މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ހަފްލާގައި މުއިއްޒު މެނިފެސްޓޯ ފޮތެއް ދައްކާލައްވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މުއިއްޒުގެ މެނިފެސްޓޯ: 65،000 ގެދޮރާ އެކު މާލެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، 7 ސަރަހައްދީ މަރުކަޒު ހެދުން

މާލެ، ހުޅުމާލެ އަދި ވިލިމާލެއާ އެއްގަމުން ގުޅިގެންދާ ގޮތަށް ގުޅީފަޅާއި ގިރާވަރު ފަޅު ތަރައްގީކުރުމުގެ އިތުރުން، ފުށިދިއްގަރު ފަޅު ވެސް ހިއްކައި އެ ތަން ތަރައްގީކުރުން ވެސް ހިމެނޭ

ޖުމްލަ 65،000 ގެދޮރާ އެކު މާލެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭ ގޮތަށް ހަތް ސަރަހައްދީ އާބަން ސެންޓަރު ގާއިމްކުރަން ހިމަނައި އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ ބައި މިރޭ އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް 'ދިވެހީންގެ ރާއްޖެ' ޝިއާރުގެ ދަށުން ކެމްޕެއިން ކުރައްވަމުން ގެންދަވާ މުއިއްޒުގެ މެނިފެސްޓޯގައި 19 ބާބު ހިމެނޭއިރު،  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ބޭއްވި ޖަލްސާއެއްގައި އިފްތިތާހު ކުރީ 'ގެދޮރުވެރިކަމާއި އާބަނައިޒޭޝަން' ބާބެވެ.

ތަފްސީލު - މި ބާބުގައި ޖުމްލަ 39 ވައުދު ހިމަނާފައިވެ އެވެ. މީގެ ކުރިން ވެސް މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތަށް، މި ބާބުގެ ފުރަތަމަ ކަމަކަށް އޮތީ، 'ގޯތި ނުވަތަ އެޕާޓްމަންޓަކަށް އެދޭ ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދިނުން' އެވެ.

އެކަން ކުރުމުގައި، މާލެ ސަރަހައްދުގައި 65،000 ގެދޮރު ތަރައްގީކުރުމަށް ހިމަނާފައިވެ އެވެ. އަދި ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި މާލެ ސަރަހައްދު ތައްގީކުރަން ހިމަނާފައިވެ އެވެ.

އެ ވައުދުގެ ތަފްސީލު ދެއްވަމުން މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި:

  • އެ އަދަދަށް ގެދޮރު ދެނީ، މާލެ ސަރަހައްދުގެ ގޮތުގައި ބަލާ މާލެ، ހުޅުމާލެ އަދި ވިލިމާލެއާ އެއްގަމުން ގުޅިގެންދާ ގޮތަށް، މި ސަރުކާރުން މިހާރު ހިއްކަމުން އަންނަ ގުޅިފަޅާއި ގިރާވަރު ފަޅު ވެސް ތަރައްގީކޮށްގެން

  • އޭގެ އިތުރުން، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ގޯތި ދޭން ތަރައްގީކުރަން އިއުލާނުކުރި ކ. ފުށިދިއްގަރު ފަޅު ވެސް ހިއްކައި އެ ތަން ތަރައްގީކޮށް، ހައި ސްޕީޑް ފެރީގެ ނިޒާމަކުން އެ ތަން މާލެ ސަރަހައްދާ ގުޅުވާލަން މެނިފެސްޓޯގައި ހިމަނާފައިވޭ

މުއިިއްޒުގެ 65،000 ގެދޮރު ޕްލޭނަކީ:

  • ފުށުދިއްގަރު ފަޅުން 1،280 ހެކްޓަރުގެ ބިން ހިއްކާނެ؛ އެއީ، ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލީމަ އޭގެ ތިން ގުނަ؛ އެ ތަނުން 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓް ދޭނެ

  • ގިރާވަރު ފަޅު ހިއްކައިގެން 1،050 ގޯތި އަދި 2،800 ހައުސިން ޔުނިޓް ދޭނެ

  • ގުޅިފަޅުން ހިއްކާނީ 304 ހެކްޓަރުގެ ބިން؛ އެއީ ހުޅުމާލޭގެ ދެވަނަ ފޭސްއަށް ވުރެ ބޮޑު ތަނެއް؛ އެ ތަނުން 3،500 ގޯތި އަދި 8،700 ހައުސިން ޔުނިޓް ދޭނެ

  • ދޭނީ 1،400 އަކަފޫޓާއި 1،650 އަކަފޫޓާ ދެމެދުގެ ގޯތި

"އޭރަށް ކިހިނެއްތޯ ވަނީ؟ މާލޭގެ ރައްޔިތުންނަށް ގެދޮރު ޔަގީން ވަނީ. މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީން ވަނީ އަދި މި ސަރަހައްދަށް އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ގެދޮރު ޔަގީން ވަނީ،" ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކައި ތަރައްގީކޮށް، ގިނަ ބަޔަކަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް އެޅި ހިޔާ ޓަވަރުތައް ކައިރީ ބޭއްވި އެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

މެނިފެސްޓޯ ލޯންޗުކުރުމަށް ފަހު މުއިއްޒު ޖަލްސާގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމާއި ހިޔާ ފަދަ މަޝްރޫއުތައް  ހިންގި އިރު، އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މުއިއްޒު ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުން، އެއާ ގުޅިފައި ހުރި އެހެން ގިނަ މައްސަލަތައް ވެސް ހައްލުވާނެ އެވެ. އޭނާގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމަށް ހާއްސަ ކުރި މި ބާބުން އެ ކަމަށް ތަސައްލީއެއް ލިބިގެންދާނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

"މި މެނިފެސްޓޯ އަކީ ވަރަށް ވެސް އެމްބިޝަސް [އުންމީދީ] މެނިފެސްޓޯއެއް. އެހެން ނަމަވެސް، މީގައި ހުރި ކަންކަމަކީ، އިރާދަކުރެއްވިއްޔާ ހާސިލު ކުރެވޭނެ ކަންކަން. އަޅުގަނޑުމެން ވައުދެއް ނުވާނަން އެ ވައުދެއް ފުއްދޭނެ ގޮތް އަޅުގަނޑުމެންނަށް ނޭނގި،" މުއިއްޒު ވިދާޅުވި އެވެ.

މި ބާބުގައި ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އޮތީ، ރާއްޖޭގެ އުތުރުގައި ތިނެއް އަދި ދެކުނުގައި ހަތަރު އާބަން ސެންޓަރު ހިމެނޭ ގޮތަށް ޖުމްލަ ހަތް ސަރަހައްދަކަށް ބަހާލައިގެން ރާއްޖެ ތަރައްގީ ކުރުމެވެ.

އެ ހަތް ސަރަހައްދުތަކުގެ ގޮތުގައި ހިމެނެނީ، މުއިއްޒު ޖަލްސާގައި ވިދާޅުވި ގޮތުގައި:

  • އުތުރުން - ހއ.، ހދ. އަދި ށ. އަތޮޅު؛ މި ސެންޓަރުގެ މައި ހަބަކަށް ވާނީ ހދ. ކުޅުދުއްފުށި

  • ދެކުނުން - ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫ؛ މި ސަރަހައްދުގެ މައި ހަބަކަށް ވަނީ އައްޑޫ 

މުއިއްޒުގެ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާހު ކުރުމަށް މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)
މުއިއްޒުގެ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާހު ކުރުމަށް މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާ (ފޮޓޯ/ ޕީޕީއެމް)

މި ބާބުގައި ދެން ހިމެނޭ ބައެއް މުހިންމު ކަންކަމަކީ:

  • އަލަށް ގެދޮރު އިމާރާތްކުރާ ފަރާތްތަކަށާއި ހުއްޓިފައިވާ ގެތައް ނިންމުމަށް ލުއި ލޯނު ދޫކުރުމުން؛ އޭގެ ތެރޭގައި، އަލަށް ގެދޮރު އިމާރާތްކުރަން %5 އިންޓްރެސްޓް ރޭޓުގައި ލޯނު ދިނުން ހިމެނޭ

  • މި ސަރުކާރުން ދިން ގޯތިތަކުގައި ގެދޮރު އެޅުމަށް، ހާއްސަ ސްކީމެއްގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް އެހީވުން

  • މާލޭގެ ރައްޔިތުންނަށް މާލެއިން 2،000 ހައުސިން ޔުނިޓް އަދި ވިލިމާލޭން 500 ހައުސިން ޔުނިޓު ދިނުން

  • އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުން ހާއްސަ ކުރާ ބައެއް ކެޓަގަރީތައް: ޒުވާނުންނަށް 3،000 ފްލެޓުގެ އިތުރުން، ހިޔާ މަޝްރޫއުން ލިޔުން ލިބި، ފްލެޓް ނުލިބޭ މީހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް