ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ، ދުބާއީގައި ބޭއްވި ކޮޕްސައިމްޓްގެ ހަވާސާއިން ބޭރުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރައީސްގެ ވަރުގަދަ ރައްދެއް އިންޑިއާއަށް: 'ރާއްޖެ ކުޑަވުމަކީ ބުލީ ކުރަން ލިބޭ ހުއްދައެއް ނޫން'

އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ގިނަ ކަންކަން ނިމުމަކަށް ގެނައުމަށް އަމާޒު ހިފާފައިވާކަން ރައީސް ހާމަކުރެއްވި

ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ "ބުލީ" ކުރުމަށް އޮތް ހުއްދައެއް ނޫން ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައީސް މިގޮތަށް ރައްދު ދެއްވީ، އެ ގައުމުގެ ވާދަވެރިޔާ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގަ އެވެ.

އެ ބަޔާނުގައި، ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާން ކުރެއްވުމަށް ފަހު، އިނގިރޭސި ބަހުން ރައީސް ވިދާޅުވީ، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވް ޔޫ ދަ ލައިސެންސް ޓު ބުލީ އަސް" ކަމަށެ.

އިންޑިއާގެ ނަން ނުގެންނަވައި ރައީސް އެ ވިދާޅުވި ވާހަކަފުޅުގެ ތަރުޖަމާ އަކީ، ރާއްޖެ އަދި ކުޑަވިޔަސް އެއީ ދިވެހިން ބުލީގެ ޝިކާއަރަކަށް ހަދަން ނުވަތަ ފުރައްސާރަ ކުރުުމަށް އޮތް ހުއްދައެއް ނޫން ކަމަށެވެ.

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެންނެވި އިމެރޭޓްސް ފަލައިޓް ރާއްޖޭގެ މައި އެއާޕޯޓަށް ޖެއްސުމާ އެކު، އެ މަނިކުފާނުގެ ދެކަނބަލުން ފްލައިޓުން ފައިބާވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލު - ބައި ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ އެ ބަޔާނުގައި، ޗައިނާގެ ދަތުރުފުޅުގައި ނިންމި ކަންކަން ހާމަކުރެއްވުމަށް ފަހު ރައީސް ވަނީ، ޗައިނާއާ އެކު ގާތް ގުޅުމެއް އޮންނަ މައިގަނޑު އަސާސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެ ވާހަކަތަކުގައި އިންޑިއާގެ ނަން ނުގެންނެވިޔަސް، އެ ގައުމަށް ނުސީދާ ރައްދުތަކެއް ދެއްވި އެވެ.

ރަށްރަށުން މީހުން މާލެ ގެނައުމަށާއި ބަލިމީހުން އުފުލުމަށާއި ބޭހާއި ކާޑު ފަދަ އަސާސީ ބާވަތްތައް ގެނައުމުގައި ރާއްޖޭން ޒަމާނުއްސުރެ ބަރޯސާވެފައި ވަނީ އިންޑިއާ އަށެވެ. ނަމަވެސް، ރައީސް މިއަދު ވިދާޅުވީ، އެ އެކަން ކަމުގައި ވެސް ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:

  • 1 މާޗުން ފެށިގެން ރާއްޖޭން އަމިއްލައަށް ސީ-އެމްބިއުލާންސް ތައާރަފް ކުރުމާ އެކު، އިންޑިއާގެ އުޅަނދުތައް އެ މަސައްކަތުގައި ބޭނުމެއް ނުކުރާނެ

  • ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާއާ އެކު ވަނީ މަޝްވަރާކުރެވިފައި

  • ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް މިހާރު ވަނީ ހަދާފައި؛ އެ އެއްބަސްވުމުގެ ދަށުން ގަތް ފުރަތަމަ ޝިޕްމަންޓް އަންނަ މަހު އަންނާނެ 

  • އާދައިގެ ބޭސް އިންޑިއާ އިން ގެނައުން ހުއްޓާލުމަށްޓަކައި، ސީދާ ޔޫރަޕް އަދި އެމެރިކާ އިން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

"އެހެންވީމަ، ވަކި ގައުމަކުން ބޭސް ގެނައުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ... އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނެސް،" އެ ހުރިހާ ކަންކަމެއް އިއުލާން ކުރެއްވުމަށް ފަހު ރައީސް ވިދާޅުވި އެވެ.

މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހި ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ވަށާލެވިފައިވާ ހުރިހާ ގައުމުތަކަށް ވެސް ނިސްބަތްވާ ކަނޑެއް.

ރައީސް މުހައްމަދު މުއިއްޒު

'މިއީ ވަކި ބައެއްގެ ކަނޑެއް ނޫން؛ ކުޑަވިޔަސް ތަފާތުކޮށްގެން ނުވާނެ'

ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ސުރުހީތަކާއި ދެ ގައުމުން މަޝްވަރާކުރި ބައެއް ކަންކަން ހާމަކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ، މި ގުޅުން ދެމި އޮތީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ:

  • 1-

    އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމް ކުރުން (މިއުޗުއަލް ރެސްޕެކްޓް)

  • 2-

    ސިޔާދަތީ ހަމަހަމަކަން (ސޮވެރިން އިކުއާލިޓީ)

  • 3-

    ސަރަހައްދީ އިމަށް އިހްތިރާމްކުރުން (ޓެރިޓޯރިއަލް އިންޓަގްރިޓީ)

  • 4-

    ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހުން (ނޮން-އިންްޓަފެއަރެންސް އިން އިންޓާނަލް މެޓާސް)

ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު. (ފޮޓޯ/ރައީސް އޮފީސް)

އެ އަސާސްތަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެ އޮތީ ވަރަށް ދުރުގައި ކަމަށާ އަދި ރާއްޖެއާ ބަލާއިރު އެ ގައުމަކީ ބާރުގެ ގޮތުންނާއި ސައިޒުގެ ގޮތުން ވެސް ބާރުގަދަ، ބޮޑު ގައުމެއް ކަމަށެވެ. ނަމަވެސް، ދެ ގައުމު ވެސް އެއް ގައުމު އަނެއް ގައުމާ ދޭތެރޭ ދެކެނީ ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމުގެ ނަޒަރަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ގައުމުގެ ސައިޒް ތަފާތު ވުމަކީ [ނުވަތަ] އެއް ގައުމު އަނެއް ގައުމަކީ ކައިރީގައި އޮތް ގައުމަކަށް ވުމުން އަދި ދުރުގައި އޮތް ގައުމަކުން ތަފާތު ކުރެވިގެން ނުވާނެ. ބޮޑު ގައުމުން، ކުޑަ ގައުމަށް ތަފާތުކޮށް ހިތައިގެން ނުވާނެކަން. އެ ޕްރިންސިޕަލް [ރާއްޖެ އާއި ޗައިނާއާ] ދެމެދު އޮވޭ،" އިންޑިއާގެ ނަން ނުގެންނަވައި ރައީސް ވިދާޅުވި އެވެ.

ޓެރިޓޯރިއަލް އިންޓަގްރިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާގެ 'ވަން ޗައިނާ' ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކޮށް، އެ ކަމަށް ތާއީދު ކުރާ ކަމަށެވެ. ހަމަ އެގޮތަށް ޗައިނާ އިން ވެސް ރާއްޖޭގެ ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ތާއީދު ކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު. ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ،" ރައީސް ވިދާޅުވި އެވެ.

"މި ކަނޑަކީ މި ކަނޑު ވަށާލެވިފައިވާ ހުރިހާ ގައުމުތަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު މާ ބޮޑު."

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި މިއަދު ރައީސް ޕްރެސް ސްޓޭޓްމަންޓް ދެއްވިއިރު، އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ރަމީޒު: ރައީސް ވަނީ އެ ސްޓްޓްމަންޓްގައި އިންޑިއާއަށް ވަރުގަދަ ރައްދުތަކެއް ދެއްވާފައި. (ފޮޓޯ/ރައީސް އޮފީސް)

އެއާ އެކު، ރައީސް ދެން ވިދާޅުވީ، ރާއްޖެ އަކީ "ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫން" ކަމަށެވެ. މިއީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ، މި ޓެރިޓޯރިއަލް އިންޓަގްރިޓީގެ އަސާސާސަކީ ޗައިނާ އިން ވަރަށް ބޮޑަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް ވިދާޅުވި އެވެ.

އެންމެ ފަހު އަސާސްއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ އަމިއްލަ، އެތެރޭގެ ކަންކަމަށް "ޗައިނާ އިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާ" ކަމަށެވެ. ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުގައި އިންޑިއާ އިން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް، އެ ގައުމުގެ ނަން ނުގެންވަައި ނުސީދާކޮށް ރައީސް ތުހުމަތު ކުރެއްވި އެވެ.  

"ކުރީގައި، ދާދި ފަހުން، ފަހަކާ ޖެހެންދެން ފެނުނީ [ނުވަތަ] މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ގޮސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" އަނެއްކާވެސް އިންޑިއާގެ ނަމެއް ނުގެންނަވައި، އެގައުމަށް ނިސްބަތްކޮށް ރައީސް ވިދާޅުވި އެވެ.

އެއާ އެކު، ރައީސް ވިދާޅުވީ، އެ ހަތަރު އަސާސްގެ މައްޗަށް ޗައިނާއާ ގާތް ގުޅުމެއް މި ސަރުކާރުން ބާއްވަމުން އަންނައިރު، އެ ކަންކަމުގެ މައްޗަށް އެހެން ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުން މި ސަރުކާރުން ގާއިމް ކުރާނެ ކަމަށެވެ.

ކޮމެންޓް (2)

ފަހުދު

14 ޖެނުއަރީ 2024
އެއްވެސް ގައުމެއްގެ ނަމެއް ވިދާޅެއް ނުވޭ. ތީތަ ޒިއްމާދާރު ނޫސްވެރި ކަމަކީ؟ ނޫސްވެރިންނޭ ކިޔާފަ ތިބޭ ފިތުނަވެރިން ކަލޭމެންތީ.
1 0

ޙޫއަދި

13 ޖެނުއަރީ 2024
އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ..ޑރ.މުއިއްޒު ވެރިކަން ބަގާވާތްކޮށްގެން ވައްޓާލާފާނެ. މިއީ އާ ކަމެއްނޫ ބޮޑެތި ގައުމުތަކުން ރައްޔިތުން ހޮވާހުރި ސަރުކާރު ތައް ވަނީ ވައްޓާލާފާ.ކަޅުފާއިސާއިން ވިޔަފާރިވެރިންނަށް އަޅުގަނޑުމެން އިތުބާރު ކޮށްގެންނުވާނެ.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް