ކްރޫޒްލައިނާ އަކުން މާލެ ފޭބި އިންޑިއާ ފަތުރުވެރިންތަކެއް (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒް)

އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު %42 ދަށަށް ހިނގައްޖެ

މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ އިންޑިއާ ގައި ވަނީ ކެމްޕޭނެއް ފަށާފައި

މި އަހަރުގެ ފުރަތަމަ ހަތަރު މަހު އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު %42.2 ދަށަށް ހިނގައްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާ އަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖެެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ އިންޑިއާގައި ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. 

އެއާ އެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަހުން މަހަށް ބަލާއިރު ދަށަށް ގޮސްފަ އެވެ.

ތަފްސީލް - ޓޫރިިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 73،785 އެވެ. މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް އިންޑިއާ އިން އައިސްފައި ވަނީ 42،638 ފަތުރުވެރިންނެވެ.

މި އަހަރާއި މިދިޔަ އަހަރުގެ ޖެނުއަރީ އިން އޭޕްރީލުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު

  • ޖެނުއަރީ: 2023 ވަނަ އަހަރު 18،612 ފަތުރުވެރިން އައި. މި އަހަރު އައިސްފައި ވަނީ 15،003 ފަތުރުވެރިން. މިއީ %19.4ގެ ދަށްވުމެއް

  • ފެބުރުއަރީ: 2023 ވަނަ އަހަރު 19،497 ފަތުރުވެރިން އައި، މި އަހަރު އައިސްފައި ވަނީ 11،522 ފަތުރުވެރިން. މިއީ %40.9ގެ ދަށްވުމެއް

  • މާޗު: 2023 ވަނަ އަހަރު 18،099 ފަތުރުވެރިން އައި، މި އަހަރު އައިސްފައި ވަނީ 8،322 ފަތުރުވެރިން. މިއީ %54ގެ ދަށްވުމެއް

  • އޭޕްރީލް: 2023 ވަނަ އަހަރު 17،577 ފަތުރުވެރިން އައި، މި އަހަރު އައިސްފައި ވަނީ 7،791 ފަތުރުވެރިން. މިއީ %55.6ގެ ދަށްވުމެއް

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އިންޑިއާ އަކީ މިހާރު ހަ ވަނައަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަކީ:

  • 1-

    ޗައިނާ

  • 2-

    ރަޝިއާ

  • 3-

    އިނގިރޭސިވިލާތް

  • 4-

    އިޓަލީ

  • 5-

    ޖަރުމަނު

މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އޭޕްރީލް މަހުގެ ނިޔަލަށް މި އަހަރު ތެރޭ ޖުމްލަ 772،651 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ޖުމްލަ 798،610 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ކޮމެންޓް (1)

اب އަލިު

7 މޭ 2024
ރާއްޖޭގެ ޓައރިޒަމްގެ ދިގުމާޒީގަ ފެންނަން އޮތްސަފުހާތަކަށްބެލީމަ އެބައެނގޭ މިހާރު ހުރިމޮނިސްޓަރަކީ އެންމެ ތަޖިރިބާކާރުބޭފުޅާކަން މިއަދު ފުއްގަނޱެއް މޮޱޭހެން ޓައަރިޒަމް މޮޱެލަނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް