ރައީސް މުހައްމަދު މުއިއްޒު (ކ) އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު.
ޖައިޝަންކަރު މުއިއްޒަށް: 'ބުލީންނެއް މިވަރަށް އެހީއެއް ނުވާނެ'
ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ "ބުލީ" ކުރުމަށް އޮތް ހުއްދައެއް ނޫން ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއަށް ނިސްބަތްކުރައްވައި، ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅަށް ރައްދު ދެއްވައި، ބުލީންގެ ފަރާތުން އަވައްޓެރި ގައުމުތަކަށް އެހާ ބޮޑެތި އެހީތެރިކަން ފޯރުކޮށްނުދޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފޮތެއް އިފްތިތާހު ކުރަން އިއްޔެ ދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާ އަކީ ބުލީއެއްގެ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުން ދެކެމުން ދޭތޯ މީހަކު މިނިސްޓަރާ ސުވާލުކުރި އެވެ.
ބުލީންގެ ފަރާތުން އަވައްޓެރި ގައުމުތަކަށް އެހީތެރިކަން ނުދޭނެ ކަމަށް ޖައިޝަންކަރު ވިދާޅުވީ އެ ސުވާލަށް ދެއްވި ޖަވާބުގައި، އިންޑިއާ އިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަން ފާހަގަކުރައްވަމުންނެވެ.
"އިންޑިއާ އަކީ ބުލީއެއްގެ ގޮތުގައި ސިފަ ކުރެވެއޭ ބުނާ އިރު، އެނގޭނެ، ބޮޑެތި ބުލީންނެއް ނުދޭނެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް އަވައްޓެރި ގައުމަކަށް ދަތިވާ ދަނޑިވަޅުގައި. ބޮޑެތި ބުލީންނެއް ކޮވިޑު ތެރޭގައި އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށެއް ނުދޭނެ، ނޫނީ ދުނިޔޭގައި ހިނގާ ހަނގުރާމައެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އަސަރު ކުރާތީ، އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ގަސްކާނާ ފޯރުކޮށްދިނުމަށްޓަކައި އަމިއްލަ ގައުމުގެ ގަވައިދުތައް އިސްތިސްނާއެއް ނުކުރާނެ،" ޖައިޝަންކަރު ވިދާޅުވި އެވެ.
އޭނާގެ ޖަވާބުގައި ވަކި ގައުމެއްގެ ނަން ނުގެންނެވި ނަމަވެސް، 'އިންޑިއާއިން އަވައްޓެރި ގައުމުތަކާ މެދު ބާއްވާ ގާތްކަން ހާމަވާ ކަންކަ'މުގެ ގޮތުގައި ޖައިޝަންކަރު ފާހަގަކުރައްވާފައި އެވަނީ އިންޑިއާ އިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަމެވެ. އެގޮތުން އޭނާ ނުސީދާކޮށް އިޝާރާތް ކުރެއްވީ:
-
މުޖުތަމައުގެ ތަރައްގީއަށް ބޭނުންވާ އެކި އެކި މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާއިން ރާއްޖެއަށް 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި 2021ގައި ސޮއިކުރި އެއްބަސްވުމަށް
-
ކޮވިޑްގެ ތެރޭގައި އިންޑިއާ އިން އެންމެ ފުރަތަމަ ވެކްސިން ފޮނުވި ގައުމަކީ ރާއްޖެ؛ ރާއްޖެއަކީ އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދިން ގައުމު ވެސްމެ
-
އިންޑިއާގައި ފިޔާގެ އަގު އުފުލި، ފިޔާ އެކްސްޕޯޓު ކުރުން އެގައުމުގެ ސަރުކާރުން މަނާ ކުރި ނަމަވެސް، ވަކި ހާއްސަކަމެއް ދީގެން އިންޑިއާއިން މެދުކެނޑުމަކާ ނުލާ ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރަމުން ގެންދިޔަ
-
ކާބޯތަކެތީގެ އިިތުރުން ވެސް އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރޭ؛ ފަހަކާ ޖެހެންދެން އެންމެ ގިނަ އަދަދަކަށް ބޭސް ވެސް އެތެރެކުރީ އިންޑިއާއިން
ފާހަގަކޮށްލެވޭ - ވެރިކަން ބަދަލުވުމާ އެކު ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އައި ބަދަލުތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ މިއަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ދަނޑިވަޅުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވަނީ، އިންޑިއާއަށް އިޝާރާތް ކުރައްވައި ވަރުގަދަ ރައްދުތަކެއް ދެއްވައިފަ އެވެ.
ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާން ކުރެއްވުމަށް ފަހު، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވް ޔޫ ދަ ލައިސެންސް ޓު ބުލީ އަސް" ކަމަށް ރައީސް އިނގިރޭސި ބަހުން ވިދާޅުވި އެވެ.
އިންޑިއާއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ ގޮތުން، އެދުވަހު ރައީސް ވިދާޅުވެފައިވަނީ:
-
1 މާޗުން ފެށިގެން ރާއްޖޭން އަމިއްލައަށް ސީ-އެމްބިއުލާންސް ތައާރަފް ކުރުމާ އެކު، އިންޑިއާގެ އުޅަނދުތައް އެ މަސައްކަތުގައި ބޭނުމެއް ނުކުރާނެ؛ އެ ހިދުމަތް ވަނީ ރައީސް ވިދާޅުވި ތާރީހަށް ފައްޓަވާފައި
-
ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާއާ އެކު ވަނީ މަޝްވަރާކުރެވިފައި
-
ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް މިހާރު ވަނީ ހަދާފައި؛ އެ އެއްބަސްވުމުގެ ދަށުން ގަތް ފުރަތަމަ ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބެލެވޭ
-
އާދައިގެ ބޭސް އިންޑިއާ އިން ގެނައުން ހުއްޓާލުމަށްޓަކައި، ސީދާ ޔޫރަޕް އަދި އެމެރިކާ އިން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި
ފާހަގަކޮށްލެވޭ - ރާއްޖެއާ އިންޑިއާގެ ގުޅުން ކުރިއަށްވުރެ ހީނަރުވުމާ ގުޅިގެން ނޫސްވެރިންނާއި އާންމުންގެ ފަރާތުން ވެސް ރާއްޖެއާ ގުޅޭ ގިނަ ސުވާލުތަކެއް ފަހަކަށް އައިސް ޖައިޝަންކަރަށް އަމާޒު ކުރެ އެވެ. އެ ފަދަ ސުވާލުތަކުގެ ޖަވާބުގައި މީގެ ކުރިން ވެސް އޭނާ ވަނީ ރާއްޖެއަށާއި ރައީސް މުއިއްޒުއަށް ނިސްބަތްކޮށް ވާހަކަ ދައްކަވާފަ އެވެ.
ކޮމެންޓް (5)
ޖައިސަމް
ހައްޤަށް!
ސަލީމް
އަކޫ
ޖައި