ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/މަޖިލިސް)
ގެދޮރާއި ބިންވެރިކަމުގެ ރަން ޒަމާނެއް ދިވެހިންނަށް ގެނެސްދޭނަން: ރައީސް މުއިއްޒު
އަލަށް ފެށި ވެރިކަމުގެ މި ދައުރުގައި ދިވެހިންނަށް ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ މިއަދު ރައީސްކަމުގެ ހުވާ ކުރައްވައި ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމާ ހަވާލުވެވަޑައިގެންފަ އެވެ.
ތަފްސީލު - ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމަކީ ރާއްޖޭގައި ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.
"އެކަމުގެ ސަބަބުން އާއިލީ، އިޖުތިމާއީ މައްސަލަތައް ނުކުމޭ. ދީނީ، އަހުލާގީ މައްސަލަތައް ވެސް އުފަންވޭ. ހަމައެހެންމެ ސިއްހީ އެތައް ގެއްލުންތަކަކާ ވެސް ކުރިމަތިލާންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހިންނަށް ގެނެސްދޭނީ މި ފެށި ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަމުނާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން."
ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ގިނަ ޕްލޭންތަކާއި މަސައްކަތްތައް މިހާރު ވެސް ހުރީ ލިޔުންތަކުގެ ސިފައިގައި ކުރެވިފަ އެވެ.
"ވަރަށް އަވަހަށް ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް ދިވެހި ފަޅުފަޅުން އުފުލިދާނެ،" ރައީސް ވިދާޅުވި އެވެ.
އަލަށް ފެށި ވެރިކަމުގެ މި ދައުރުގައި ދިވެހިންނަށް ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
— Dhauru (@Dhaurunews) November 17, 2023
އިތުރަށް ކިޔާލަން: https://t.co/YvShMd7YjO pic.twitter.com/PpbxiL3EJg
އެނގުން މުހިންމު - ޖުމްލަ 65،000 ގެދޮރާ އެކު މާލެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭ ގޮތަށް ހަތް ސަރަހައްދީ އާބަން ސެންޓަރު ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.