މިދިޔަ އަހަރުގެ ބަޖެޓު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ބަޖެޓް 2024

އާ ސަރުކާރަށް ހިޔާލު ހުށަހެޅުމުގެ ޖާގަ ލިބޭ ގޮތަށް ބަޖެޓު ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަނީ

ސަޕްލިމެންޓްރީ ބަޖެޓަށް ވެސް އާ ސަރުކާރުގެ ބަސް ހޯދާނެ
14 ނޮވެމްބަރު 2023

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނީ، އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވާ އާ ސަރުކާރަަށް ހިޔާލު ހުށަހެޅުމުގެ ޖާގަ ލިބޭ ގޮތަށް ކަމަށް އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަަރު މުހައްމަދު ނާޝިޒް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބަޖެޓަަށް އިތުރު ކުރާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައި މެމްބަރުން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ މެދު މަޝްވަރާކޮށްފަ އެވެ.

ތަފްސީލް - އެގޮތުން އެ ކޮމިޓީގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ މި މަހުގެ ނިޔަލަަށް ބަޖެޓުގެ މަސައްކަތް ނިންމަން ޖެހޭކަން ފާހަގަކުރައްވައި އެހެން އަހަރުތަކާ އެއްގޮތަށް މިފަހަރު ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތައް ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށްގެން ހިޔާލު ނުހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަން ފާހަގަކުރައްވަމުން އޭނާ ހުށަހެޅުއްވީ މުއައްސަސާތަކުން ލިޔެކިޔުމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. 

އޭގެ އިތުރުން، ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ އާ ސަރުކާރު ހަވާލުވާން ކުޑަތަންވެފައިވަނިކޮށް، އެ ބޭފުޅުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ނުލިބުމެވެ. އެގޮތުން، މި ބަޖެޓު ތަންފީޒުކުރާނީ އާ ސަރުކާރުންކަން ފާހަގަކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވީ، ވެރިކަން ބަދަލުވުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.

އެއާ އެކު، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ސަޕްލިމެންޓްރީ ބަޖެޓަށް ވެސް އާ ސަރުކާރުގެ ބަހެއް ހޯދުމަށް ހިޔާލު ހުށަހެޅުއްވި އެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ނާޝިޒް ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނީ އާ ސަރުކާރަށް ހިޔާލު ހުށަހެޅުމުގެ ޖާގަ ލިބޭ ގޮތަށް ކަމަށެވެ.

"ހުރިހާ އިއްޒަތްތެރި މެމްބަރުންގެ އެންމެ ކަންބޮޑުވުމަކަށް އަލަށް ސަރުކާރާ ހަވާލުވާން އަންނަ ސަރުކާރު ނުވަތަ ރައިސުލްޖުމްހޫރިއްޔާގެ ހުރި ކޮންސާންސްތަކާއި ނުވަތަ އެޑްރެސްކުރަން ހުރި ކަންކަމަށް އެ ޖާގަ އޮންނާނެ،" ބައްދަލުވުން ނިންމަވާލައްވަމުން ނާޝިޒް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް