނީ އަނެއް ދެބާރުގެ ރެޕްރެސެންޓޭޝަން ޖޭއެސްސީގަ ނީނަގޮތަށް ހަދަން. މިނިވަންކޮށް އެތަނަށް ހޮވާ ވަކީލުންގެ މަންދޫބާއި އާއްމުންގެ މަންދޫބުވެސް ނޫނީ މިނިވަން އެހެން މަންދޫބުންވެސް ފައިސާއަށްވިކި ޖުޑިޝަރީ ފުނޑަނީ. މިވަރުތަނެއް ނެތިއްޔާ މާރަނގަޅުވާނެ! އަސްލު މައްސަލައަކީ މިއީ. މިކަމަށް ނޫސްތަކުންވެސް އެބަޖެހޭ އަޑުގަދަކޮށް ލިޔަން
8 1

ރުވޭ

23 މާރިޗު 2025
@ހގފޗޗޗ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކީވެސް މަޖިލީހުން ކަނޑައަޅާ މެންބަރެއް. ޖޭއެސްސީގެ ދިހަ މެންބަރުންގެ ތެރެއިން ކޯޓުތަކުން އައްޔަންކުރާ ތިން ފަނޑިޔާރުންނާ ވަކީލުން އިންތިހާބު ކުރާ މެންބަރު ފިޔަވައި ދެންތިބީ ހުސް ސަރުކާރުގެ ބާރުހިނގާމީހުން. ރާއްޖޭގެ ކޮންމެ ވެރިކަމެއްގަ މަޖިލީހުގެ ސުޕް މެޖޯރިޓީ ލިބެނީ ސަރުކާރަށްވީމަ މަޖުލީހަކީވެސް ހަމަ ތަންފީޒީ ބާރާ މަސްހުނިވެފަ އޮތް ބާރެއް.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް