ހުޅުމާލެ ފޭސް ދޭއްގައިވާ ހިޔާ ފްލެޓްތައް. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި
ކުރިއަށް އޮތް އަހަރަށް ލަފަކުރާ ދައުލަތުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައި އެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
ތަފްސީލް - މިއަދު ހުށަހެޅި ބަޖެޓުގައި ގެދޮރުވެރިކަމަށް ހާއްސަކޮށްފައިވަނީ:
-
1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ސަރުކާރުން ސީދާ ގޮތެއްގައި ހިންގާނެ؛ އެ މަޝްރޫއުތައް ރާއްޖޭގެ އެކި ރަށްތަކަށް ބެހިގެންދާ ގޮތަށް
-
ސަރުކާރުގެ ސިޔާސަތުގެ ތެރެއިން %5ގައި 2-4 ބިލިއަނާ ދެމެދުގެ ލޯނު ފަހިކޮށްދޭ ގޮތަށް
ފާހަގަކޮށްލެވޭ - އަންނަ އަހަރުގެ ބަޖެޓުން ބޮޑު ބައެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަ ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ މެއި މަހު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. ވައުދުތަކުގެ ތެރޭގައި ވެސް، އޭނާ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ފައިދާވާ ކަންތައްތަކާއި ވަކިވަކި ރަށްރަށަށް ފައިދާވާ ކަންކަން ހިމެނޭ ކަމަށެވެ.
"އޭގެ ތެރޭގައި ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދެވީ ނެޝަނަލް ސެކިއުރިޓީއާ ގުޅުން ހުރި ކަންތައްތައް ފިޔަވައި ދެން އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ ކަމަކީ ހައުސިންއޭ. އެެހެންވީމާ އަންނަ އަހަރުގެ ބަޖެޓު ވަރަށް ބޮޑަށް ފޯކަސް ކުރެވިގެންދާނީ ހައުސިން މަޝްރޫއުތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ތަފާތު ގޮތްތަކަށް، ބަޖެޓުން ފައިނޭންސްކުރާ މަޝްރޫއުތައް ހުންނާނެ. ޑޯނާ ފަންޑަޑް މަޝްރޫއުތައް ހުންނާނެ އަދި ބޭރުގެ އެކިއެކި ތަންތަނުން ލޯނުގެ އެހީގައި ހިންގާ މަޝްރޫއުތައް ހުންނާނެ. ހުރިހާ ގޮތަކަށް ބަލާއިރު ވެސް ވަރަށް ބޮޑު ބައެއް ކަނޑައެޅިގެންދާނީ ހައުސިން މަޝްރޫއުތަކަށް."
ކޮމެންޓް