ޖައިޝަންކަރު ނައިޖީރިއާގެ ލާގޯސްގައި ހުންނަ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒްގައި ތަގުރީރު ކުރައްވަނީ. (ފޮޓޯ/އެންޑީޓީވީ)

އިންޑިއާ

ބަވަނަވެފައިވާ ދުނިޔޭގައި ޓޫރިޒަމަކީ ވެސް މިހާރު 'ހަތިޔާރެއް': ޖައިޝަންކަރު

ބަވަނަވެފައިވާ ދުނިޔެއެއްގައި ފައިސާ އާއި ވިޔަފާރީގެ އިތުރުން ޓޫރިޒަމަކީ "ހަތިޔާރެއް"ގެ ގޮތުގައި ބޭނުން ކުރާ ވަސީލަތްތައް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ބަވަނަ ދުނިޔެއެއްގެ ހެޔޮ ނަތީޖާތައް ބަލައިގަންނަ އިރު، އެ ކަމުގެ ނޭދެވޭ ކަންކަމަށް އޭނާ އަލިއަޅުއްވާލެއްވި އެވެ. އަދި ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި އިގްތިސާދީ ބާރުތައް މަރުކަޒުކުރުމަށް ބާރުއަޅާ ކަމަށާއި ދުނިޔޭގެ ބޮޑު ބައެއް ބަރޯސާވަނީ އެ ކަންކަމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޖީރިއާގެ ލާގޯސްގައި ހުންނަ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒްގައި ތަގުރީރު ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ 1945 ވަނަ އަހަރު އުފެދުނު ދުނިޔޭގެ ތަރުތީބު ދެމިއޮތް އިރު، ބާރުވެރިކަމުގައި ތިބި މީހުން އެހެން މީހުންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ފަސްޖެހޭ ކަމަށެވެ.

"ގްލޯބަލައިޒޭޝަންގެ ވާހަކަ އަޅުގަނޑު ދެއްކި އިރު، އޭގެ ތެރެއިން އުފެދޭ ތަފާތު ގޮންޖެހުމަކީ، މިއަދު ފައިސާ އަކީ ހަތިޔާރެއް، ވިޔަފާރިއަކީ ހަތިޔާރެއް، ޓޫރިޒަމަކީ ހަތިޔާރެއް،" ޗައިނާގެ ނަން ނުގެންނަވައި ބައިނަލްއަގުވާމީ ދުނިޔޭގައި ޗައިނާގެ ބާރުގަދަވަމުން އަންނަ އައުމަށް އިޝާރާތް ކުރައްވައި ޖައިޝަންކަރު ވިދާޅުވި އެވެ.

"އެ ބާރުގަދަ ފަރާތްތަކީ ޕްރޮޑިއުސަރުންގެ ގޮތުގައި ބާރުގަދަ ބަޔަކަށް ވެދާނެ. ކަސްޓަމަރުންގެ ހައިސިއްޔަތުން އެ މީހުން ބާރުގަދަވެދާނެ. އެ މީހުން ފަސްޖެހުމެއް ނެތި، ދުނިޔޭގެ ނިޒާމުގައި އެ މީހުންގެ ބާރު ބޭނުން ކުރަނީ އެ މީހުންގެ ގައުމު މަސްލަހަތުުތައް ހާސިލްކުރުމަށް."

ޖައިޝަންކަރު ވިދާޅުވީ އަދިވެސް ދުނިޔެ ހިނގަނީ 1945 ވަނަ އަހަރު، މިހާރު އދ.ގައި ހިމެނޭ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް %25 މެންބަރުންނާ އެކު އެކުލަވާލި ނިޒާމުގެ ތެރެއިން ކަމަށެވެ. އެ 'އިންޖީނު' ހިންގަން ތިބި ފަރާތްތަކުން އެހެން މީހުންނަށް އިތުރު 'ގޮނޑިތައް' ހޯދައިދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އާބާދީގެ 8 ބިލިއަން މީހުންގެ ތެރެއިން 1.4 ބިލިއަން މީހުން ދިރިއުޅެނީ އިންޑިއާގަ އެވެ. އިންޑިއާއިން ވަކާލާތު ކުރަމުން އަންނަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށެވެ.

މިއަދު ދުނިޔޭގައި ކުރިއަރަމުން އަންނަ ފިކުރަކީ، ތަފާތުތަކުގެ ތެރެއިން ދުނިޔޭގެ މުއްސަނދިކަން ހޯދުމުގެ ވިސްނުން އަލުން އިއާދަކުރުންކަން ޖައިޝަންކަރު ފާހަގަކުރެއްވި އެވެ. މިއީ ދުނިޔޭގެ "އެންމެންގެ މަގްސަދެއް"ގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް އެކަން ހާސިލްކުރުމުގައި ހުރި ދަތިތައް އޭނާ ފާހަގަކުރެއްވި އެވެ.

"ހަގީގަތަކީ ދުނިޔެ ކޮންޓްރޯލްކުރާ ފަރާތްތަކުން އަދިވެސް މިންޖުނުވާކަން. އެއީ 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގެ ކުރީކޮޅުގެ އިސްތިއުމާރު ކަމުގައި ނުވެދާނެ. އެހެން ނަމަވެސް، މިއަދު ތަފާތު ގޮތް ގޮތުން، ވޭތުވެދިޔަ 200 އަހަރާއި 300 އަހަރާ ދެމެދުގެ މުއްދަތެއްގައި ދުނިޔޭގެ މައްޗަށް ބާރުފޯރުވި ގިނަ ބަޔަކު، ތަފާތު ޓެކްނޮލޮޖީތަކާ އެކު، އާ ވެރިކަންތަކާ އެކު، އާ ވަސީލަތްތަކާ އެކު، މިކަން ކުރަމުން އެބަގެންދޭ،" ޖައިޝަންކަރު ވިދާޅުވި އެވެ.

އޭނާ ސުވާލު އުފެއްދެވީ އެކަންކަމާ "އަޅުގަނޑުމެން ވާދަކުރާނީ" ކިހިނެއްތޯ އަދި އަރައިގަންނާނީ ކިހިނެއްތޯ އެވެ. އަދި ދުނިޔެއަކީ އެއް ނަމްބަރު ގޮންޖެހުމަށްވާ އިރު، އިންސާފުވެރި ތަނަކަށް އެތަން ހަދައި އެކަން ކަށަވަރުކުރާނީ ކިހިނެއްތޯ ވެސް ޖައިޝަންކަރު ސުވާލު އުފެއްދެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް