އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު. (ފޮޓޯ/ ރޮއިޓާޒް)

ރާއްޖެ-އިންޑިއާ

އަބަދު އިންޑިއާއަށް ހިތް ރަނގަޅެއް ނުވާނެ؛ އޮތީ ވިސްނައިދިނުން: ޖައިޝަންކަރު

ސިޔާސީ ބަދަލުތަކާ އެކު ވެސް، ގައުމުތަކުގެ މީހުން އިންޑިއާއާ މެދު ދެކޭ ގޮތް ބަދަލު ނުވާ ކަމަށް އޭނާ ވިދާޅުވި

ކޮންމެ ގައުމަކުން އަބަދު އިންޑިއާއަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށާއި، ދެ ގައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ، އެކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ، އިންޑިއާގެ ނާގްޕޫރު، މަހަރާޝްތްރާގައި އިއްޔެ ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުންތައް ހީނަރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ގައުމުތަކަށް ސިޔާސީ ގޮތުން އަންނަ ބަދަލުތަކާ އެކު ވެސް އިންޑިއާގެ "އިންޓްރެސްޓް" ހިމާޔަތްކުރާނީ ކިހިނެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - ޖައިޝަންކަރު ވިދާޅުވި ގޮތުގައި، މި ސަރަހައްދުގެ ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާ އިން ގެންގުޅޭ 'ނެއިބާހުޑް ފަސްޓް ޕޮލިސީ'ގެ ދަށުން އިންޑިއާ އިން ކުރަމުން ގެންދިޔައީ، ސިޔާސީ ލޮޅުންތަކާ އެކު ވެސް އިންޑިއާ އިން އިސްކަންދޭ ކަންކަން ހިމާޔަތް ކުރެވޭނެ ގޮތަކަށް ގުޅުންތައް ވަރުގަދަ ކުރުމުގެ މަސައްކަތެވެ.

"އެކަމަކު ސިޔާސީ ކަންކަމަކީ ސިޔާސީ ކަންތައްތައް. އެހެންވީމަ ކޮންމެ ގައުމަކުން، ކޮންމެ ދުވަހަކު، އެންމެން އިންޑިއާއަށް ސަޕޯޓުކޮށް، ތާއީދު ކުރާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އެއާ އެކު ވެސް، ޖައިޝަންކަރު ވިދާޅުވީ، އިންޑިއާއަށް ފައިދާވާ ގޮތަށް ހާރިޖީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި، މިދިޔަ 10 އަހަރު ވަރަށް ކާމިޔާބުކަމާ އެކު ގައުމުތަކާ އެކު ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުން، އޭނާ ވިދާޅުވީ:

  • ސިޔާސީ ބަދަލުތަކާ އެކު ވެސް، ގައުމުތަކުގެ މީހުން އިންޑިއާއާ މެދު ދެކޭ ގޮތް ބަދަލެއް ނުވާނެ

  • އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވުމުގެ މުހިއްމުކަން ގައުމުތަކުގެ މީހުން ދަނޭ

މަގު ހެދުމާއި ކަރަންޓު ފޯރުކޮށްދިނުމާއި ތެޔޮ ފޯރުކޮށްދިނުމާއި ވިޔަފާރީގެ ގުޅުންތައް މަގުފަހިކޮށްދިނުމާއި އިންވެސްޓް ކުރުމާއި އެކި ގައުމުތަކުގައި މީހުން ޗުއްޓީ ހޭދަކުރުމަކީ ހުސް ދޭދޭ ގައުމުތަކުގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަންކަން އޭނާ ފާހަގަކުރެއްވި އެވެ.

ދެ ގައުމެއްގެ ދެމެދު އޮތް ގޯސްވެއްޖެ ނަމަ ނަމަ، ދެން ކަން ކުރަން ޖެހޭ ގޮތަކީ، މީހުންނަށް ވިސްނައިދީގެން، އެކަން ރަނގަޅުކުރަން މަސައްކަތް ކުރުން ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

ފަސްމަންޒަރު - ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހުމާ އެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޯޝަލް މީޑިއާއަށް ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ވީޑިއޯއެއް ދޫކޮށްލެއްވި އެވެ.

އެއާ އެކު، ދެ ގައުމުގެ އާންމުންގެ ދެމެދުގައި ސޯޝަލް މީޑިއާގައި ފެށުނު ޒުވާބު ހޫނުވެގެން ގޮސް، މޯދީއަށާއި އިންޑިއާއަށް ބަދުބަސް ރައްދުކުރި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ދޭތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމަށް އަދިވެސް ހައްލެއް ނުލިބެ އެވެ.

މި ދަނޑިވަޅުގައި، ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން، އިންޑިއާއަށް ވަރުގަދަ ބަސްތަކެއް ރައްދު ކުރައްވާފައި ވެސް ވެ އެވެ. އެގޮތުން، ރައީސް އިއްޔެ ވިދާޅުވެފައިވަނީ:

  • ރާއްޖެ އަކީ އެއްވެސް ގައުމެއްގެ ބެކްޔާޑެއް ނޫން ކަމަށާއި އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށް

  • ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ އެއްވެސް ގައުމަކަށް ރާއްޖެ "ބުލީ" ކުރަން ލިބޭ ހުއްދައެއް ނޫން ކަމަށް

އެނގުން މުހިއްމު -  ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމާ ގުޅޭ ރަސްމީ މަޝްވަރާތައް ވެސް ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ ފަށާފަ އެވެ.

ކޮމެންޓް (2)

ޒަރީރު

14 ޖެނުއަރީ 2024
އިންޑިއާ ސިފައިން ފޭބީމަ ހުރިހާ ބަހުސެއް ނިމުނީ. ސިފައިން ނުބާލަންވެގެން ގަދަކަން ދައްކާ މަގުސަދެއް ނުވިސްނޭ
0 0

އަލީ

14 ޖެނުއަރީ 2024
'ޖައިޝަންކަރު ވިދާޅުވީ، އިންޑިއާއަށް ފައިދާވާ ގޮތަށް ހާރިޖީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި، މިދިޔަ 10 އަހަރު ވަރަށް ކާމިޔާބުކަމާ އެކު ގައުމުތަކާ އެކު ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. " އިންޑިޔާގެ ވަށައިގެންތިބި ޤައުމުތަކަށް ޙާއްސަކޮށްމޑޕ ކުދިންނަށް މިބުނާއެއްޗެއް ގެޓް ނުވާތީ މިއީ މާބޮޑަށް ހެޔޮއެދޭ ބައެއްގޮތުގައި ފެންނަނީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް