ރައީސް މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ސަލާންކުރައްވަނީ: މި ސަރުކާރުން ޖެހުނީ ޗައިނާ ފަޅިޔަށް

ސިޔާސީ

ދިވެހިން ހަގީގަތުގައި ވެސް ބޭނުންވަނީ މި ގޮތްތަ؟

ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތަކުން ގެންގުޅޭ ހަންފެތުރުމުގެ ދަލުގައި މި ކުޑަކުޑަ ގައުމު ޖެހިގެން އަބަދު އުޅޭ ނަމަ ސަލާމަތެއް ނޯންނާނެ
12 މާރިޗު 2024

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ދިވެހިން ވޯޓު ދިނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކަމަށް، ރައީސް މުހައްމަދު މުއިއްޒް އާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން، ތަކުރާރުކޮށް ވިދާޅުވެ އެވެ. އިންޑިއާ ސިފައިން ފޮނުވާލުމާ މެދު ދިވެހިންގެ ޝަކުވާއެއް އޮވެގެން ނުވާނެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ދުނިޔޭގެ ބާރުގަދަ، ބޮޑެތި ގައުމުތަކުގެ މެދުގައި އޮންނަ ހަންފެތުރުމާއި ކޮންޓްރޯލްކުރުމުގެ ދަލުގައި ޖެހެން ގިނަ ދިވެހިން ވޯޓު ނުދޭނެ ކަމެވެ.

އަޅުގަނޑުމެން މި ތިބީ އެ ދަލުގައި ޖެހިފަ އެވެ.

އެކަން ފުރަތަމަ ފެށުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ގެނައި ހިސާބުންނެވެ. އޭރު ހަމައެކަނި އިންޑިއާ އެވެ. އެކަމަކު 2013ގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބުކުރެއްވި ހިސާބުން، އެނގިގެންނާއި ނޭނގި ނަމަވެސް، ރާއްޖެ 'ތާށިވީ' އިންޑިއާ އާއި ޗައިނާއާ ދެމެދުގަ އެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުން: އެކަމަކު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ނުތަނަވަސްކަން (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ދެން އައި އެމްޑީޕީގެ ދެވަނަ ސަރުކާރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެންނެވީ އިންޑިއާގެ ފަހަތަށެވެ.

ދެން މިހާރުގެ ރައީސް މުއިއްޒު އެ ހުންނެވީ ޗައިނާ ކޮޅު ނަންގަވައިގެންނެވެ.

ދުނިޔޭގެ ބޮޑު އަދި އިންޑިއާ ކަނޑު ކޮންޓްރޯލްކުރުމުގެ ވާދަވެރިކަން އޮތް ދެ ގައުމެއްގެ ދެމެދު ދެ ފަރާތަށް އެނބުރޭ ބައެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 10 އަހަރު ވީ އެވެ.

އެވަގުތު ވެރިކަންކުރާ ޕާޓީއެއްގެ ސަޕޯޓަރުން، އެ ސަރުކާރަކުން ކޮންމެ ކަމެއް ކުރިޔަސް، ދިފާއުކުރާނެ އެވެ. އެ ދިފާއު ބުނާކުރަނީ 'އިންޑިއާއަށް ވުރެ ޗައިނާ މާ ރަނގަޅުވާނެ' ކަމަށާއި 'ޗައިނާއަށް ވުރެ އިންޑިއާ އަހަރެމެންނަށް ހުރިހާ ގޮތަކުން ވެސް މާ ހެޔޮ' ކަމަށް ބުނާ ވާހަކަތަކަށެވެ.

"ވަރަށް ނުރައްކާ ރާއްޖެ މިދާ ދިމާ،" ބައިނަލްއަގުވާމީ ގުޅުމާ ބެހޭ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމެއް މިހެން އުޅޭކަށް ނުވާނެ."

އެކަމަކު މި އުޅެވެނީ އެހެންނެވެ. މީގެ ތިން ދުވަސް ކުރިން ބީބީސީގައި ޖެހި ރިޕޯޓަކީ އޭގެ ހެއްކެކެވެ. އިންޑިއާ އާއި ޗައިނާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތަކީ، ބައިނަލްއަގުވާމީ ދިރާސާވެރިންނާއި މީޑިއާތަކުން ދޫކޮށްލާ ވަރަށް ވުރެ މާ ނާޒުކު މައުލޫއަކަށް ވެ އެވެ. ސިޔާސީ ފިކުރުގެ އާންމު ސަޕޯޓަރުންގެ ވިސްނުން އެނބުރެނީ އެ ވިސްނުން އުފެއްދި ސިޔާސީ ލީޑަރުންގެ ވަށައިގެން ކަަމަށް ވިޔަސް، ދުނިޔެއަށް އަންނަ ބަދަލުތައް އެނގޭ މީހުންނަށް ފެންނަނީ އެހެން މިސްރާބެކެވެ.

ރާއްޖެއާ ބެހޭ ގޮތުން މި ފަހުން ބީބީސީގައި ޖެހި ރިޕޯޓެއް

އިންޑިއާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައި އޮތ ކަހަލަ 'ފަގީރު' ގައުމެއް ނޫނެވެ. މިއީ ދިވެހި ވިޔަފާރިވެރިން ޗާނދަނީ މަގުގައި، މިނިވަންކަމުގެ ރިހި ޔޫބީލް އަހަރާ ގުޅުވައިގެން، 1990ގައި، ޗާނދަނީ މަގުގައި ފެށި މަގުމަތީ ބާޒާރަށް، އިންޑިއާ މީހުން އައިސް އެއްޗެހި ގަނެގެން ގެންގޮސް ވިއްކާ ހެދި، ޒަމާނެއް ވެސް ނޫން މެ އެވެ. އޭރު ކެރެލާ އާއި ޓެމިލް ނާޑޫ ފަދަ ސްޓޭޓްތަކުގެ ބައެއް މީހުން މާލެ އައިސް ޓީވީ އާއި ވީސީއާރު ފަދަ ޒަމާނީ އިލެކްޓްރޯނިކް ސާމާނު ގަނެގެން ދަނީ އިންޑިއާއިން އެ އެއްޗެހި ލިބެން ނެތީމަ އެވެ. ލިބެން ހުރި ނަމަ ރާއްޖެއަށް ވުރެ މާ އަގުބޮޑުކަމުންނެވެ.

މިއަދު އިންޑިއާގެ ވިޔަފާރި އެ އޮތީ ހުޅުވާލައިފަ އެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ފެކްޓަރީތައް އެބަ ހިންގަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ބޮޑެތި ކުންފުނިތަކުން އިންޑިއާގެ މާކެޓް ހޯދަން ނުކުރާކަށް ކަމެއް ނެތެވެ. އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެންޏަށް އެ ޒިޔާރަތްކުރެއްވީ ފޭސްބުކް އާއި މައިކްރޮސޮފްޓް އާއި ޑިޒްނީ ކުންފުނީގެ އެންމެ މަތީ ވެރިންނެވެ. ގައިމު ބާރެއް ހުރީމާތާ އެވެ.

އިންޑިއާގެ ޖީޑީޕީ އެ ހުރީ ތިން ޓްރިލިއަން ޑޮލަރުގަ އެވެ. އިނގިރޭސި ވިލާތަށް ވުރެ އިންޑިއާ އުޅެނީ ކުރީގަ އެވެ. ޗައިނާ 17 ޓްރިލިއަން ޑޮލަރާ އެކު އެ އޮތީ އެމެރިކާގެ ފަހަތުގަ އެވެ.

ކޮވިޑަށް ފަހު ސީދާ ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަން ފެށުން: މިހާރު ރާއްޖޭގެ އެއްވަނަ މާކެޓަކަށް ޗައިނާ ވުން އޮތީ ވަރަށް ކައިރީގައި

މި ދެ ގައުމުގެ މި ކުރިއެރުން އިގުތިސާދާ ހިސާބުން ހުއްޓުނީކީ ނޫނެވެ. ޗައިނާ ދުއްވައިގަތީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ނުފޫޒު ފޯރުވޭ ބަޔަކަށް ވާށެވެ. އިންޑިއާ ވެސް މަޑަކުން ނޯންނާނެތާ އެވެ. ހާއްސަކޮށް އިންޑިއާ ކަނޑަށް ޗައިނާގެ ނުފޫޒު ވަދެ، އަވަށްޓެރިން އިންޑިއާ ދޫކޮށްލާ މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވި އެވެ. އެހެންކަމުން ޗައިނާއިން ފައިސާ ދެންޏާ އިންޑިއާއިން ވެސް އެކަން ކުރެވޭނެކަން، ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އެ ފެނުނީ އެވެ. ތަފާތަކީ ޗައިނާގެ ކުންފުނިތަކުން ކުރާހާ އަވަސްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި އިންޑިއާގެ ކުންފުނިތަކުގައި ނެތުމެވެ. އެކަން އިންޑިއާއިން ވެސް ގަބޫލުކުރެ އެވެ.

ޗައިނާ ކޮޅަށް ޔާމީން އެނބުރުނު އިރު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ދޭން އެ ގައުމު އޮތީ ތައްޔާރަށެވެ. އެކަން ހުޅުމާލެ ބްރިޖާއި ހިޔާ ފްލެޓްތަކާއި ވީއައިއޭގެ ތަރައްގީގެ ތެރެއިން އެބަ ފެނެ އެވެ.

ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ވެސް އެވަރަށް ފައިސާ ދޭން ތައްޔާރުވެ، ބައެއް މަޝްރޫއުތައް ހުރީ ފަށައިފަ އެވެ. މާލެ/ތިލަފުށި ބްރިޖް އާއި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އާއި ފަހި ދިރިއުޅުމުގެ ފްލެޓްތަކެވެ. މި މަޝްރޫއުތަކަށް ދިން ލޯނާއި ހިލޭ އެހީގެ މިންވަރު ވެސް ބިލިއަން ޑޮލަރުން މައްޗަށް ދެ އެވެ.

އިންޑިއާގެ ޓޫރިސްޓަކު ރާއްޖެ އައިސް ފޮޓޯއެއް ނަގަނީ: މިވަގުތު އިންޑިއާގެ މާކެޓް ވަނީ ދަށަށް ދާން ފަށާފައި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މިހާރު މި އޮތީ ރައީސް މުއިއްޒުގެ ވެރިކަމެވެ. ސަރުކާރުން ކުރަހައިގެން ދާ ކޮންމެ ކަހަލަ މަޝްރޫއުއަކަށް ވެސް ޗައިނާއިން އެހީތެރިވެދޭނެކަމަށް، މި ސަރުކާރުގެ ވެރިން ވިސްނަވަ އެވެ.

ބޮޑެތި، ބާރުގަދަ ގައުމުތަކުގެ ހަންފެތުރުން އޮންނަނީ މިގޮތަށް ދޭ އެހީތަކާ ގުޅިފަ އެވެ. އެމެރިކާ އާއި ހުޅަނގުން ދުނިޔެ ކޮންޓްރޯލްކޮށްފައި އޮތް އޮތުން، ޗައިނާ އާއި އިންޑިއާގެ އިގުތިސާދީ އެރުމާ އެކު، މި ވަނީ ބަދަލުވެފަ އެވެ. ކުރިން ނަމަ އެމެރިކާ އާއި ހުޅަނގުން ބަސްކިޔައިފި ކަމެއްގައި އެ މީހުން ބޭނުންވާ ގޮތަކަށް ނަތީޖާ ނެރެވުނު ނަމަވެސް މިއަދު، ޗައިނާ އާއި އިންޑިއާގެ އެހީ ނެތި އެފަދަ ސިޔާސަތެއް ކާމިޔާބެއް ނުވެ އެވެ. ރަޝިޔާ އިން ޔޫކްރެއިންގައި ކުރަމުން ދާ ހަނގުރާމައަކީ އޭގެ މިސާލެކެވެ. ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިޔަސް ސަލާމަތުން އެ އޮތީ އިންޑިއާ އާއި ޗައިނާއިން ދޮރުތައް ހުޅުވާލުމުންނެވެ.

އެކަހަލަ ބޮޑު ދެ ގައުމެއްގެ އަމިއްލަ މަސްލަހަތު ވަދެފައި އޮތް ސަރަހައްދެއްގައި ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ގެންގުޅެން ޖެހޭ ސިޔާސަތު ވަރަށް ތަފާތުވާން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެއިން އެއްވެސް ގައުމެއްގެ 'ހިތުގައި ނުޖައްސައި' ކުރިއަށް ދެވޭނެ ވިސްނުން ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ހުންނަންވާނެ ކަމަށް ވެސް، ގަބޫލުކުރަން ޖެހެ އެވެ. ނަމަވެސް ބީބީސީ ކަހަލަ ނުފޫޒު ގަދަ އަދި ދުނިޔޭގެ މަސްރަހުގެ ބަދަލުތައް ފަރުވާތެރިކަމާ އެކު ބަލައި މީޑިއާތަކުން ރާއްޖެއާ ބެހޭ ގޮތުން އެ ފަތުރާ ހަބަރުތައް، ހަގީގަތުގައި ނުތަނަވަހެވެ. ދިވެއްސަކަށް ވީމާ އަޅުގަނޑު ކަންބޮޑުވެ އެވެ. ކުރިން ވެސް މެ އެވެ. މިހާރު ވެސް މެ އެވެ.

އިންޑިއާއިން ދޭ ބޮޑު ލޯނަކުން ހަދަމުން އަންނަ ތިލަމާލެ ބްރިޖްގެ މަސައްކަތް --ފޮޓޯ/ކޮންސްޓްރަކްޝަން

ރާއްޖޭގެ އިގުތިސާދަކީ ޓޫރިޒަމެވެ. އެކަން ބަދަލުކުރެވޭނެ އެހެން އިންޑަސްޓްރީއެއް އަދި ނެތެވެ. ހުކުރު ހުތުބާގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ނަން ގެނައި ނަމަވެސް، ފެންނަ ހަގީގަތަކީ ރާއްޖޭގެ މިހާރުގެ ތަރައްގީ ބިނާކުރެވޭނެ ދާއިރާތަކަކަށް މަސްވެރިކަމާއި ދަނޑުވެރިކަން ނުވާނެކަމެވެ. ރާއްޖޭގެ ރީތިކަމާއި އެ ރީތިކަމަށް އިންސާނުންގެ ހިތް ލެނބުމަކީ ވެސް މާތްﷲގެ ނިއުމަތެކެވެ. އެހެންކަމުން އަހަރެމެންގެ މިވަގުތުގެ ދިރުން މި އޮތީ ޓޫރިޒަމްގެ މައްޗަށް ބިނާވެފަ އެވެ.

ޓޫރިޒަމްގެ މައިގަނޑު އެއް ބަޔަކީ އަމާންކަމާއި ސުލްހަ އެވެ. އެ އަމާންކަމާއި ސުލްހަވެރިކަން ނެތް ގައުމުތަކުގައި ޓޫރިޒަމް ކުރިއަކަށް ނުދާނެ އެވެ. އެހެންކަމުން ރާއްޖެއަށް ބޭނުންވަނީ އިންޑިއާ އާއި ޗައިނާގެ ދެމެދު ތާށިވަމުން ދާ ގައުމެއްގެ ނަމަށް ވުރެ ޓޫރިޒަމްގެ އެއްވަނަ މަންޒިލްގެ ސުރުހީތަކެވެ. ނަމަވެސް މިއަދު ރާއްޖެ މި އޮތީ މާ ބޮޑަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ތެޅުމުގެ ތެރެއަށް ވަދެފަ އެވެ. ކަންބޮޑުވާން ޖެހޭ ފަދަ ސުރުހީތައް ފެންނަނީ އެހެންވެ އެވެ.

އާއެނކެވެ. ރާއްޖޭގެ އަޑު ބައިނަލްއަގުވާމީ ދާއިރާގައި ވީހާވެސް ބޮޑަކަށް އިއްވަން ޖެހޭ ދާއިރާތައް އެބަ ހުއްޓެވެ؛ ތިމާވެއްޓާއި ދުނިޔެ ހޫނުވުމުގެ މައުލޫއުގަ އެވެ. އެކަމަކު ޖިއޯޕޮލިޓިކްސްގައި ރާއްޖެ ބެދޭ ކަހަލަ ސިޔާސަތުތައް ސަރުކާރުތަކުން ހިންގާ ނަމަ، އެދެވެނީ ރާއްޖޭގެ ފެންވަރަށް ވުރެ މާ މައްޗަށް ކަމަށް، ބައެއް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.

ރާއްޖޭގެ ރިސޯޓެއް: ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ މި ރީތިކަމުގެ މައްޗަށް

ދިވެހިން ހަގީގަތުގައި ވެސް ބޭނުންވަނީ ބީބީސީގައި އޮތް ކަހަލަ ސުރުހީތައް ހެއްޔެވެ؟ ޖަވާބަކީ އާއެނކޭ ނަމަ ވަރަށް ދެރަ އެވެ. އެއް ސަރުކާރަކުން ޗައިނާ ހިތުގައި ޖައްސާފައި އަނެއް ސަރުކާރަކުން އިންޑިއާ ރުޅިއަރުވައިގެން ލިބޭނީ ވަގުތީ ހައްލެކެވެ. މިސާލަކީ މި އެވެ؛ އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދުނު ސޯޝަލް މީޑިއާގެ ރުޅިވެރިކަމުގެ ނަތީޖާއަކީ އިންޑިއާއިން އަންނަ ޓޫރިސްޓުން މިވަގުތު މަދުވުމެވެ. އެކަމަކު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ޓޫރިސްޓުން ރާއްޖެ ފޮނުވައިދޭން އެދިވަޑައިގަތުމާ އެކު، މިހާރު ޗައިނާއިން އަންނަ ޓޫރިސްޓުން، މާކެޓް އަތުލައިފި އެވެ.

މިއީ ދެމެހެއްޓެނިވި ޓޫރިޒަމެއް ހެއްޔެވެ؟ ދެން އަންނަ ސަރުކާރަކުން ޗައިނާ ފަޅި ދޫކޮށްލީމާ ކުއްލިއަކަށް ޗައިނާގެ ޓޫރިސްޓުން އައުން ހުއްޓެންވީ އެވެ.

ދިވެހިން ބޭނުންވަނީ މި ގޮތް ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ ނަމަ، އަހަރެމެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުކުރަން އެބަ ޖެހެ އެވެ. ގައުމަށް ނުހިފެހެއްޓޭ ވަރަަށް ގައުމު ދަރުވާލައިގެން ހޯދާ ތަރައްގީއަކީ އަސްލު ތަރައްގީ ނޫން ކަމަށް ބުނެ ނިންމާލުމުގެ ހިތްވަރު ދިވެހިން އަމިއްލައަށް ހޯދާށެވެ. ބޮޑެތި ލޯނުތައް ނަގައިގެން މަޝްރޫއުތައް އެ ހިންގަނީ ދިވެހިން ބޭނުންވާ ތަރައްގީ ގެނައުމުގެ ނަމުގަ އެވެ.

މީގެ 20 އަހަރު ކުރިން، ރަށެއްގެ ސްކޫލަކުން އެ ސްކޫލަށް ބޭނުންވާ ހޯލު ހަދަން ގާތްގަނޑަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ރޭވި އެވެ. އޭރު ސަރުކާރުން އެ ސްކޫލަށް އެވަރުގެ ތަރައްގީއަކަށް ބަޖެޓެއް ނުދެ އެވެ. އެހެންކަމުން ސްކޫލްގެ ވެރިން އެކި ވިޔަފާރިވެރިންނަށް ސިޓީ ފޮނުވި އެވެ. އޭގެ ތެރެއިން އެއް ވިޔަފާރިވެރިޔަކު، އެ ސްކޫލްގެ ވެރިންނާ ބައްދަލުކުރައްވައި ފުރަތަމަ ވެސް ވިދާޅުވީ "އެ ކަކުންޏެއްގެ ވަރުން ހޮރު ކޮންނާށޭ" އެވެ.

ގޯސް ވާހަކައެއް ނޫނެވެ. ދިވެހިން ވެސް ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ބުނެދޭންވީ އެ ވާހަކަ އެވެ. 

އިންޑިއާ އާއި ޗައިނާއިން ކުޅެލެވޭ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ ބަދަލުގައި ދިވެހިންނަށް ހޯދައިދޭންވީ އެއްވެސް ގައުމެއްގެ ފަޅިޔަށް ނާރައި، ތަރައްގީކުރެވޭނެ ގޮތެކެވެ. ބޭނުންވާހާ އަވަހަށް ކަންކަން ނުކުރެވިދާނެ އެވެ. އެކަމަކު މި ގައުމުގެ ކުރިމަގުގެ ސަލާމަތް ގުޅިފައި އޮތީ ރާއްޖޭގެ ފެންވަރުން ކަންކަން ކޮށްގެންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް