ރައީސް މުހައްމަދު މުއިއްޒު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ބޯހިޔާވަހިކަން

އަންނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް: ރައީސް

ސަރުކާރުން އިސްކަންދޭ ކަންތަކުގެ ކުރީގައި އަބަދު ވެސް އޮންނާނީ ބޯހިޔާވަހިކަން ކަމަށާއި އެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުންނަށް އެންމެ މުހިއްމު ކަންތައްތަކަށް އިސްކަން ދީގެން ކުރުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސްގެ ވައުދާ އެއްގޮތަށް %5 އިންޓްރެސްޓުގައި ބޯހިޔާވަހިކަމުގެ ލޯނު ދޫކުރުން އިފްތިތާހު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް އެންމެ މުހިއްމީ ބޯހިޔާވަހިކަން ކަމަށާއި ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެސް ވައުދުވެވަޑައިގަތީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް އިސްކަން ދެއްވުމަށް ކަމަށެވެ.

ތަފްސީލް - އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް %5 އިންޓްރެސްޓުގައި ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާސަތަކީ ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެ މީހެއްގެ އަމިއްލަ ގޯތި ނޫނީ ބިން ނޫނީ އިމާރާތް ދިރިއުޅެވޭ ވަރުގެ ބޯހިޔާވައްސަކަށް ހެދުމަށް އެހީތެރިކަން ދިނުން ކަމަށެވެ.

މިއީ ދާއިމަށް ކުރިއަށް ގެންދާނެ މަޝްރޫއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ:

  • އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި ސްކީމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ

  • އެޗްޑީއެފްސީ، ބީއެމްއެލް ނުވަތަ އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރާނެ

  • ސަރުކާރުގެ ބަޖެޓުން ކަނޑައަޅާ 1 ބިލިއަން ރުފިޔާއާ އެކު، 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސްކީމުގެ ދަށުން ކޮންމެ އަހަރަކު ދޫކުރާނެ

  • މި ދައުރުގެ ތެރޭ ކޮންމެ އަހަރަކު ވެސް ބަޖެޓުގައި 1 ބިލިއަން ރުފިޔާ މިކަމަށް ކަނޑައަޅާނެ

"[މި ލޯނުގެ] ސަބަބުން އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ފަރާތްތަކަށް އެ މީހާގެ ގޯތި އޮވެ، ގެ އެޅޭނެ ގޮތް ނެތް މީހުންނަށް ގެ އަޅާ ނިންމޭނެ ފުރުސަތު ލިބިގެން އެބަދޭ. އަދި ގެ އަޅަން ފަށާފައި ކޮންމެވެސް ސަބަބަކާ ހުރެ ނުނިންމި ހުރި މީހާއަށް އެ ގެ ނިންމާލުމުގެ ފުރުސަތު އެބަ ލިބޭ. އަދި ގެ ބަހާފައި އޮތުމުގެ ސަބަބުން އެކުގައި ބެހެނިވެރިންނާ އެކު އެއްކޮށްލައިގެން ގެ އެޅުމަށްޓަކާ، މާލޭގައި ނަމަ 6-10 މިލިއަން އާ ދެމެދުގެ އަދަދެއް ބެހެނިވެރިން އެކުވެގެން ލިބި، ގެ އެއްކޮށް ނިންމާލުމުގެ ފުރުސަތު އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.

ލުއި އިންޓްރެސްޓުގައި ދޫކުރާ މި ލޯނުގެ ދަށުން:

  • ގިނަ ދުވަސްވެފައި ނަމަވެސް މަރާމާތު ކުރަން ހުރި ގޭގެ ނިންމާލުމަށް ވެސް މި ލޯނުގެ ބޭނުން ހިފޭނެ

  • ލޯނުގެ ގޮތުގައި ނަގާ އަދަދު 1 މިލިއަނަށް ވުރެ ދަށް ނަމަ އިކުއިޓީ ވެސް ބަހައްޓަން ނުޖެހޭ

  • މާދަމާ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެ

  • ލޯނަށް އެދި ހުށަހެޅޭނެ މީހުންގެ ޝަރުތުތަކާއެކު އުސޫލު ގެޒެޓު ކުރާނެ

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، އަމާޒަކީ ބޯހިޔާވަހިކަން ނެތި އެއްވެސް ދިވެއްސަކު ނުބެހެއްޓުން ކަމަށެވެ.

މާލޭގައި ގެދޮރު ހުރި ގިނަ މީހުންގެ ގެ ނުހެދި ހުރީ ލޯނުގެ އިންޓްރެސްޓު ބޮޑުކަމުން ކަމަށް ބައްދަލުވާ ގިނަ ރައްޔިތުން ބުނާ ކަމަށާއި މި ސްކީމާ އެކު އެކަމަށް ދާއިމީ ހައްލު ލިބޭނެ ކަމަށެވެ.

ކޮންސްޓްރަކްޝަން ރޭޓުތައް ބަލާއިރު ލޯނުގެ އަދަދުތައް ކަނޑައަޅާފައި ހުރީ ރަށްރަށުގައި އަދި މާލޭގައި ވެސް ގެ އެޅޭނެ އަދަދަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ހުރިހާ ރައްޔިތުން މީގެ ފުރިހަމަ ބޭނުން ހިއްޕެވުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގެދޮރުވެރިކަން ހައްލު ކުރުމަށް އެކި ރަށްރަށުގައި ވެސް ގިނަ މަޝްރޫއުތައް އަންނަ އަހަރު ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަން ދީފައިވާނީ، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ %50 ކަނޑައަޅާފައިވާނީ ގެދޮރުގެ ވައުދު ފުއްދުމަށް،" ރައީސް ވިދާޅުވި އެވެ.

"މިއީ ގެދޮރުވެރިކަމުގެ، ބޯހިޔާވަހިކަމުގެ ބަޖެޓެއް. އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ޕްރަޔޮރިޓީތައް މި ތަރުތީބުން ޕްރަޔޮރިޓައިޒް ކުރަން. ގެދޮރުވެރިކަން އެންމެ މަތީގައި، ދެގޮތެއް ނުވެ، ސުވާލެއް ނެތް ސިޔާސަތެއް އެއީ."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް