ރައީސް މުއިއްޒު ހއ. ވަށަފަރަށް ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ކިޔަން ނިކުމެ (ފޮޓޯ/ރައީސް އޮފީސް)
މަޝްރޫއުތައް ނިންމަން ބަޖެޓްގައި ފައިސާ ހިމަނާފައެއް ނެތް: ރައީސް
ރަށްރަށުގެ މަޝްރޫއުތައް ނުހިނގައިގެން އުޅެނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރިއިރު މަޝްރޫއުތައް ހިންގަން ބަޖެޓުގައި އެކަށީގެންވާ ފައިސާ ނެތުމުން ކަމަށް ވިދާޅުވެ މަޖިލީހުގައި މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީ ރައީސް މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. ވަށަފަރަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ބަޖެޓު އެކުލަވާލާއިރު ފަށާފައި ހުންނަ މަޝްރޫއުތައް ނިންމަން އެކަށީގެންވާ އަދަދެއްގެ ފައިސާ ހިމަނާފައި ހުންނަ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުން ހުށަހަޅައި އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް މި ސަރުކާރާ ހަވާލުކުރި ބަޖެޓް އޮތީ އެހެން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "މިއަހަރު ބަޖެޓު ފާސްކޮށްދިން އިރު އަޅުގަނޑުމެންނެއް ނޫން ބަޖެޓު ހެދީކީ ވެސް ފާސްކުރީ ވެސް. [ބަޖެޓު] ފާސްކޮށްދިން އިރު މަޝްރޫއު ނިންމުމަށް އެއްވެސް ވަރަކަށް، އެކަށީގެންވާ ވަރާ ވެސް ގާތަށް ވެސް ބަޖެޓުގައި ފައިސާގެ އަދަދު ހިމަނާފައި ނެތީ. އެހެންވީމާ ހިނގަ ހިނގާ ހުރި ގިނަ މަޝްރޫއުތައް ނުނިންމިގެން މިއުޅެނީ،" ރައީސް ވިދާޅުވި އެވެ.
ބަޖެޓުގެ ތާށީކަން ހުރި ނަމަވެސް މަސައްކަތްތައް ނިންމަން މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް ހިދުމަތް ކުރެއްވުން ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސަތުގައިވާގޮތަށް އެއްވެސް ރަށެއް ތަފާތުނުކޮށް، އެއީ އާބާދީގެ ގޮތުން ކިތަންމެ ކުޑަ އަދި ބޮޑުރަށެއް ކަމުގައި ވިޔަސް. ޖާގައިގެ ގޮތުން ކިތަންމެ ތާށި އަދި ކިތަންމެ ތަނަވަސް ރަށެއް ކަމުގައި ވިޔަސް. އެއްވެސް ތަފާތެއް ނުކޮށް ހިދުމަތް ކުރުމުގެ ސިޔާސަތުގެ ދަށުން [މަސައްކަތްތައް] ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ވިދާޅުވީ މަޝްރޫއުތައް ފެށުމާ ނުފެށުން ބިނާވަނީ އާމްދަނީ ލިބޭ މިންވަރަކަށް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެެ އަޅުގަނޑުމެންގެ އިގްތިސާދު، އަޅުގަނޑުމެންނާ ހަވާލުވި އިރު އޮތް ހާލަތު. އެހެންވީމާ އިގްތިސާދު މެނޭޖު ކުރަމުން ހަރަދުތައް ދެކޮޅު ޖައްސަމުން އާމްދަނީ އިތުރުކޮށް ހަރަދު މަދުކޮށް މި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ބަޖެޓުގައި ފައިސާ ހިމަނާފައިނުވާތީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔުން ދަތިވާކަމަށް ރައީސް ވިދާޅުވި އިރު މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާގެ ބަޖެޓު އެކުލަވާލީ ކުރީ ސަރުކާރުންނެވެ. ނަމަވެސް އާ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިމަނަން ބަޖެޓުން ޖާގަ ދިން ކަމަށް އޭރު ބުނެފައިވެ އެވެ.
ނަމަވެސް މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު މަޝްރޫއު ވަނީ ބަޖެޓުން އުނިކޮށްފަ އެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވާ ފައިސާ ވަނީ މާލެ ސަރަހައްދުގައިި ބޯހިޔާވަހިކަން ދޭން ކުރީ ސަރުކާރުން ފެށި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.
ކޮމެންޓް (3)
ތެފައާސާ.
ފެހިފެހި
ސިކުނޑި