އިންޑިއާގެ ޓޫރިސްޓުންނަށް ދ. އެއާޕޯޓުގައި މަރުހަބާ ކިޔަނީ: މިއީ މަންޓާއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެ އައި ފުރަތަމަ ގްރޫޕް
އިދިކޮޅުގައި ތިބޭއިރު ހައްދެއް ނެތް، ސަރުކާރުގައި ހިމޭން
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ގައްސާން އަދި އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރުގެ ވާހަކަތަކަށް ވިސްނާލާ އިރު އެއް ކަމެއް ޔަގީންވާނެ އެވެ: އިދިކޮޅުގައި ތިބޭ އިރު ދައްކާ ވާހަކަ ގިނަވެފައި، ސަރުކާރު ހިންގަން ތިބޭ އިރު ދެއްކޭނެ ވާހަކަ މަދުވާނެ ކަމެވެ. އަދި އިދިކޮޅުގައި ތިބެ ރައްޔިތުންނަށް ވިސްނައިދިން އެއްޗަކާއި ސަރުކާރުގައި ކުރާ ކަންކަން ވެސް އެހާމެ ތަފާތު ކަމެވެ.
ރައީސް މުހައްމަދު މުއިއްޒު އެތައް ވައުދެއްވެވަޑައިގަތެވެ. އޭގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމާއި ބޭރު ގައުމަކާ ދެމެދު ސަރުކާރުން ވާ އެއްބަސްވުންތައް ސިއްރުނުކުރާނެކަމުގެ ވައުދެވެ. އެއްބަސްވުންތައް ހާމަކުރުމެވެ.
އިންޑިއާ ސިފައިން ބާލައިފި އެވެ. އެތައް ބަޔަކު އެ ބުނަނީ 'ޝުކުރިއްޔާ އެވެ. މިއޮތީ ވަރުގަދަ ސަރުކާރެކެވެ.'
އެކަމަކު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ބައެއް މުހިންމު ސުވާލުތަކަށް ސަރުކާރުގެ ޖަވާބަކީ ދޭދޭ ގައުމުތަކުގެ މެދުގައި ހިންގާ މަޝްވަރާތަކުގެ ހުރިހާ ވާހަކައެއް ހާމަނުކުރާނެ ކަމެވެ. ނޫސްވެރިން ކުރި އެއް ސުވާލަކީ އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެއަށް ފޮނުވަން ފުރަތަމަ ހުށައެޅީ ކޮން ބައެއްތޯ އެވެ.
އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ އަލީ ނަސީރެވެ. އާނާގެ ޖަވާބަކީ މި އެވެ:
"ތި ސުވާލުގައި ބޭނުންފުޅުވެގެން ތި އުޅުއްވަނީ، ނޭގޯސިއޭޝަން [މަޝްވަރާގެ] ތެރޭގައި ހިނގި ތަފްސީލުތަކުގެ ވާހަކަ. ދެން އަޅުގަނޑަކަށް ހިއެއްނުވޭ، ނެގޯސިއޭޝަންތައް ކުރިއަށް ގެންދިޔަ އެއްވެސް ބަޔަކު، އެއް ފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތަފްސީލު އެހާ ބޮޑަށް ހާމަކުރާނެހެން."
ޕޮއިންޓަކީ އެ އެވެ. ޕޮއިންޓަކީ، 'ދައުރު'އާ ވާހަކަ ދެއްކެވި ބޭރުގެ ގުޅުންތަކާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، އިދިކޮޅުގައި ތިބޭ އިރު ޑިޕްލޮމަސީއަކީ ކޮބައިކަން ހަނދާން ނައްތާލުމެވެ. ސަރުކާރެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވެސް ހުންނަކަން ރައްޔިތުންނަށް އޮޅުވާލުމެވެ.
މަޝްވަރާކުރީ އިންޑިއާ ސިފައިން ބޭލުމާ މެދުގަ އެވެ. އެކަމަކު އިންޑިއާ ސިފައިން ބާލަން އިންޑިއާއިން އެއްބަސްވީ ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓްކުރަން އިންޑިއާ މީހުން ނުތިބޭ ގޮތަކަށް ނޫނެވެ. ސަރުކާރަށް ހާމަކުރެވެން ނެތީ އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީން ތިބެން ފުރަތަމަ ހުށައެޅީ އިންޑިއާކަން ނުވަތަ ރާއްޖެކަމެވެ.
އިންޑިއާ-ރާއްޖޭގެ ގުޅުމާ ބެހޭ އިތުރު ކަވަރޭޖް
އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވިޔަސް އަލީ ނަސީރު ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި އޮތީ އެ އުޅަނދުތައް ދުއްވަން މަދަނީން ބޭނުންކުރުން ކަމަށެވެ. އެހެންވެ ދެ ސަރުކާރުން އެއްބަސްވީ ކޮންމެ ސިފައިންގެ މީހަކަށް މަދަނީ މީހެއް ފޮނުވާ ގޮތަށެވެ.
މި ސަރުކާރުގެ ކަންކަމާ ފާރަލާ މީހުން ވެސް އުޅެ އެވެ. އެެމީހުން ދެކޭ ގޮތުގައި 'އާންމު ހެދުން އަޅައިގެން' އައީ ވެސް އިންޑިއާ ސިފައިންކަމެވެ. ނަމަވެސް ޒަމީރު ވިދާޅުވީ އެއީ ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން ކަމަށެވެ.
ޒަމީރު ދެން ވިދާޅުވި ވާހަކަ އަދި މާ ތަފާތެވެ. އެއީ މަދަނީން ކަމަށް ބުނެ އިންޑިއާއިން ފޮނުވާ މީހުންނާ މެދު ސުވާލު އުފައްދަން ނުޖެހޭ ކަމުގެ ވިސްނުމެވެ.
"އިންޑިއާ ސިފައިން ވެސް އައިސް ތިބީ އޮޅުވާލައިގެނެއް ނޫން ދެއްތޯ؟ އެހެންވީމާ، އިންޑިއާގެ މަދަނީ މީހުންނޭ އިންޑިއާ ސަރުކާރުން ބުނީމާ އަޅުގަނޑުމެން ގަބޫލުކުރަން ނުޖެހޭ ސަބަބެއް ނެތް ދެއްތޯ؟" ދެ ސުވާލުން ޒަމީރު ފުއްދާލެއްވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ މަދަނީން ކަމަކަށް އެއްވެސް އިރަކު އިންޑިއާއިން ވެސް އަދި ދިވެހިން ވެސް ބުނެފައެއް ނުވެ އެވެ. އެކަމަކު މަދަނީންގެ ގޮތުގައި އިންޑިއާގެ ސިފައިން ފޮނުވުމުގެ ފުރުސަތު ނެތްތޯ އާންމު މީހެއް ކައިރީގައި ސުވާލުކޮށްލަމާ ހެއްޔެވެ؟ ބުނާނީ ފުރުސަތު އޮތް ކަމަށެވެ.
މައްސަލައަކަށް ވެގެން މި އުޅެނީ ދޭދޭ ސަރުކާރުތަކުގެ މެދުގައި ކުރާ އެއްބަސްވުންތަކާއި ދައްކާ ވާހަކަތަކުގައި އާންމުކޮށް ހާމަނުކުރެވޭނެ ކިތައްމެ މައުލޫމާތެއް ހުއްޓަސް، އިދިކޮޅުގައި ތިބޭއިރު އެ ނޫން ގޮތްގޮތަށް ރައްޔިތުންނަށް ވިސްނައިދީ، ބޮޑު ހައިޖާނުތައް އުފައްދާފައި ހުރުމުންނެވެ.
ޒަމީރު މި ފަހުން ވަނީ އިންޑިއާއަށް ރަސްމީ ދަތުރެއްކުރައްވައިފަ އެވެ. މި ސަރުކާރު ފެށުނު ދުވަސްކޮޅު ސަރުކާރުގެ ވެރިން ދެއްކެވި ވާހަކަތަކާއި އަމަލްތަކަށް ބަލާ ނަމަ މިއީ، ތަންކޮޅެއް އަވަހަށް އައި، ވަރަށް ބޮޑު ބަދަލެކެވެ. އެންމެ ކައިރި އަވަށްޓެރިޔާ ދުރުކޮށްލާފައި ރާއްޖެއަށް ކިހާ ދުވަހަކު އޮވެވިދާނެތޯ ސުވާލު އުފެއްދެވި ބައިނަލްއަގުވާމީ ގުޅުމާ ބެހޭ ދިވެހި ތަޖުރިބާކާރު ވިދާޅުވީ 'ހަ މަސް ދެއްތޯ' އެވެ.
"ކިހިނެއްތޯ އަޅުގަނޑުމެން އިންޑިއާ ދޫކޮށްލާނީ؟ އިންޑިއާ ސިފައިން ބާލަން އެއްވެސް ދިވެއްސަކު ދެކޮޅެއްނުވާނެ. އެކަމަކު އިންޑިއާއާ ޖެހިގަނެގެން އުޅޭނީ ކިހިނެއްތޯ؟" އޭނާ ވިދާޅުވި އެވެ.
އެހެންވީމާ މިހާރު މި އޮތީ އިންޑިއާ ސަރުކާރުން ދައްކާ ވާހަކަ ވެސް އަޑުއަހަން ޖެހޭ ހިސާބުގަ އެވެ. މިހާ ބޮޑު ބަދަލެއް އައީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ސަރުކާރަށް ކުރިމަތިވަމުންދާ މާލީ އުނދަގޫތަކަށް އެހީ ލިބެން އޮތް އެންމެ ބޮޑު ގައުމަކީ އިންޑިއާއަށް ވުމެވެ. އެކަން އިއްޔެ ޒަމީރު ދެއްކެވި އެއް ވާހަކައިން ކަށަވަރުވާނެ އެވެ.
އެމްޑީޕީގެ ނިމުނު ސަރުކާރުގައި 2019ގައި ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އިންޑިއާއިން ދިނެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮތީ ހިލޭ އެހީއަށް ބަދަލުކޮށްފަ އެވެ. އެއީ ކޮވިޑް-19ގެ އިގުތިސާދީ ވެއްޓުމުގައި އިންޑިއާއިން ވީ އެހީއެކެވެ.
ރައީސް މުއިއްޒު ސަރުކާރު އައިއިރު ބަކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އޮތީ ދައްކަން ޖެހިފަ އެވެ. އެއީ އެއްފަހަރާ ދައްކަން އުނދަގޫ މިންވަރެއް ނަމަވެސް ސަރުކާރުން ނިންމީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ބޭރު ފައިސާގެ އާމްދަނީ ބޮޑު ސަރުކާރުގެ %100 ހިއްސާ އޮތް ކުންފުންޏެއްގެ އަތުން އެ މިންވަރަށް ފައިސާ ނަގާފައި އިންޑިއާއަށް ދައްކާށެވެ.
އެކަން އެފަހަރު ކުރެވުނެވެ. ބީއެމްއެލްގެ ބޭރު ފައިސާގެ ރިޒާވްއަށް ބޮޑު އަސަރެއް އޭރު ކުރީ، މައުލޫމާތު އެނގި ހުރި ބައެއް މީހުން ބުނި ގޮތުގައި، އެ 50 މިލިއަން ޑޮލަރު ދެއްކުމުންނެވެ.
އެކަމަކު ހަގީގަތަކީ މިހާރުގެ ހާލަތުން އެ ވަރުގެ ބޮޑު އަދަދެއް އެހާ އަވަހަށް އަނެއްކާ ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި ނެތުމެވެ. އެހެންކަމުން އިންޑިއާއާ ވާހަކަ ދައްކައިގެން އެ ދަރަނި ދެއްކުން ފަސްކުރުމަކީ މި ވަގުތަށް ލިބެން އޮތް އެންމެ އަވަސް ހައްލެވެ.
"ބާކީ ހުރި އަދަދު [100 މިލިއަން ޑޮލަރު] ރޯލްއޯވާ ކުރަން އަޅުގަނޑުމެން އެދިފައިވާނީ، އަދި އެ އޭގެ މުގާބިލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފައެއް ނެތް އަޅުގަނޑުމެން ކައިރީ،" އިންޑިއާގެ ދަތުރުގައި ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން އިއްޔެ ޒަމީރު ވިދާޅުވި އެވެ.
'ދައުރު'އާ ވާހަކަ ދެއްކެވި ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އިދިކޮޅުގައި ތިއްބަސް، އަދި ސަރުކާރުގައި ތިއްބަސް، ނުކުރެވޭނެ ކަންކަމާއި ކުރެވޭނެ ކަންކަން ސިޔާސީ ލީޑަރުންނަށް މިހާރު އެނގެން ވެއްޖެ އެވެ. ވައުދުވާން ޖެހޭނީ ގްރާސްރޫޓް ހަރަކާތްތެރިން ހިތްހަމަޖައްސައިދޭން ނޫން ކަމަށާއި މުޅި ގައުމުގެ މަސްލަހަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އިންޑިއާއާ ދެކޮޅަށް އުފެއްދި ޒުވާބުތަކުގެ ތެރޭގައި ސޯޝަލް މީޑިއާގެ ހަރަކާތްތެރިން ކުރި ޖެއްސުމުގެ އަގު އެތައް މިލިއަން ޑޮލަރުން ދިވެހިން ދައްކަން ޖެހޭނެކަން އެނގުނު އިރު ވެސް، ސަރުކާރުގެ އިސް ވެރިން އޭގެ ނުބައި ވިސްނައިދީފައެއް ނުވެ އެވެ. އިންޑިއާ މީހުންނަށް ކުރި މަލާމާތަކީ އޭގައި ބޮޑު ނުބައެއް އޮތް ކަމެއްކަމަށް، ސޯޝަލް މީޑިއާގެ ހަރަކާތްތެރިންނަށް ވިސްނައިދޭން ވާހަކަ ދެއްކެވި ސަރުކާރުގެ ވެރިޔަކު ވެސް އޭރަކު ނެތެވެ.
މިއަދު މި އޮތީ އިންޑިއާ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް %50 ވެއްޓުމާ ހަމައަށް ދިއުމާ އެކު ރާއްޖޭގެ އިގުތިސާދަށް ގެއްލޭ އެއްޗެއް 100 މިލިއަން ޑޮލަރަށް ވުރެ ވެސް މައްޗަށް ދިއުމުގެ ބިރު އުފެދިފަ އެވެ. ސޯޝަލް މީޑިއާގެ 'ތަރިންނަށް' އޭރު ސަރުކާރުގެ ސަޕޯޓަރުން އޮއްސީ ތައުރީފްގެ ބަސްތަކެވެ. އެކަމަކު މިއަދު، އެންމެ ފަހުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޒަމީރު ވެސް ރަސްމީކޮށް ގޮވާލެއްވީ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުމަށެވެ.
ގައުމަށް ލިބެން އޮތް ހުރިހާ ފައިދާއެއް، ހުރިހާ ގައުމަކުން ވެސް ހޯދާށެވެ. އެއްވެސް ބަޔަކާ ޖެހިގަނެގެން އުޅެވޭވަރަށް ވުރެ މި ގައުމު ކުޑަ އެވެ. މި ގައުމަށް އޮތީ، 'ދައުރު'އާ ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި ގޮތަށް، ހުރިހާ ރަހުމަތްތެރިން ވެސް ގެންގުޅުމެވެ. ދިވެހިންގެ ވިސްނުން ވެސް ބަދަލުވާންވީ އެ މަގަށެވެ.
ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލުތަކުން އާންމުން ވެސް ފިލާވަޅެއް ނަގާށެވެ. މި ބަދަލުތައް އަންނަ ހަގީގީ ސަބަބު ފާޅުގައި ބުނަން ސަރުކާރުން ޖެހިލުންވާނެ އެވެ. މިއީ ހަމައެކަނި މި ސަރުކާރަށް ވީމާ އަންނަ ޖެހިލުންވުމެއް ނޫނެވެ. އެއީ ދުނިޔެ ހިނގާ އުސޫލުތަކުގެ ތެރޭގައި، ކޮންމެ ސަރުކާރަކަށް ވެސް ކުރިމަތިވާނެ ހާލަތެކެވެ.
އިދިކޮޅުގައި ތިބޭ އިރު ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ އެވެ. ބޭނުން ގޮތަކަށް ރައްޔިތުން ތަޅުވާލެވިދާނެ އެވެ. އެކަމަކު ސަރުކާރު ހިންގަން ލިބުމުން ބުނެވޭ އެއްޗެއް ވެސް، ހާމަކުރެވޭ މައުލޫމާތު ވެސް މުޅިން ތަފާތެވެ.
ކޮމެންޓް (8)
ނަދީމު
ޢަލީ
ސައިމާ
މޯދީ
ސައިމާ
މަލީހު
ޖުހާ
ސައިމާ