2024 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބަޖެޓް 2024

300 މިލިއަން އިތުރުކޮށް 49.8 ބިލިއަންގެ ބަޖެޓެއް ކޮމެޓީ އިން ފާސްކޮށްފި

ބަޖެޓަށް ބަދަލު ގެނެސްފައިވަނީ އާ ސަރުކާރުގެ އޮނިގަނޑަށް އައި ބަދަލާއެކު ސަރުކާރުން ބޭނުންވާ ކަންތައް ހިމަނައިގެން

އާ ސަރުކާރުން ބޭނުންވި ގޮތަށް ބަޖެޓަށް 300 މިލިއަން ރުފިޔާ އިތުރުކޮށް ގެނައި އިސްލާހުތަކާ އެކު އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިރޭ ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުުވުމުގައި ވަނީ، އާ ސަރުކާރާ އެކު ދައުލަތުގެ ހިންގުމަށާއި ސަރުކާރުގެ މިނިސްޓްރީތަކަށް އައިސްފައިވާ ބަދަލާއެކު ޑޮމެސްޓިކް ބަޖެޓް ބެހިފައިވާގޮތަށް ބަދަލު ގެނެސް ޕީއެސްއައިޕީ މަޝްރޫއުތަކަށް ވެސް އުނި އިތުރު ގެނެސްފަ އެވެ.

ތަފްސީލް - މި ބަދަލާއެކު މަޖިލީހަށް ހުށަހެޅި ބަޖެޓަށް 300 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ބަޖެޓަށް ކޮމެޓީ އިން ގެނައި މުހިންމު ބަދަލުތަކަކީ:

  • އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ހަރަދުގެ ގޮތުގައި 43 ބިލިއަން ރުފިޔާ ބަޖެޓުކުރަން ވަނީ ކޮމެޓީގެ އިއްތިފާގުން ފާސްކޮށްފައި

  • އަލަށް އުފައްދާފައިވާ މިނިސްޓްރީތަކަށާއިި މިނިވަން މުވައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓު ބެހިފައިވާ ގޮތަށް ވަނީ ބަދަލު ގެނެސްފައި

  • ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ވަނީ އުނިއިތުރު ގެނެސްފައި؛ މިއާއެކު ޕީއެސްއައިޕީ މަޝްރޫއުތަކަށް 248 މިލިއަން ރުފިޔާ އިތުރުވެފައިވޭ

  • މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ބަޖެޓުގައި ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކޮށްފައިވޭ

  • ރާއްޖޭގެ ދެކުނުން ކަނޑުން ގެއްލުނު ބައި ހޯދަން 10 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު މަޖިލީހުގެ ކޮމެޓީ އިން ފާސްކުރީ އެ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. 

ބަޖެޓް 2024 ކުރުކޮށް:

  • ޖުމްލަ ހަރަދު - 49.5 ބިލިއަން ރުފިޔާ 

  • ޖުމްލަ ހިލޭ އެހީ އާއި އާމްދަނީ - 33.5 ބިލިއަން ރުފިޔާ 

  • ބަޖެޓް ޑެފިސިޓް - 13.8 ބިލިއަން ރުފިޔާ 

  • ދަރަންޏަށް ނަގަން ޖެހޭ - 17.2 ބިލިއަން ރުފިޔާ

  • ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް - 6.9 ބިލިއަން ރުފިޔާ

  • ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން - 771 މިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް