ފުށިދިއްގަރު ފަޅު ހިއްކައިގެން މަޝްރޫއު ހިންގަން ރާވާފައިވާ ގޮތުގެ ކުރެހުމެއް
ފުށިދިއްގަރު ހިއްކަން ހިމެނި ފައިސާ އުނިކޮށް ކަނޑު ހޯދަން 10 މިލިއަން ކަނޑައަޅައިފި
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކޮށް ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް ސަރުކާރުން ބުނާ ބައި އަނބުރާ ހޯދުމަށް ކުރާ މަސައްކަތަށް 10 މިލިއަން ރުފިޔާ ބަޖެޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިރޭ ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ތަފްސީލް - ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގައި ހިމެނޭ އެންމެ މުހިންމު އަދި މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް އޮތް ތިން އަހަރަށް 1.4 ބިލިއަން ރުފިޔާ ސީދާ ބަޖެޓުން ހަރަދު ކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ.
އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިންގުމަށް ރާވާފައިވާ އެ މަޝްރޫއުގެ ދަށުން ފައިސާ ހަރަދުކުރަން ބަޖެޓްކޮށްފައިވާ ގޮތަކީ:
-
އަންނަ 2024 އަށް 400 މިލިއަން ރުފިޔާ
-
2025 އަށް 600 މިލިއަން ރުފިޔާ
-
2026 އަށް 350 މިލިއަން ރުފިޔާ
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ފެށުމަށް ނިންމާ ޕްލޭނުގައި ވެސް ވަނީ ހިމަނައިފަ އެވެ.
އެ މަޝްރޫއަށް ހިމެނި ފައިސާ، ބަޖެޓުގެ އެކި ކަންކަމަށް ބަހާލާފައިވާއިރު 10 މިލިއަން ކަނޑައަޅާފައިވަނީ ރާއްޖޭގެ ދެކުނުން ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް ކުރާ މަސައްކަތަށެވެ. އެ މަސައްކަތަކީ ވެސް 100 ދުވަސް ތެރޭ ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ކަނޑުގެ މައްސަލަތަކާ ގުޅޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮއސްއިން ނިންމި ގޮތުން އައްޑުއާވީ ދިމާލުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް މި ސަރުކާރުން ބުނެ އެވެ. އިޓްލޮސްގެ ނިންމުން ރިވިއުކުރަން ހުށަހެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.