ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - (ފޮޓޯ/ މަޖިލީސް)

ޖުޑީޝަރީ ކޮމިޓީ

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ކޮމިޓީން ނިންމައިފި

ޖުޑިޝަރީ ކޮމިޓީން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރަން ނިންމީ ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީއެއްގައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.

ވީކިހިނެއް؟ - ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ތަފްސީލް - އެ މައްސަލާގައި ޖުޑީޝަރީ ކޮމިޓީން ފަހުން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމީ މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށެވެ. 

އަދި ޖޭއެސްސީގެ ރިޕޯޓް ރަނގަޅު ކަމަށެވެ.

އެހެންވެ ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް ފާސްކުރި އެވެ.

ގުޅުން ހުރި ކަމެއް - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން: 

  • މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް

  • އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި

  • ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް

ފަސްފަހަތް - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

ކޮމެންޓް (1)

ތެފައާސާ.

12 މޭ 2025
"ވަކިކުރަން ކޮމިޓީއިން ނިންމީތޯ؟ އަޅުގަނޑަށް ހަމަ އެއްވެސް ވަރަކަށް އެނގިފައެއްނެތް. ޚަބަރަކުންވެސް އަދި އެއްވެސް މީހަކުވެސް ތިކަހަލަ ވާހަކައެއް ބުނެފައެއްވެސް ނެތް. ތިކަން ހިނގާފަައިއޮތްގޮތެއް އަޅުގަނޑު ބަލާލަން ޖެހޭނީ. އަޅުގަނޑަކީ ދޮގުހަދާނޭ މީހެއްނޫން. ތި ތަރުތީބުން ތިކަން ހިނގާފައިތިއޮތީ އިއްތިފާގަކުން ކަމަށް ވާނީ."
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް