ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންރާ ބައްދަލު ކުރެއްވުން (ފޮޓޯ/ޒަމީރު، އެކްސް)
އިންޑިއާއިން ނަގާފައި އޮތް 200 މިލިއަން ޑޮލަރުގެ ބާކީ ދެއްކުމުގެ މުއްދަތު އިތުރުކުކޮށްދިނުމަށް ވާނީ އެދިފައި: މިނިސްޓަރު ޒަމީރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ނަގާފައި އޮތް 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް އަދަދުގެ މުއްދަތު އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު. - އެ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ އިންޑިއާއަށް ދައްކައިފަ އެވެ.
ވީ ކިހިނެއް؟ - އިންޑިއާ ސިފައިން ރާއްޖެއިން ފައިބާފައިވާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ލޯނުގެ ތެރެއިން ނުދެއްކި ހުރި ފައިސާ ދެެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވާނެ ކަމަށެވެ.
އިންޑިއާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އެ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރެއް ވަނީ ކުރީގެ ސަރުކާރުގައި ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދީފަ އެވެ. މިހާތަނަށް ނުދެއްކި ވަނީ 100 މިލިއަން ޑޮލަރެވެ.
ތަފްސީލް:- މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ނަގާފައި އޮތް އެ ލޯނުގެ އެއްވެސް އަދަދެއް ކުރީ ސަރުކާރު ނިމުނު އިރު ދައްކާފައެއް ނުވެ އެވެ.
"ބާކީ ހުރި އަދަދު ރޯލް އޯވާ ކުރަން އަޅުގަނޑުމެން އެދިފައިވާނީ، އަދި އެ އޭގެ މުގާބިލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފަކައެއް ނެތް އަޅުގަނޑުމެން ކައިރީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ވަނީ ރާއްޖެއަށް ދިމާވާ ކަންކަމުގައި އަބަދު ވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަންދީފައި ކަމަށެވެ.
"ދިވެހި ރާއްޖޭގެ ބޭނުންތަކަށް އަބަދު ވެސް ޕޮޒިޓިވްކޮށް ބައްލަވާ ވާހަކާ އާއި އަޅުގަނޑުމެންނަށް ބޭނުންވާ ބޮޑެތި ކަންކަމުގައި އަބަދު ވެސް އެހީވެދޭނެ ކަމުގެ ޔަގީންކަމާއި އަދި ކުރީގައި ވެސް އަޅުގަނޑުމެންގެ އެދުންތަކަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކޮށްދެއްވާފައި ހުރި ކަމަށް ވިދާޅުވެފައި އޮތީ، އެއީ އެހެންވީމަ އަޅުގަނޑުމެންނަށް ޕާސަނަލީ ވަން އޮން ވަންގައި ވެސް ފެހި ސިގްނަލް ދެއްވާފައި އޮތީ." މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ 2018ގައި ކުރީގެ ސަރުކާރު ވެރިކަމަށް އައި އިރު ދަރަނި އޮތް މިންވަރު މިސަރުކާރު އައި އިރު ދެގުނަ އިތުރުވެފައި ވާތީ އެ ދަރަނިތައް ދެއްކުމަށް ލުއި ގޮތްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.