މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އަތްޖައްސަވަނީ ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބޯހިޔާވަހިކަން

ބޯހިޔާވަހިކަމެއް ނޫން؛ މިއީ އިއުލާނާއި ރެކޯޑުތަކުގެ ރަން ޒަމާން

މި އަހަރަށް މަޖިލީހުން ފާސްކުރީ މިހާތަނަށް ބޯހިޔާވަހިކަމަށް އެންމެ ބޮޑު އަދަދެއް އޮތް ދައުލަތުގެ ބަޖެޓެވެ. އެކަމަކު މި ކަހަލަ ރެކޯޑުތަކުން މީހަކަށް ވާ ފައިދާއެއް ނެތެވެ.
8 ޑިސެމްބަރު 2025
4

މުހިންމު ނުކުތާތައް

މި އަހަރުގެ ބަޖެޓްގައި ބޯހިޔާވަހިކަމަށް 1.8 ބިލިއަން ރުފިޔާ ކަނޑައެޅި. އެކަމަކު އަދި ހޭދަކުރީ އެންމެ 183 މިލިއަން ރުފިޔާ

ބޯހިޔާވަހިކަމުގެ ރަން ޒަމާން މި އަހަރު ފެށުނީ ކަމަށް ކުރެވުނު އުއްމީދު ވަމުން އެދަނީ ބިލާހަކަށް

މި ސަރުކާރުން އަދި އެންމެ ގާބުރިއެއް ވެސް ނުބާއްވާ ކަމަށް އިދިކޮޅުން ވާހަކަ ދައްކަނީ ސަބަބުތަކެއް ހުރެގެން

އިއުލާންތަކަކުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ލިބޭ ނަމަ، މީހުން އަރާމާއި އުފަލުގައި އުޅޭތާ މިހާރު ލައްކަ ދުވަސް ވެދާނެ އެވެ. އެކަމަކު ސަރުކާރުގެ ވިސްނުން މުޅިން ވެސް މި ހުންނަނީ ކޮންމެވެސް ރެކޯޑެއް ހެދޭތޯ ނުވަތަ މުގުރާލެވޭތޯ އެވެ. މިސާލަކަށް ހަވާ އެރުވުމެވެ. ވައި ހުރި ގޮތުން ބައެއް މީހުންނަށް ބޮޑު ދުންގަނޑެއް ފެނުނު ނަމަވެސް، އެކަމުން އެ އޮތީ ރެކޯޑު ފޮތަށް އަރާފަ އެވެ.

ނޫސް ކޮންފަރެންސެއް ނުބާއްވައިގެން ނޫސްވެރިން ޝަކުވާކުރާތާ 500 އަށް ވުރެ  ގިނަ ދުވަސް ފަހުން އެކަމުގައި ވެސް ބެއްލެވީ ރެކޯޑެއް ހެއްދެވޭތޯ އެވެ. އޭގެ ފަހުން އަދި  ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަ އެވެ. އެކަމަކު ގޯސްވާނީ އެހެން ބުނާ މީހެކެވެ. ސަރުކާރުގެ 'އަޅުން' ބުނާނެ އެވެ. މަޑުން ތިބެ ބަލާށެވެ. 'އަހަރެމެންގެ ރައީސް' އެ ހެއްދެވީ ދުނިޔޭގެ ރެކޯޑެކެވެ.

އެންމެ ގިނަ އޭޓީއެމް ހުޅުވުމުގެ ދުނިޔޭގެ ރެކޯޑެއް އޮތް ނަމަ، އެ ރެކޯޑު ވެސް އެމަނިކުފާނަށް ލިބިވަޑައިގަތީހެވެ. އޭޓީއެމް ހުޅުވައިދެއްވަމުން ގޮސް، މީހުން ބޭނުންކޮށްކޮށް ހުރި އޭޓީއެމްތައް ވެސް ހުޅުވައިދެއްވި ކަމަށް ރަށު ތެރެއިން ކިޔާ އަޑު އިވެ އެވެ.

ރައީސް މުއިއްޒު، ބީއެމްއެލްގެ ހިތަދޫ ބްރާންޗުގައި ގާއިމްކުރި އާ ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)

ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންނަށް ވިއްކި މި އަހަރުގެ ބަޖެޓަކީ ވެސް ހަމަ އެކަހަލަ ރެކޯޑެކެވެ. ދުނިޔޭގެ ރެކޯޑު ފޮތަކަށް ނޭރިޔަސް، އެއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް އެންމެ ބޮޑު އަދަދެއް ހިމަނައިގެން ފާސްކޮށް، ގައުމީ ރެކޯޑެއް ހެދި ބަޖެޓެކެވެ.

އެކަމަކު މި ސަރުކާރުން އިއުލާންކޮށް، އެ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތެއްގެ ބޯ ހިޔާކުރަން ޖެހި އެންމެ ޓިނުގަނޑެއް ވެސް އަދި ފެންނަން އެބަހުރި ހެއްޔެވެ؟ ނުވަތަ އިދިކޮޅު ސިޔާސީ ބޭފުޅުން އެ ވިދާޅުވާހެން ބޯހިޔާވަހިކަމަށް އަދި އެންމެ ގާބުރިއެއް ވެސް ނުބޭއްވެ އެވެ.

'ފަށުވި' އިބާރާތުން ބޯހިޔާވަހިކަމުގެ ރަން ޒަމާން އިއުލާން ކުރެއްވުން

17 ނޮވެމްބަރު 2023 ގައި ޖުމްހޫރީ މައިދާނުގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ ތަގުރީރު ކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ:

"އިރާދަކުރެއްވިއްޔާ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހިންނަށް ގެނެސްދޭނީ މި ފެށި ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަމުނާލާނީ ތިޔަ ބޭފުޅުންގެ މި އާ ސަރުކާރުން."

"ވަރަށް އަވަހަށް ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް ދިވެހި ފަޅުފަޅުން އުފުލިދާނެ."

އުންމީދީ ވާހަކަތަކެކެވެ. އޭގެ ފަހުން މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައީ އެވެ. އެ ރަން ޒަމާން އާންމުންނަށް އިހުސާސްކުރެވޭ ހެއްޔެވެ؟

ފުރަތަމަ އަހަރު: ބަޖެޓު ހެދީ އެހެން ބައެއް

އާ ސަރުކާރުގެ ދައުރު ފެށި ދުވަސްވަރު އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އުޅުނީ ޖެހިގެން އޮތް 2024 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ފޮނުވި ބަޖެޓު ދިރާސާކުރުމުގެ މަސައްކަތުގަ އެވެ.

ކޮމިޓީ މަރުހަލާގައި އެ މަސައްކަތް ކުރިއަށް ގެންދިޔައީ އާ ސަރުކާރަށް ވެސް ހިޔާލު ހުށަހެޅުމުގެ ޖާގަ ދީގެންނެވެ. އަދި ކޮމިޓީން ބަޖެޓުގެ މަސައްކަތް ނިންމާލީ އާ ސަރުކާރުން ބޭނުންވި ގޮތަށް، 300 މިލިއަން ރުފިޔާ އިތުރުކޮށްގެންނެވެ.

އިތުރުކުރި އަދަދުގެ ތެރެއިން ބޮޑު ބައެއް ދިޔައީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެއީ 248 މިލިއަން ރުފިޔާ އެވެ. އެކަމަކު އާ ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަން ހިމަނައިދޭން އެދުނު 400 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ.

އެކަމަކު އެ އަހަރު ނިމުނީ އެ ބަޖެޓު ހުސްވެ، ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްގެންނެވެ. ރަސްމާލެ ހިއްކަން ފުށިދިއްގަރުފަޅަށް 'ވެލި މުށެއް' އެއްލައިލުން ފިޔަވާ ބޯހިޔާވަހިކަމާ ގުޅުން ހުރި މާ ބޮޑު ކަމެއް ކުރެވިފައެއްނުވެ އެވެ.

އެކަމަކު އެއީ އިދިކޮޅު އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް، 19 ވަނަ މަޖިލީހުން ފާސްކުރި ބަޖެޓެކެވެ. އަދި 2024ގެ މަޖިލިސް އިންތިހާބު ކެމްޕޭން ދުވަސްވަރު ސަރުކާރު ހިންގާ ޕީއެންސީއިން އެކަން ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. ބޭނުމަކީ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް، ޕީއެންސީއަށް ފުރިހަމަ ކޮންޓްރޯލް ނެގުމެވެ. އާންމުން އެކަން ކޮށްދިނެވެ.

ދެ ވަނަ އަހަރު؛ ރަން ޒަމާނުގެ 'ފެށުން'

އެ ކޮންޓްރޯލްއާ އެކު ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުން ފާސްކުރި ފުރަތަމަ ބަޖެޓަކީ މި ހިނގާ އަހަރުގެ ބަޖެޓެވެ. އެ ބަޖެޓު ރައްޔިތުންނަށް ވިއްކީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގަ އެވެ.

"މިއީ (2025ގެ ބަޖެޓަކީ) ގެދޮރުވެރިކަމުގެ، ބޯހިޔާވަހިކަމުގެ ބަޖެޓެއް. އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ޕްރަޔޮރިޓީތައް މި ތަރުތީބުން ޕްރަޔޮރިޓައިޒް ކުރަން. ގެދޮރުވެރިކަން އެންމެ މަތީގައި، ދެގޮތެއް ނުވެ، ސުވާލެއް ނެތް ސިޔާސަތެއް އެއީ،" 5 ނޮވެމްބަރު 2024ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވީ އާންމުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

އެ މައްސަލައަށް ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބައެއް ގެދޮރުވެރިކުރުވުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރުކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުން ގެދޮރުވެރި ކުރުވަން ކަމަށެވެ.

އެ އަމާޒުގައި ބަޖެޓުގައި ހިމެނި ބައެއް ކަންތައްތަކަކީ:

  • ގެދޮރުވެރިކަމުގެ ލޯނު، %5ގެ އިންޓްރެސްޓުގައި ދޫކުރަން 1 ބިލިއަން ރުފިޔާ

  • އޭރުން އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިއަން ރުފިޔާގެ ހައުސިން ލޯނު ދެވޭނެ

  • ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަން 1.8 ބިލިއަން ރުފިޔާ

"އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" ޒަމީރު ވިދާޅުވި އެވެ.

"ގެދޮރުވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲގެ ވާގިފުޅާ އެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައި ވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް."

އެހެންކަމުން ހުވާކުރެއްވި ދުވަހު ރައީސް އެ ވިދާޅުވި ރަން ޒަމާނުގެ ފެށުމަށް ވާނީ 2025 އެވެ.

ސަރުކާރުގެ ގެޒެޓާއި ފިނޭންސްގެ ވެބްސައިޓުން ލިބެން ހުރި މައުލޫމާތު އަލީގައި  ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ ފެށުން ދިޔައީ މިކަހަލަ ގޮތަކަށެވެ:

  • 29 ޖެނުއަރީ 2025 - ރާއްޖޭގެ 57 ރަށެއްގައި، 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފިނޭންސް މިނިސްޓްރީން އިއުލާންކުރި

  • 16 ނޮވެމްބަރު 2025 - މާލޭގައި ދިރިއުޅޭ މީހުންނަށް ބިމާއި ފްލެޓު ދޫކުރަން އިއުލާންކުރުން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުއްތަލިިބު ވާހަކަ ދައްކަވަނީ: އޮތީ ހުސް އިއުލާންކުރެއްވުން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

މައިގަނޑު ދެ މަޝްރޫއަކީ އެއީ އެވެ. އޭގެ އިތުރުން އަމިއްލަ ގެދޮރު ނެތް މީހުންނަށް ބޯހިޔާވަހިކަން ދޭން ގދ. ތިނަދޫގައި އަޅާ 200 ރޯ ހައުސްއަކަށް ކުރިމަތިލާން ކޮށްފައިވާ އިއުލާނެއް ވެސް ފެނުނެވެ.

އެފަދަ އިތުރު އިއުލާނެއް ނުފެނުނު ނަމަވެސް، ކުރިން ބުނި، 57 ރަށުގައި ހައުސިން ޔުނިޓު އަޅާ މަޝްރޫއާ ގުޅޭ ބައެއް އިއުލާންތައް ފެނުނެވެ. އެކަމަކު އެއީ ވަކި މަޝްރޫއުތަކެއް ނޫނެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަނީ ކޮން މަންޒަރެއް؟

މި އަހަރަށް ފާސްކުރި ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް، 27 ނޮވެމްބަރު 2025ގައި ފިނޭންސުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުން އެ ތާރީހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ އެންމެ 183.9 މިލިއަން ރުފިޔާ އެވެ. ނިސްބަތުން ބަލާއިރު އެއީ ބޯހިޔާވަހިކަމުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އެންމެ %10 އެވެ.

ބޯހިޔާވަހިކަމަށް ބަޖެޓުކުރި ފައިސާގެ އަދަދާއި 27 ނޮވެމްބަރު 2025ގެ ނިޔަލަށް އެ ފައިސާ ހަރަދުކޮށްފައިވާ މިންވަރު.

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ ފެށުމޭ ބުނި އަހަރު ނިމިގެން މިދަނީ އެންމެ ގާބުރިއެއް ވެސް ނުބޭއްވިގެން އުޅެނިކޮށް ކަމަށް، ސަރުކާރަށް ފާޑުކިޔާ މީހުން އެ ބުނަނީ މިކަހަލަ ސަބަބުތަކާ ހުރެ އެވެ.

ބޯހިޔާވަހިކަމަށް ކަނޑައެޅި ބަޖެޓުގެ އެންމެ %10 ވެސް ބޭނުންނުކުރެވި އޮތުމަކީ ހަމަ އެންމެ ގާބުރިއެއް ވެސް ނުބޭއްވުން ފަދަ ކަމެއް ނޫންތޯ އެވެ؟

ކޮންމެއަކަސް އަހަރު ނިމެން މި އޮތީ 23 ވަރަކަށް ދުވަހެވެ. އެކަމަކު ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ ހަގީގީ ފެށުން އަދި ނުފެނެ އެވެ. ޒަމާނުގެ ފެށުން ނިމޭއިރު އެ ޒަމާން ހޯދަން މަސައްކަތް ވެސް ކުރެވިފައި މި އޮތީ އެންމެ %10 އެވެ.

ސަރުކާރުން ކޫސަނި ކަންކަން ނުކޮށް، ބޭކާރު ރެކޯޑު ހަދަން ނޫޅެ، ރައްޔިތުންނަށް ހިދުމަތް ކުރުމާއި ފައިދާހުރި ކަންކަން ކޮށްދިނުމުގައި ރެކޯޑު ހަދާ ނަމަ، މީހުން ހާދަ އުފާވާނެ އެވެ.

ކޮމެންޓް (4)

ސުހާނާ

14 ޑިސެމްބަރު 2025
ނޫސްވެރިންގެ ތެރެއިން ގިނަ މީހުންނަކީ ގައުމުގައި ފިތުނަ އުފައްދާށާއި ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފުރަތު އުފައްދަން މަސައްކަތްކުރާ ބަޔެއް. އެހެންވީމާ، ނޫސްވެރިންނާ އެއްގޮތަކަށްވެސް ރައީސްވެސް މިނިސްޓަރުންވެސް ބައްދަލު ކުރައްވާނެ ކަމެއް ނެތް. ސަރުކާރުން ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ޓީވީއެމް މެދުވެރިކުރައްވައިގެން ދެއްވީމާ ރަނގަޅުވާނެ.
0 0

މިހާރު

8 ޑިސެމްބަރު 2025
ސަރުކާރު އެކަނި ގޯސްނުކުރޭ. ސިވިލް ސަރވިސްވެސް ނާގާބިލުކަމުން މިހެންވަނީ. އެއްވެސް ކަމެއް ނުކޮށް އަންބޮނޑި ބޮޑުކުރުން ސަރުކާރުގެ ހުރިހާ ފަންތިއެއްގަވެސް. ޥެރިން މަސައްކަތެއް ހަވާލެއް ނުކުރޭ، މުވައްޒަފުން ކަންނެތްކަންމަތީ އެއްކަމެއްގަ ހޭކިހޭކި، ދެން ކޮން ތަރައްޤީއެއް ގެނެވެނީ؟
4 8

ނާސިހު

9 ޑިސެމްބަރު 2025
@މިހާރު ކުރީގައި އެ ސިވިލް ސަރވަންޓުން ރަނގަޅީބާ މާ ބާރަށް ކަންކަން ކުރިއަށް ދިޔައީ. މިހާރު ވެރިމީހާ ބަދަލުވީމާ އެމީހުން ގޯސްވެސް ވީ....
0 0

ތެފައާސާ.

8 ޑިސެމްބަރު 2025
ހަގީގީ މާނައިގައި ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރަން އުޅުމަށްވުރެ ބޮޑަށް، ސަރުކާރުގެ ފޯކަސް މި ހުންނަނީ މުޅިންވެސް މޮޅު ސުރުޚީއެއް ހެދޭތޯ؟ ވާރެތެރޭގައި ކުޑަ އަޅައިގެން ގަހަށް ފެންދޭ އުސޫލު. ރިކޯޑު ހަދަން ހަވާ އެރުވުން، ރިކޯޑު ހަދަން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުން، ރިކޯޑު ހަދަން ޕްރޮޖެކްޓް ބަހާލުން، ރިކޯޑު ހަދަން ހުރިހާ ރަށަކަށް ދަތުރުއެޅުން، ރިކޯޑު ހަދަން އޭޓީއެމް ބެހެއްޓުން، ރިކޯޑު ހަދަން ކަނޑު އަޑީގެ ބިއްލޫރި ޓަނަލް ވައުދުވުން، ރިކޯޑު ހަދަން ޔޫރަޕް ބޭސް... ދެން މިހެންގޮސް މި ލިސްޓު ކޮޅުން ނުލާހާ ދިގު. މި ހުރިހާ ރިކޯޑަކުން ރައްޔިތަކަށް ވީ ފައިދާއެއް، ވީ ފަސޭހައެއް، ދިރިއުޅުމަށް ލިބުނު ލުޔެއް، ޚަރަދަށް ވީ ކުޑައެއް ހަމަ ހަރާން.
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް