މަރިޔަމް ޝިއުނާ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރާއްޖެ-އިންޑިއާ

އިންޑިއާއަށް އަނެއްކާ ވެސް ފުރުއްސާރަކުރި މައްސަލައެއް؛ ޝިއުނާ މައާފަށް އެދިއްޖެ

މިފަހަރު ފެންމަތިވެގެން އުޅެނީ، އިންޑިއާގެ ގައުމީ ދިދަ އަދި އެގަމުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ ދިދައިގެ ލޯގޯ ހިމެނޭ ޕޯސްޓެއް ޝެއާކޮށް އެމްޑީޕީއާ ގުޅުވާ ފުރުއްސާރަކުރި މައްސަލައެއް

އިންޑިއާއަށް ފުރުއްސާރަކުރި މައްސަލައެއްގައި ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު މަރިޔަމް ޝިއުނާ އަނެއްކާ ވެސް، އިންޑިއާއަށް ފުރުއްސާރަކުރި މައްސަލައެއް ފެންމަތިވެ، އޭނާ މައާފަށް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާއަށް އިހާނެތި ބަސް ބުނެ، މަލާމާތްކުރި މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭ ސަސްޕެންޑްކުރި ތިން ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ޝިއުނާ ވެސް ހިމެނެ އެވެ. އޭނާ ސަސްޕެންޑުކުރީ ދައުލަތް ތަމްސީލުކުރާ އިސް މަގާމެއްގައި ހުރެ އެހެން ގައުމަކަށް ބަދު ބަސްބުނުން ކުށްވެރިކޮށް، މަގާމުން ވަކިކުރަން ގިނަ ބަޔަކު ގޮވާލަން ފެށުމުންނެވެ.

މިފަހަރު ފެންމަތިވެގެން އުޅެނީ، އިންޑިއާގެ ގައުމީ ދިދަ އަދި އެގަމުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ ދިދައިގެ ލޯގޯ ހިމެނޭ ޕޯސްޓެއް ޝެއާކޮށް އެމްޑީޕީއާ ގުޅުވާ ފުރުއްސާރަކުރި މައްސަލައެކެވެ. 

ތަފްސީލް - މިދިޔަ ހޮނިހިރު ދުވަހު ޝިއުނާގެ އެކްސްގައި އެ ޕޯސްޓްކޮށްފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ގެންގުޅޭ ޝިއާރު 'މިސްރާބު ހަމަ މަގަށް' ފާޑުކިޔަ އެވެ.

ޝިއުނާގެ ޕޯސްޓުގައި ހިއްސާކޮށްފައިވާ އެ ޕޯސްޓަރު ވަނީ އިންޑިއާގެ ގައުމީ ދިދަ އާއި އެ ގައުމުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ ލޯގާ ހިމަނައި އެޑިޓުކޮށްފަ އެވެ.

އެގޮތުން ޕޯސްޓަރު އެޑިޓުކޮށް ގެނެސްފައިވާ ބަދަލުތަކަކީ:

  • އެމްޑީޕީގެ އަސްލު ޕޯސްޓަރުގައި ގެންގުޅޭ 'މިސްރާބު ހަމަ މަގަށް' ޝިއާރު 'މިސްރާބު އަނގަވަތަށް' ބަދަލުކޮށްފައިވޭ

  • އެ ޝިއާރުގެ މަތީގައި އެމްޑީޕީގެ އަސްލު ޕޯސްޓަރުގައި ޖަހާފައިވާ، ސަމްގާގެ ބަދަލުގައި، އިންޑިއާގެ ގައުމީ ދިދައިގެ ލޯގޯއަށް ބަދަލުކޮށްފައިވޭ

  • އެ ޕޯސްޓަރުގެ ތިރީގައި އެމްޑީޕީގެ ލޯގާއާ އެކު، އިންޑިއާ ސަރުކާރު ނިސްބަތްވާ ބީޖޭޕީގެ ލޯގާ ހިމަނާފައިވޭ

ޝިއުނާގެ މި ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްލާފައި؛ ޝިއުނާ ވިދާޅުވީ، އޭނާ އެ ޕޯސްޓު ޝެއާކުރީ އިންޑިއާއަށް ފުރުއްސާރަކުރުމުގެ ނިޔަތުގައި ނޫންކަމަށް

އަނެއްކާ ވެސް ދެގައުމުގެ ދެމެދުގައި ނަފްރަތު އުފެދިދާނެ މޭރުމަކުން ސޯޝަލް މީޑިއާގައި ޝިއުނާ މިފަދަ ޕޯސްޓެއް ކޮށްފައިމިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދީފައިވަނިކޮށެވެ.

ޝިއުނާގެ މި ޕޯސްޓަށް ފާޑުކިއުން އަމާޒުވާން ފެށުމުން، އޭނާ ވަނީ އެ ޕޯސްޓް ޑިލީޓުކޮށް، މައާފަށް އެދިފަ އެވެ. މައާފަށް އެދި މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ ހިއްސާކުރި އެމްޑީޕީ ޕޯސްޓުގައި އިންޑިއާގެ ދިދަ އިންކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމަކީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އަރައިފާނެ އެއްވެސް ފުށޫއެރުމަކާއި ހިތްހަމަނުޖެހުމަކާ މެދު ހިތާމަކޮށް، މަައާފަށް އެދޭ ކަމަށް ޕޯސްޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ރާއްޖެއިން އިހުތިރާމްކުރާ ކަަމަަށް ވެސް ޕޯސްޓުގައިވެ އެވެ.

"މިފަދަ ފުށޫއެރުންތަކުން ދުރުވުމަށް ކުރިއަށް އޮތްތަނުގައި ހިއްސާކުރާ ކޮންޓެންޓުތައް އިތުރަށް ވެރިފައިކުރަން ސަމާލުކަންދޭނަން،" ޝިއުނާގެ ޕޯސްޓު ނިންމާލަމުން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ސަސްޕެންޑުކޮށްފައި ހުއްޓާ، މިފަދަ މައްސަލައެއް ފެންމަތިވާ މިއީ ދެވަނަ ފަހަރެވެ. ނަމަވެސް، އޭނާ މުސާރަ ހިނގާގޮތަށް ސަސްޕެންޑުކޮށް، އިތުރު ފިޔަވަޅެއް ނާޅާ ބަހައްޓާ ސަބަބެއް މިހާތަނަށް ސަރުކާރުން ސާފުކޮށެއް ނުދެ އެވެ. 

ކޮމެންޓް (10)

މޫސާކުއްދާ

10 އޭޕްރީލު 2024
އެކި މީސްމީހުން މަޝްހޫރުކަން ހޯދާނީ އެކިގޮތްގޮތަށް! އޭނާވެސް މިހާރު ކިހާ މަޝްހޫރު.
2 0

ޝިއު

9 އޭޕްރީލު 2024
ސަސްޕެންޝަނުގަ ހުރެގެން ކެމްޕެއިންގަ ވަރަށް އިސްކޮށް އެބަ ހަރަކާތްތެރިވަން. އެހެންވީމާ މުސާރަ ކަނޑާކަށް ނުޖެހޭ
1 0

ސިއުނާ

9 އޭޕްރީލު 2024
ޝިއުނާ ކަލެއައް ހަމަ ސާބަސް
1 0

ޢަލީ

8 އޭޕްރީލު 2024
މިފެންވަރުގެ މީހުން ލައިގެން މުއިއްޒު އެދަނީ ބޮޑުތަނުން ފެއިލްވަމުން
9 2

ޖޱހޗހޱ

8 އޭޕްރީލު 2024
ހާދަ ވަރެއް ވެގެން އުޅޭ އަންހެނެކޭ. މީނައާ ހެދި ރައީސް މުއިއްޒަށް ހުރިހާ ޕްރެޝަރެއް. ސަރުކާރު އރއްވެސް މަގާމަކަށް ކުފޫ ހަމަނުވާ ނާގާބިލު މީހެއް
7 0

ފަރޭ

8 އޭޕްރީލު 2024
މިދެން ބޮޑު ކަމަކަށް ވެެއްޖެ. މި އަންހެނާ މައިތިރިނުވެގެންތަ ތިއުޅެނީ؟
7 0

މުޙައްމަދު

8 އޭޕްރީލު 2024
މާފަށް އެދެންޖެހޭ ހަރުކަމެއް ނޫން، ތެދެއް އެއޮތީ ހަމަ ޕޯސްޓުގަ
3 12

ބަޑި

8 އޭޕްރީލު 2024
މި ހާދަ ފެންމަތިވެގެން އުޅޭ އަންހެނެކޭ ދޯ
13 2

އެދުރުބެ

8 އޭޕްރީލު 2024
ސަރުކާރަށް ދަންނަވަން މިފަދަ ނާޤާބިލު ކުޑަކުދިން ތިފަދަ މަޤާމުތަކުން އެކަހެރިކުރަން.
16 3

ތެފައާސާ.

8 އޭޕްރީލު 2024
މި ޑެޕިއުޓީ މިނިސްޓަރުގެ ވަޒީފާގެ ބަޔާނުގައި އޮންނަނީ ޖެއްސުން ކުރުމާއި މައާފަށް އެދުންތޯ؟ ހަމަ އެކަނި އެކަން ކުރަން ކޯޑިނޭޓާރ ލެވެލްގައިވެސް އައްޔަންކުރެވިދާނެ ނޫންތޯ؟
19 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް